ގިނަ ޚިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިމާރާތެއް ހއ. ދިއްދޫގައި އަޅައި، ޞިއްޙީ ޚިދުމަތް ރަނގަޅުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިއްދޫގައި ތަރައްޤީ ކުރާ ހޮސްޕިޓަލް އިމާރަތް ވެގެންދާނީ ރައްޔިތުން އެދޭފަދަ އަދި މުޅި އަތޮޅަށްވެސް އޭގެ ފައިދާ ލިބިގެންދާނެ ތަނެއް ކަމުގައެވެ.
ހަމަ އެހެންމެ މިހާރު އޮތް އެމްބިއުލަންސްގެ އިތުރުން އެމްބިއުލަންސެއް ހޯދައިދިނުމާއި މިހާރު ހުރި ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިއްދޫ އެއަރޕޯޓުގެ މަސައްކަތް ވަޢުދުވެޑައިގެންފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި އެމަސައްކަތް ކުރިއަށްދާނީ ބިން ހިއްކުމުގެ އިތުރު މަޝްރޫޢަކާއެކު ކަމަށެވެ.
ދިއްދޫގެ މުސްތަޤުބަލަށް ގެދޮރުވެރިކަން ކުރިއަށް ގެންދާނެ ކަމަށާއި އަދި އެ މަޝްރޫޢަކީ އެންމެ އިސްކަންދޭނެ އެއް މަޝްރޫއަށްވާނެކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ދިއްދޫގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމަކަށް އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.