ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އިންޒާރު ދިނުމުން ހަތަރު މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އިންޒާރު ދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 13:20 އެހާކަންހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހިން ޓްރެފިކް ގަވައިދާ ހިލާފަށް އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑު ކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދިއުމުން ދެވަނަ ފިޔަވަހިން ހުއްޓުވައި، ސައިކަލު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަދި އެތަނުގައި ހަރަކާތްތެރިވި ފުލުހުންނާއި އެ ފުލުހުންގެ އާއިލާއަށް ނިސްބަތްކޮށް އިންޒާރު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެކި ދުވަސް މަތިން ކޯޓު އަމުރުގެ ދަށުން ތިން މީހުން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށެވެ.

މީގެ ތެރެއިން 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މީހާ ހުޅުމާލޭން ހައްޔަރު ކޮށްފައިވާއިރު، 21 އަހަރުގެ އެކަކު ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އިއްޔެ ހައްޔަރު ކުރި 21 އަހަރުގެ މީހާ 2 ދުވަހަށް އަދި ކުރިން ހައްޔަރުކުރި 21 އަހަރުގެ މީހާއާއި 24 އަހަރުގެ މީހާ 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ދެން ހައްޔަރު ކުރި 26 އަހަރުގެ މީހާ ލ. ގަމުން ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ގެއިން އެއްގޮތަކަށް ވެސް ނުނިކުމެވޭ ގޮތަށް، ޝަރުތުކޮށް އަދި ކަފާލާތުގެ ދަށުން އެހެން މީހަކު ޖާމިނު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް