ޕާކިސްތާނަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއި އަދި އިގުތިސާދީ ނުފުދުންތެރިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ދާއިރާއަކީ ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިނެވެ.
1962 ވަނަ އަހަރު ޖެކިއުލިން ކެނެޑީ ވިދާޅުވި ބަސްފުޅު “ ގްރޭޓް ޕީޕަލް ޓު ފްލައި ވިތު “ މިއަދުވެސް ބޭނުން ކުރަމުން ދިޔަ ކަމުގައިވިޔަސް ޕާކިސްތާނު އެއަރލައިނުން ފަހަކަށް އައިސް ހަގީގީ މާނައެއްގައި އެ ބަސް ތަމްސީލު ކޮށްދޭ ތަނެއް ނުފެނެއެވެ. ބައެއް ފަރާތްތަކުން ޕީއައީއޭ މާނަކުރަނީ ވެސް ހެއްވާ ގޮތަކަށެވެ.
2018 ވަނަ އަހަރުން ފެށިގެން ޕާކިސްތާން އެއަރލައިނުން ދެކެން ބޭނުން ނުވާނެ އެކަމަކު ފެނުން އާންމުވެގެންދާ އެއް މަންޒަރަކީ ފްލައިޓްތައް ކެނެޑާއަށް ދިއުމުން އެއަރ ހޯސްޓެސް އިން ކެނެޑާގެ ވައިގެތެރެއަށް ގެއްލިގެންދިއުމެވެ.
އެންމެ ފަހުން ކެނެޑާގެ ޓޮރޮންޓޯގެ ފިނި ވައިގެ ތެރެއަށް ގެއްލިގެން ދިޔަކަމަށް މީޑިއާތަކަށް އެނގިފައިވަނީ އެއަރލައިންގައި 15 ވަރަކަށް އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވާ އެއަރހޮސްޓެސް މަރިޔަމް ރިޒާއެވެ.
މި ފެބްރުއަރީ މަހުގެ 26 ވަނަދުވަހު ކެނެޑާއިން ކަރާޗީއަށް ފުރަން އޮތް ފްލައިޓްގެ ޑިއުޓީއަށް އަންނަންޖެހޭ މަރިޔަމް ލަސްވެގެން އެއަރހޮސްޓެސް އިން ތިބޭ ހޮޓަލަށް ގޮސް ބެލިއިރު މަރިޔަމްގެ ކޮޓަރިން ފެނުނީ “ ތޭންކް ޔޫ ޕީއައިއޭ“ ލިޔެފައި އޮތް ނޯޓެކެވެ.
އާންމު ގޮތެއްގައި ޕާކިސްތާން އެއަރލައިންގެ އެއަރހޮސްޓެސް ވަޒީފާއަށް ގުޅޭ އުމުރަކީ 15 އަހަރާއި 17 އަހަރެވެ.
މީޑިއާތަކުން ބުނެފައިވާގޮތުގައި މިއީ މިއަހަރުގެ ތެރޭގައި ކެނެޑާގެ ޖައްވަށް ގެއްލުނު ޕާކިސްތާން އެއަރލައިންގެ ދެވަނަ އެއަރ ހޮސްޓެސް އެވެ. މިއަހަރު ޖެނުއަރީގައި އެއަރހޮސްޓެސް ފާއިޒާ މުޚްތާރު ވަނީ ކެނެޑާއަށް ފިލައިފައެވެ.
2023 ވަނައަހަރު ޕާކިސްތާން އެއަރލައިންގެ 7 ފަޅުވެރިން ވަނީ ކެނެޑާއަށް ފިލައިފައެވެ.
ދިރިއުޅުމަށް ތަނަވަސްކަން ހޯދަން މަސައްކަތްކުރުމަކީ ކޮންމެމީހަކުގެ ވެސް އެދުމަކަށްވާނެއެވެ. އަދި އެ ފުރުސަތަށް ބަލަބަލައި ތިބުމަކީ ނުރަނގަޅު ސިފައެކޭ ވެސް ނުބުނެވޭނެއެވެ. ބައެއް މީހުންނަށް ދިމާވެފައިވާ ސަބަބުތަކަކާހުރެ އެ ފަދަ ފުރުސަތުތަކުން މަހުރޫމްވެފައި ވެސް ތިބޭނެކަން ފާހަގަކުރަން ޖެހޭނެއެވެ. ކޮންމެއަކަސް ޕާކިސްތާން އެއަރލައިންގެ ފަޅުވެރިން ކެނެޑާއަށް ފިލުމުގައި އެއަރލައިނުން ނުބައިކުރަނީ ކެނެޑާގެ ލުއިފަސޭހަ އެސައިލަމްގެ ނިޒާމެވެ. ދިވެހިން ބުނެ އުޅޭފަދައިން މަސްނުބޭނުނީމާ ކަނޑު ނުބައިކުރުން ފަދައިންނެވެ.
ޕާކިސްތާން އެއަރލައިނުން ވާހަކަދެއްކި ޢަބްދު ހަފީޒް ޚާން އަރަބް ނިއުސްއަށް ކިޔައިދިން ގޮތުގައި އެއަރ ހޮސްޓެސްއިން ކެނެޑާއަށް ފިލުމުގައި މަގުފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ މީގެކުރިން ކެނެޑާއަށް ފިލައިގެން ގޮސްތިބި އެއަރލައިންގެ ބައެއް ފަޅުވެރިންނެވެ.