ކޮލޮމްބޯއިން ޑެއިލީ މިރަރ ޚަބަރު ދީފައިވާގޮތުގައި ސްރީލަންކަން އެއަރލައިންގެ ފްލައިޓެއްގެ ތެރޭގައި މީދާ އުޅޭތަން ފެނިގެން އެ ފްލައިޓް ފުރުން ލަސްކޮށްފިއެވެ.
މިކަން ސްރީލަންކަންގެ ޗެއާރމަން އަޝޯކް ޕަތިރާގެ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
ސްރީލަންކާގެ އެވިއޭޝަނާ ބެހޭ ވަޒީރާއެކު ދެއްކެވި ވާހަކަ ފުޅުގައި ޗެއަރމަން ވިދާޅުވެފައިވަނީ މީދާ ފެނުނު މަތިންދާ ބޯޓު އަލުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މުޅިބޯޓަށް ސްޕްރޭ ކުރުމަށްފަހު އެއްދުވަސްވަންދެން ދަތުރުނުކޮށް ބާއްވަން ޖެހުނު ކަމަށެވެ. އަދި އެ ނޫން އެހެން 2 އެއާރކްރާފްޓެއް ވެސް ޓެކްނިކަލް މައްސަލައިގައި ބާއްވަން ޖެހުނު ކަމަށްވެސް ވަޒީރު އަރިހުގައި ދެންނެވިކަމަށް ވެއެވެ.
އެހެންނަމަވެސް ނިއުސްވަޔަރ އިން ސްރީލަންކަންގެ ސްޕޯކްސް ޕަރސަންއަށް ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި ބައިނަލް އަގްވާމީ ދަތުރތައްކުރަން ހަމަޖެހިފައިވާ ސްރީލަންކަންގެ 7 ފްލައިޓެއްގެ ދަތުރު ވަނީ ލަސްކުރަން ޖެހިފައެވެ.
ސްރީލަންކަންގެ ޗެއަރމަންގެ ވާހަކަތަކާ ގުޅިގެން މީދާ ފެނުނު ބޯޓަށް މީދާ އެރިގޮތެއް ހޯދުމަށް އެއްވެސް ތަހްގީގެއް ކުރެވުނުތޯ ވަޒީރު ސުވާލު ކުރެއްވިކަމަށް ވެއެވެ.
ސްރީލަންކަންގެ ފްލައިޓްތަކުގެ ދަތުރުތައް ލަސްވަމުން ދިއުމުގެ ސަބަބެއްކަމުގައި ފަނަރަވަރަކަށް ގްރައުންޑް ހޭންޑްލިން މަސައްކަތު މީހުން ވަޒީފާއަށް ނުނިކުތުމާއި 3 މީހަކު ޗުއްޓީގައި ތިބުމާއި ދެން ބާކީ ތިބި 12 މަސައްކަތމީހުންވެސް ވަޒީފައަށް ނިކުންނަނީ ހިތަށް އެރި ދުވަހަކު ކަމުގައިވެސް ވަޒީރު އަރިހުގައި ދެންނެވި ކަމަށް ޚަބަރުގައި ބުނެފައި ވެއެވެ. މިވާހަކަތަކާމެދު ވަޒީރު ކޯފާއިސްކުރައްވައި ގަވައިދުން ޗުއްޓީ ނަގައިގެންނޫން ގޮތްގޮތަށް ވަޒީފާއަށް ނުނިކުމެ ތިބޭ މީހުން ވަޒީފާއިން ވަކިކުރަން އެންގެވިއެވެ.
ސްރީލަންކަން އެއަރލައިންގައި މިހާރު އޮތީ ޖުމުލަ 20 އެއާރކްރާފްޓެވެ. އޭގެތެރެއިން 3 އެއާރކްރާފްޓް އޮތީ ދުއްވޭވަރު ނުވާތީ ބާއްވާފައެވެ.
ޗެއަރމަން އަޝޯކް ޕަތީރާ ވަޒީރު އަރިހުގައި ދަންނަވާފައިވަނީ އޭ 330 މަރކާގެ އިތުރު 5 އެއާރކްރާފްޓް ގަންނަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
މިހާރަކަށް އައިސް ދުނިޔޭގެ ބާޒާރުގައި އެއާރކްރާފްޓްގެ ޑިމާންޑް ބޮޑުވެފައި އޮތުމާއެކު އަދި ސްރީލަންކާގެ އިގްތިސާދީ ފުދުންތެރިކަންނެތުމުގެ ސަބަބުން މިކަމަށް އޮތީ އަނދިރިކަމާއެކު ހިޔަނި އެޅިފައެވެ.
އެމެރިކާ ޑޮލަރުގެ ނިސްބަތުން ސްރީލަންކަން ރުޕީސް އިއްޔެގެ މާރކެޓް ރޭޓަކީ އެމެރިކާ ޑޮލަރަކަށް 311 ވަރަކަށް ސްރީލަންކަން ރުޕީސްއެވެ.