ހދ. ނޮޅިވަރަންފަރުގައި ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ނޮޅިވަރަންފަރުގައި ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރު ކޮށްދެއްވާނެ ކަމަށެވެ.
ހަމަ އެހެންމެ ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ޚިދުމަތްދެވޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒު ހެދުމަކީ ވަރަށް އިސްކަމެއްދެއްވާނެ ކަންތައްތައް ކަމުގައި ރައީސް ވިދާޅުވިއެވެ.
ނޮޅިވަރަންފަރަކީ އާބާދީ އެއް ފަސްކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނުގައިވެސް މުހިންމު ރަށެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން އެރަށުގެ ބަނދަރު ބޮޑުކޮށް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަދަލުގެންނަވާނެ ކަމަށާއި، މަލްޓިޕަރޕަސް ހޯލާއި ބޭނުންވާ އެހެން ވަސީލަތްތަކާއެކު މުޅިން އައު ސްކޫލެއް ބިނާ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ނޮޅިވަރަންފަރުގައި ތަރައްޤީ ކުރަން ނިންމާފައިވާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށެވެ. އަދި އެ ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީކޮށް ނިމޭއިރު ފީފާ އިން ޤަބޫލުކުރާ ފެންވަރުގެ ތަނަކަށް އެ ތަން ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.