އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި އެވެ.
ޝަރީއަތްނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ ތިން މީހުންނެވެ. އެރަށު ފިނިފަރު ހަސަން އާމިރު،25، އާއި ބުލޫބާރޑް،ހޫދު ލަތީފް،24، އާއި މަންދޫބްގެ ހުސައިން ސިމާހު 27، އެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހޫދު ލަތީފަކީ މި މައްސަލައާ ގުޅިގެން ބުދަ ދުވަހު ހައްޔަރުކޮށް އެދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހެއްކަމަށެވެ. އަނެއް ދެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.
މި މައްސަލައާއި ގުޅިގެން މި ތިން މީހުންނާއެކު ޖުމްލަ ފަސް މީހަކަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮފައެވެ. އެއީ މި މައްސަލައާއި ގުޅިގެން ކުރިން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި އައްޑޫސިޓީ ހިތަދޫ ކޯޅި.މުހައްމަދު ޔާމިން ނަސީރު 23، އާއި އެރަށު ފިނިފަރު،އަބްދުﷲ އިބްރާހިމް 33، އެވެ.
މި މަހު އެކަކުން ފެށިގެން ފުލުހުން ކުރިއަށްގެންދާ މި ބޮޑު އޮޕަރޭޝަންގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލައިގައި ފަހުން ހައްޔަރުކުރި ދެ މީހުން ހައްޔަރުކޮފައިވަނީ އޮކްޓޯބަރު ފަސްވަނަ ދުވަހާއި ހަތްވަނަ ދުވަހުގައިކަމަށް ފުލުހުން ހާމަކުރައްވައެވެ. އެ ދެމީހުންގެ ތެރެއިން މިމަހު ހަތެއްގައި ހައްޔަރުކޮސްފައިވަނީ ހިތަދޫ، ބުލޫބާރޑް، ހޫދު ލަތީފް އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ އަށް މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މަސްތުވާތަކެތީގެ ޑީލަރެއްކަމަށް ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއެކު ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ހޯދުމަށް ފުލުހުން ކުރިއަށްގެންދާ މިބޮޑު އޮޕަރޭޝަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ކަނޑުމަތިން އަތުލަގެންފައިވެއެވެ.