މެކްރޯން އުޅުއްވަނީ ނަޕޯލިއަން ހެދިގެން

Loading

Facebook
Twitter
WhatsApp

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަދުވަހު ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި ފަރަންސޭސި ވިލާތުގެ ސިފައިން ޔޫކްރެއިނަށް އެހީތެރިވާން ފޮނުވުމުގެ ކުރިން ނަޕޯލިއަންގެ މަތިން ހަނދާންކުރަން ރައީސްޕޫޓިންގެ ބައިވެރިން އިންޒާރުދީފިއެވެ.                                                    
ފަރަންސޭސި ސިފައިން ޔޫކްރެއިނަށް ހިނގައްޖެނަމަ ކުރިމަތިލާން ޖެހޭނީ 1812 ވަނައަހަރު ނަޕޯލިއަން ބޮނަޕާރޓޭގެ ގްރޭންޑް އާރމީންނަށް މެދުވެރިވި ހާލަތުކަން އެއިންޒާރުގައި ބުނެފައިވެއެވެ.

ރަޝިޔާގެ މި އިންޒާރު އައިސްފައިމިވަނީ ދާދި މިދާކަށް ދުވަހު ފަރަންސޭސި ރައީސް މެކްރޯން ޔޫކްރެއިނަށް އެހީތެރިވުމަށްޓަކައި ޔޫރަޕުގެ ސިފައިން ފޮނުވަން ގޮވާލުމާ ގުޅިގެންނެވެ. މެކްރޯންގެ ގޮވާލުމަށް އަދި މިހާތަނަށް ޔޫރަޕްގެ އެއްވެސް ގައުމަކުން އިޖާބަ ދީފައެއް ނުވެއެވެ. މެކްރޯންގެ ވާހަކަފުޅާ ގުޅިގެން އެމެރިކާއާއި އިނގިރޭސި ވިލާތާއި އަދި ޔޫރަޕުގެ ގިނަގައުމުތަކަކުން ބުނެފައިވަނީ ޔޫކްރެއިނަށް ސިފައިން ފޮނުވުމަށްވުރެން މުހިންމު އެހެން ގިނަ ކަންތަކެއް ހުރުމާއެކު އަދި ނޭޓޯގެ ސިފައިން ޔޫކްރެއިން ހަނގުރާމައިގާ ބައިވެރި ވެއްޖެނަމަ ރަޝިޔާގެ އިންޒާރާ ކުރިމަތިލާން ޖެހުމުގެ ބިރުވެރިކަންވެސް އެބަ އޮތް ކަމަށެވެ.

ފަރަންސޭސި ރައީސްގެ ގޮވާލުމަށް އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުން ތާއީދު ކުރާކަން ވަނީ ހާމަކޮށްފައެވެ.

ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅަކުކަމުގައިވާ ޔަޗެސްލަވް ވޮލޯޑިން ބުނެފައިވަނީ ފަރަންސޭސި ރައީސް ހީކޮށްގެން އެ އުޅުއްވަނީ އެ މަނިކުފާނަކީ ނަޕޯލިއަން ބޮނަޕާރޓޭ ކަމަށާއި ނަޕޯލިއަން ހެދިގެން އުޅުމުން ލިބޭނީ ލަނޑެއް ކަމަށާއި އެ ވިސްނުން ދޫކޮށްލަން ނަސޭހަތްތެރިވާ ކަމަށެވެ. މެކްރޯން ހީކުރައްވައިގެން އެ އުޅުއްވަނީ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިއްޖެއްޔާ އެމަނިކުފާނަކީ ދުނިޔޭގެ އެންމެ ބާރުގަދަ ލީޑަރު ކަމަށް ވެވިދާނެ ކަމަށެވެ.

ނަޕޯލިއަންގެ ހަލައްކަ ސިފައިން ކިސަޑުގަނޑުތެރޭގައި ވަޅުލެވިގެންތިބި ދުވަސް ހަނދާން ނައްތާނުލަންވެސް ޔަޗެސްލަވް އިންޒާރު ދެއްވިއެވެ.

1812 ވަނަ އަހަރު ނަޕޯލިއަން ރަޝިޔާއަށް އަރައިގަތުމުގައި ކުރީ ކޮޅު ވަރަށް ގަދަޔަށް ހަނގުރާމަކޮށް ކުރިއަށް ޖެހެމުން ދިޔައެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންނަށް ޖެހުނީ ރަޝިޔާގެ ހަނގުރާމައިގެ ހުނަރުތަކާ ކުރިމަތިލާށެވެ. އެންމެ ފަހުން އެތައް ބަޔަކު ހަނގުރާމައިގާ މަރުވެ ދެންތިބި ސިފައިން ރަޝިޔާގެ ގަދަފިނީގައި ކާނެއެއްޗެއް ނުލިބި ބަޑަށް މަރުވެ ދިޔައީއެވެ.

ޔޫކްރެއިން ހަނގުރާމައިގާ ރަޝިޔާއާއި ހުޅަނގުގެ ގުޅުންތައް މިވަނީ 1962 ވަނައަހަރު ހިނގާދިޔަ  ކިއުބާ މިސައިލްގެ މައްސަލާގައި އުފެދުނު ދެކޮޅުވެރިކަމަށްވުރެންވެސް ބޮޑަށް ގޯސްވެފައެވެ. ދުނިޔޭގައި އެންމެ ގިނަ ނިއުކްލިއަރ ހަތިޔާރު ހުރީ ރައީސް ޕޫޓިންގެ ބާރުގެ ދަށުގައެވެ. ރަޝިޔާއަށް ނުރައްކާ ކުރިމަތިވުމުން އެ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ރައީސް ޕޫޓިން ގެންދަވަނީ ވަރަށް ސަރީހަ ބަހުރުވައިން ހާމަކުރައްވައި އިންޒާރު ދެއްވަމުންނެވެ.

ރަޝިޔާގެ ކުރީގެ ރައީސް އަދި ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ ނައިބު ރައީސް ދިމިޓްރީ މެޑްވެޑޭވް ވިދާޅުވީ މެކްރޯންގެ ވާހަކަފުޅުން ބާރުހޯދުމަށްޓަކައި އެމަނިކުފާނުގެ މަކަރުވެރި ރޭވުން ހާމަވެގެންދާ ކަމަށާއި އަދި ޔޫރަޕްގެ ލީޑަރުން ބައިބައިވެފާތިބި މިންވަރުވެސް އެނގިގެންދާކަމަށެވެ. އަދި ހިތުން ނެޕޯލިއަން ބޮނަޕާރޓޭގެ ވާރިސަކުކަމުގައި ދެކިގެން އުޅޭ މެކްރޯން މީގެ 200 އަހަރު ކުރީގެ ވީދިފާއޮތް މިލިޓްރީ މަޚްމާގަޑެއް ދެކޮނޑުމަތީ ބާއްވައިގެންހުރެ އެ ދައްކާ ވާކަތަކަކީ އޭގެޒާތުގައި ވަރަށް ނުރައްކާތެރި އަދި ހަމަ އެހާމެ ދެކޮޅުނުޖެހޭ ވާހަކަ ތަކެކެވެ.                                                                 

މެޑްވެޑޭވަކީ މީގެކުރިން މެދުމިނުގެ ވިސްނުންފުޅެއް ގެންގުޅުއްވި ބޭފުޅެކެވެ. އެކަމަކު ޔޫކްރެއިންގެ ހަނގުރާމަ ފެށުމަށްފަހު އެމަނިކުފާނުގެ ވިސްނުންފުޅު މިހާރު އެހުރީ ނުރައްކާތެރި ބާޒެއް ފަދައިން ވެފައެވެ. ފަހަކަށް އައިސް ހުޅަނގުގެ ގައުމުތަކަށް އެންމެގިނައިން ނުރައްކާތެރި އިންޒާރުތައް ދެމުން ގެންދަވަނީވެސް އެ މަނިކުފާނެވެ.   

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވް ވިދާޅުވީ މެކްރޯންގެ ވާހަކަފުޅަކީ ހުޅަނގުގެ ގައުމުތަކުގެ ވެރިންނަށްވެސް މާ ކަމުދާ ވާހަކަތަކެއްހެން ހީނުވާކަމަށެވެ. ނޭޓޯގެ ލަޝްކަރެއް ރަޝިޔާއާ ދެކޮޅަށް ނިކުތުމަތީ ނުރައްކާތެރިކަން ބޮޑު ކަމަކަށް ވާނެއެވެ. ހުޅަނގުގެ ގިނަ ގައުމުތަކަކުން މެކްރޯންގެ ވިސްނުންފުޅަށް ތާއީދު ނުކުރެވޭކަން އެހާ އަވަހަށް ފާޅުކުރުމުގެ ސަބަބަކީވެސް އެއީ ކަމުގައި ބެލެވެއެވެ.

Loading

One Response

  1. ޔޫރަޕުގައި ކިރިޔާވެސް ހިންދެމިލެވޭވަރު ގައުމަކަށް މިހާރު މިއޮތީ ފަރަންސޭސިން. އެހެންވެގެން ފެންވަރު އޮޅެނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް