ފަލަސްތީނުގެ ބޮޑުވަޒީރާއި ސަރުކާރު އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ސީއެންއެން އިން ދާދި ދެންމެއަކު ޚަބަރު ދީފައިވާ ގޮތުގައި ފަލަސްތީނުގެ ބޮޑުވަޒީރު މުޙަންމަދު ޝްތާޔާހް އާއި ސަރުކާރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެމަނިކުފާނުގެ އިސްތިއުފާ ގުޅިފައިވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ.

ވަތަން ޓީ. ވީ އިން ސަރުކާރުގެ އިސް އޮފިޝަލުންނާ ޙަވާލާދީ ބުނެފައިވާގޮތުގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވީ އަރަބި ގައުމުތަކާއި އަދި އެމެރިކާގެ ފިއްތުންތަކާހުރެ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެގޮތަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. އަދި އެއީ މިހާރު ހިންގަމުންދާ ހަނގުރާމަ ނިމުމުން ގައްޒާއަކީވެސް ފަލަސްތީނު ސަރުކާރުން ހިންގާ ސަރަހައްދެއް ކަމަށް ހެދުމުގެ ބޭނުމުގައި ކަމަށްވެސް ބުނެފައިވެއެވެ. ޚަބަރުތަކުން އެނގިފައިވާގޮތުގައި އެއީ އެމެރިކާއާއި ހުޅަނގުން އަދި އަރަބި ގައުމުތަކުންވެސް ބޭނުންވާގޮތެވެ.

އެމަނިކުފާނުގެ އިސްތިއުފާއަކީ ހަމައެކަނި ނަމެއްގައި ދެއްވި އިސްތިއުފާއެއްކަމަށް ބެލެވެއެވެ. އަދި އެއީ އިސްރާއީލުގެ ވަރުގަދަ ދެކޮޅު ހެދުންތަކާއެކުގައިވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ދޮރުހުޅުވުން ކަމުގައިވެސް ބުނެފައިވެއެވެ.

ޝްތާޔާހ އަކީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ވަރަށް ވަފާތެރި ބޭފުޅެކެވެ. ބޮޑުވަޒީރުގެ މަގާމުގައި އެ ހުންނަވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ.

ބޮޑުވަޒީރު ޝްތާޔާހ އިސްތިއުފާ ދެއްވި ނަމަވެސް އެހެން ސަރުކާރެއް އުފެއްދުމާ ހަމަޔަށް ވަގުތީ ސަރުކާރު ހިންގަވާނީ އެމަނިކުފާނެވެ. ބެލެވޭ ގޮތުގައި އެހެން ސަރުކާރެއް އުފެއްދުމަށް މަހަކަށްވުރެ ވެސް ގިނަދުވަސް ނަގައިފާނެއެވެ.

ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ކަންތައް މިގޮތަށް ތަރުތީބުވެގެން ދާއިރު މިކަންތައް ހަގީގަތަކަށް ހެދުމުގައި ގިރާކުރަން ޖެހޭ ހުރަސްތައްވެސް މަދެއްނޫނެވެ. އެކަމަކު ބާރުގަދަ އެމެރިކާއިން ބޭނުންވާނަމަ އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަކެވެ. މިއަދާ ހަމަޔަށްވެސް ފަލަސްތީނުގެ ދައުލަތެއް ވުޖޫދުނުކުރުމާއި ފަލަސްތީނު ރައްޔިތުންގެ އިންސާނީ ކަރާމަތާއި ހައްގުތައް އިސްރާއީލުން ނިގުޅައިގެންފައިވަނީ އެމެރިކާގެ ބާރުގައެވެ. ޔުނައިޓެޑް ނޭޝަންސްގެ ގަރާރުތައް ތަންފީޒުކުރުން މަނާކުރަމުން ގެންދަނީވެސް އެމެރިކާގެ ބާރުގައެވެ.        

މަހްމޫދު އައްބާސްގެ ވެރިކަމުގައި ދަށުގައި އޮންނަ ޕެލަސްޓައިން އޮތޯރިޓީއަކީ ފަތަހް ޖަމާއަތަށް ނިސްބަތްކުރެވޭ ހުޅަނގު އައްސޭރި ސަރަހައްދެވެ. އެ ސަރަހައްދަކީވެސް 1967 ގައި ކުރެވުނު ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ސަރަހައްދެކެވެ. ހަމާސްއިން ވެރިކަން ކުރަމުންގެންދާ ގައްޒާއަކީ އެ ސަރުކާރުގައި މިހާރު ހިމެނޭ ސަރަހައްދެއްނޫނެވެ.

އެމެރިކާއިން ބޭނުންވަނީ ހަނގުރާމަ ނިންމުމަށްފަހު އެންމެ ފުރަތަމަ އިސްލާހް ކުރެވިފައިވާ ޕެލަސްޓައިން އޮތޯރިޓީއެއްގެ ދަށަށް ގައްޒާ ގެނައުމަށެވެ. އިސްރާއީލުން މިހާރުވެސް ގެންދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. ޕެލަސްޓައިން އޮތޯރިޓީ ނުވަތަ ހަމާސް އިން ވިޔަސް ގައްޒާގައި ވެރިކަން ކުރާކަށް އިސްރާއީލުން ރުހުމެއް ނުދޭނެއެވެ. އެހެންނަމަވެސް އެއްވެސް ސިޔާސީ ޖަމާއަތަކަށް ނިސްބަތް ނުކުރެވޭ އަދި ގައުމުގެ ރައްޔިތުންގެ ބަހެއް ނެތް ޓެކްނޯކްރެޓިކް ސަރުކާރެއް އެ ސަރަހައްދުތަކުގައި އުފެއްދުމުގެ ފުރުސަތު އަދި އޮތީ ކޮންމެވެސް ސިފައެއްގައި ހުޅުވިފައޭ ބުނެވިދާނެއެވެ.

މުސްތަގްބަލްގައި އުފެދިދާނެ ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަންގެ ސަރުކާރެއްގައި އެއްވެސް ސިޔާސީ މަގާމެއް ނުލިބޭގޮތަށާއި ބަސްނުވިކޭ ގޮތަކަށް ހަމާސްއިން ބައިވެރި ވެވިދާނެކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް