ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި ”ފޯމު ހުށަހެޅުން“ މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

އިނާމަށް ނަން ހުށަހެޅޭނީ، މިއަދުން ފެށިގެން 2024 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ޕޯޓަލްގެ އެޑްރެހަކީ

http://apply.presidency.gov.mv އެވެ.

އިނާމަށް ހުށަހަޅާއިރު، ހުރިހާ މަޢުލޫމާތުތައް ފުރިހަމަކޮށް، އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކުގައި އިނާމަށްއެދޭ ފޯމު ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދިފައިވެއެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ޤާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.

އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބައްލަވާނެއެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަޤީން ކުރައްވާނެއެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

މި އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެމީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.

މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް