ނަޒާކީ ޒަކީ ފަޅާ އަރުވައިލި އެމްޕީއެލްގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި 3 މީހަކަށް ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކުގައި އެމްޕީއެލްއާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި އެ ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތެރޭގައި އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ވިއްކުމުގައި އެ ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ވާހަކަ ފަޅާ އަރުވައިލީ އޭރު އެމްޕީއެލްގެ އެ ޗެއަރމަން މުޙައްމަދު ޒަކީ (ނަޒާކީ) އެވެ.

އެކަން ހާމަކުރައްވައި 25 ނޮވެމްބަރު 2020 ގައި ޒަކީ ވިދާޅުވެފައިވަނީ އެމްޕީއެލްއިން އަށް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާއި އެއްގޮތަށް ސަސްޕެންޑް ނުކުރެއްވުނީތީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ބޮޑު ވައްކަމުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވިކަމަށް އޭރު ޒަކީ ވިދާޅުވިއެވެ.

މި މައްސަލާގައި އަންނަނިވި ދައުވާތައް ކުރުމަށް 28 ފެބްރުވަރީ 2024 ދުވަހު ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

މި މައްސަލާގައި ސ.ފޭދޫ، ވާރުގެ، މުޙައްމަދު އައިމަންގެ މައްޗަށް ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާ އުފުލައިފައެވެ.

ސަބަބު: މުޙައްމަދު އައިމަން، 2019 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރެ ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ ސޮއިކުރުމަށް ސ.މަރަދޫ، އާޒާދުގެ، ޙަސަންދީދީއަށް އިރުޝާދު ދީ، މި ޑެލިވަރީ ނޯޓްތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސްކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ލިބިފައިނުވާ ޖުމްލަ 783،100 ލީޓަރު ޑީސަލް ލިބިފައިވާކަމަށް ލިޔެކިޔުންތަކުން ދައްކުވައި، އެ ޑީސަލްގެ އަގަށްވާ ޖުމްލަ 6،799،800 ރުފިޔާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދައްކައި، ޖުމްލަ 783،100 ލީޓަރު ޑީސަލްއަށް ޚިޔާނާތްތެރިވެފައިވާތީ.

މީގެއިތުރުން ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބްގެ މައްޗަށް ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އުފުލައިފައެވެ.

ސަބަބު: ސޮޖިބް، 2020 ވަނަ އަހަރުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ މަޤާމުގައި ހުރެ، ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ޑެލިވަރކުރުމުގެ މުޢާމަލާތްތައް ކުރުމުގައި، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް، މި ޑެލިވަރީ ނޯޓުތަކުގައި ބަޔާންކޮށްފައިވާ ޑީސަލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޑެލިވަރކޮށްފައިވާކަމަށް ދެއްކުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުރި ސ.މަރަދޫ، އާޒާދުގެ، ޙަސަންދީދީއާ ހަވާލުކޮށް، ފިއުލް ސަޕްލައި މޯލްޑިވްސްއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޑެލިވަރީކުރަންޖެހޭ އެކު ޖުމްލަ 783،100 ލީޓަރު ޑީސަލްއަށް މީނާ ޚިޔާނާތްތެރިވެފައިވާތީ.

ސ.މަރަދޫ އާޒާދުގެ ޙަސަން ދީދީގެ މައްޗަށް އުފުލީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.

ސަބަބު: ޙަސަން ދީދީ، 2019 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުރެ، ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމުގެ މުޢާމަލާތްތައް ކުރުމުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓުތަކަކީ ޞައްހަނޫން ނޯޓުތަކެއްކަން އެނގިހުރެ އެ ލިޔުންތައް ބަލައިގަނެ ސޮއިކުރުމަށްފަހު ލިޔުންތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސް ކުރުމަށްޓަކައި ޑެލިވަރީ ނޯޓްތައް ސ.ފޭދޫ ވާރުގެ މުޙައްމަދު އައިމަންއާ ޙަވާލުކޮށްފައިވާތީ.

މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށްވެސް ތުހުމަތުކުރެވެއެވެ. އެ ދެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، މިވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފައެވެ.

“މި މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަަލައެކެވެ. މިހާތަނަށް މި އޮފީހަށް ބަލައިގަނެފައިވާނީ މި މައްސަލައިގައި ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައެވެ.“ ޕީޖީ އޮފީހުން ބުންޏެވެ.

މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޕީޖީ ޙުސައިން ޝަމީމްގެ ފޮޓޯ: މިހާރު ނޫސް

Loading

One Response

  1. މަދުމީހެއް ވަޒީފާ ދޫކޮށްލަނީ. ޒީރޯ ޓޮލެރެންސް އެއީ އިބޫގެ ފޭކް އެއްޗެއްނު؟ ދެރައީ ޒަކީ އިބޫގެ ފޭކް ސްޓޯރީ ގަބޫލުކޮށް ކަރަޕްޝަނާއި ފަސާދައާއި ދެކޮޅުހެދި ކަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް