ހޫތީ މުޖާހިދުންގެ އިންޒާރާ އެއްގޮތަށް ކަނޑު އަޑީގެ ކޭބަލްތަކެއް ހަލާކު ކޮށްލައިފި

Loading

Facebook
Twitter
WhatsApp

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހޫތީ މުޖާހިދުން ދީފައިވާ އިންޒާރެއްގައި ބުނެފައިވާކަމަށް ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވަނީ އެ ޖަމާއަތުން އަލަށް ދީފައިވާ އިންޒާރުގެ ތެރޭގައި ރެޑްސީގެ ތެރެއިން އަޅާފައިވާ ކަނޑު އަޑީގެ ކޭބަލްތައް ހަލާކު ކޮށްލާނެ ކަމަށެވެ. ސެޓެލައިޓްގެ ޒަރީއާއިން ދުނިޔޭގެ ކަންކޮޅުތަކުގައި ފަސޭހަކަމާއެކު މުވާސަލާތީ ގުޅުންތައް ގާއިމްކޮށްފައި އޮތް ނަމަވެސް ކަނޑު އަޑިން އަޅާފައިވާ ކޭބަލްތަކަކީ އެންމެ އާންމު ގޮތެއްގައި މިހާރު ވެސް ބޭނުން ކުރެވޭ ވަސީލަތެވެ.

އަގުހެޔޮކޮށް މުވާސަލާތުކުރުމުގައި ކަނޑު އަޑީގެ ކޭބަލްތަކުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަ ކުރަންޖެހެއެވެ.

ހޫތީ މުޖާހިދުންގެ އިންޒާރަށް ސެންޓްރަލް ކޮމާންޑުން ދިނީ ބީރު ކަންފަތެކެވެ. ކަނޑު އަޑީގައި އަޅާފައިހުރި އެތައް ސަތޭކަ ކޭބަލެއް ހަލާކު ކޮށްލުމުގެ ވާހަކައަކީ އޭގެ ޒާތުގައި ހެއްވާ ވާހަކައެކެވެ. އެއީ ކުރެވުން ވަރަށް ނާދިރު ކަމަކަށް ވީމައެވެ. އެކަމަކު އެއީވެސް ކުރެވިދާނެކަމެއްކަން ހޫތީ މުޖާހިދުން އެއޮތީ ދައްކާފައެވެ.

ޔޫރަޕާއި އޭޝިޔާ މުވާސަލާތީ ގޮތުން ގުޅުވައިލުމަށްޓަކައި ކަނޑު އަޑިން އެކި ދިމަދިމާގައި އެތައްބައިވަރު ކޭބަލްތަކެއް ވަނީ އަޅާފައެވެ. އޭގެތެރެއިން ބައެއް ކޭބަލް އަޅާފައިހުރީ ރެޑްސީގެ ތެރެއިން ލައިފައެވެ.

ސަބްމެރިން ފޯރަމަށް ހަވާލާދީ ދަ ގްލޯބް އިން އިއްޔެ ހާމަކޮށްފައިވަނީ އޭޝިޔާގެ ބައެއް ގައުމުތަކަށް މުވާސާލާތީ ގުޅުން ގާއިމް ކުރުމަށްޓަކައި ރެޑް ސީގެ ތެރެއިން އަޅާފައިހުރި ކޭބަލްތަކުގެ ތެރެއިން ހަތަރު ކޭބަލެއް ހޫތީ މުޖާހިދުން ހަލާކު ކޮށްލައިފިކަމަށެވެ. އެއީ ސައޫދީ އެރޭބިޔާގެ ޖިއްދާއާއި ޖިބޫޓީއާއި އޭޝިޔާއާގެ ބައެއް ގައުމުތަކާއި އިރުމަތީ އެފްރިކާގެ ގައުމުތަކުންވެސް ބޭނުންކުރާ ކޭބަލްތަކެކެވެ.

މި ހަތަރު ކޭބަލް ހަލާކުކޮށްލުމުގެ ސަބަބުން އެ ސަރަހައްދުގެ މުވާސަލާތު ހުއްޓުމަކަށް ނައި ކަމުގައިވިޔަސް ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. އިންޑިއާގެ މުވާސަލާތަށްވެސް ބުރޫ އަރާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ސަރަހައްދުގެ މުވާސަލާތީ ބޭނުންތަކަށް އެހެން ދިމަދިމާއިންވެސް ކަނޑުއަޑިން ކޭބަލް އަޅާފައި ހުރުމުގެ ސަބަބުން މުޅި ސަރަހައްދުގެ މުވާސަލާތައް ހުއްޓުމެއް އައިސްފައިނުވަނީއެވެ.

ގްލޯބްގެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ހަލާކު ކޮށްލާފައިވަނީ އޭ. އޭ. އައި-1 ( ސީކޮމް )  އާއި އޭ. އައި. ޖީ. ( އެމެރިކަން އިންޓަރނޭޝަނަލް ގުރޫޕް ) އަދި ޓީ. ޖީ. އެން. ގެ ( ޓައިކޯ ގްލޯބަލް ނެޓްވާރކް ) ގެ ކޭބަލްތަކެކެވެ. ޓީ. ޖީ. އެން. ގެ ކޭބަލްތައް މިހާރު ވަނީ އިންޑިއާގެ ޓާޓާ ކޮމިއުނިކޭޝަނަށް 2005 ވަނަ އަހަރު 130 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ.

އޭ. އައި. ޖީ. ( ޔޫރަޕިއަން އިންޑިއާ ގޭޓްވޭ ) ގެ ކޭބަލްތަކުން ވަނީ ޔޫރަޕްގެ ދެކުނު ފަޅީގެ ގައުމުތަކާއި މިސްރާއި ސައޫދީ އެރޭބިޔާއާއި ޖިބޫޓީ އާއި އެމިރޭޓްސް އާއި އިންޑިއާ ގުޅުން ގާއިމް ކޮށްދީފައެވެ. އެއީ އިނގިރޭސި ވިލާތުން އިންޑިއާއާއި ހަމަޔަށް އެންމެ ފުރަތަމަ އެޅިގެންދިޔަ ކަނޑުއަޑީގެ ކޭބަލްއެވެ. އެ ކޭބަލް އެޅުމަށް ޓައިކޯ އާރމް އަލްކާޓެލް-ލޫސެންޓް އިން 700 މިލިއަން ޑޮލަރ ހޭދަކޮށްފައިވެއެވެ.              

އޭ. އައި. ޖީ ގެ ހިއްސާދާރުންނަކީ އޭ. ޓީ އެންޑް ޓީ. އާއި ސައޫދީ ޓެލެކޮމް އާއި ވެރިޒޯނާއި އަދި އިންޑިއާގެ ބަރާތު ސަންޗާރެވެ.

ހޫތީ މުޖާހިދުން ހަލާކު ކޮށްލާފައިވާ އޭ. އޭ. އީ-1 އިން ގުޅުވައިދެނީ އިރުމަތީ އޭޝިޔާއިން ޔޫރަޕަށެވެ. އެއީ ސިކުންތަކު 40 ޓެރަބައިޓް ކެޕޭސިޓީގެ ކޭބަލެކެވެ. އެ ކޭބަލުން ގުޅުވައިދޭ ގައުމުތަކުގެ ތެރޭގައި ޗައިނާއާއި ޕާކިސްތާނާއި އީރާންވެސް ހިމެނެއެވެ.

ގްލޯބްގެ ރިޕޯރޓުގައި ބުނެފައިވާގޮތުން ހަލާކުކޮށްލާފައިވާ ކޭބަލްތަކަށް އޮތީ ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. އެހެންނަމަވެސް މަރާމާތު ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޭބަލްތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމުގައި މެދުވެރިވާނެ އެންމެ ބޮޑު ނުރައްކަލަކީ މިހާރުވެސް މެދުކެނޑުމެއް ނެތި ހޫތީ މުޖާހިދުންނާއި އެމެރިކާގެ ބިޔަ ކޯލިޝަނުން ދެމުން ގެންދާ ހަމަލާތަކެވެ. އެ ހަމަލާތައް ހިނގަހިނގާ ހުންނައިރު ކޭބަލްތައް މަރާމާތުކުރުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން އުޅުމަކީ ކުޑަ ބިރުވެރިކަމަކަށް ނުވާނެއެވެ. އަމާންކަމާއެކު އެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް އަށެއްކަ ހަފްތާ ނަގާނެކަމަށް ބެލެވެއެވެ.

ކޮންމެ ގޮތެއްގައިވެސް އެ މަސައްކަތްކުރަން ކޮންޓްރެކްނަގާ ކުންފުނިތަކުންވެސް މި ނުރައްކާތެރި ހާލަތާމެދު ވިސްނާނެއެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތުގެ އަގު އެތައް ގުނައަކަށް އިތުރު ވެގެން ދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް