އެމެރިކާގެ އެމް ކިޔޫ-9 ރީޕަރ މަރުކާގެ 30 މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ހަނގުރާމަމަތީ ޑްރޯނެއް ހޫތީ މުޖާހިދުން އަނެއްކާވެސް ވައްޓާލައިފިއެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ހޫތީ މުޖާހިދުން ވައްޓާލައި ހަލާކުކޮށްލި މި މަރުކާގެ ދެވަނަ ޑްރޯނެވެ. އެމެރިކާގެ ދެ އޮފިޝަލަކު ވަނީ މިވާހަކަ ބިޒްނަސް އިންސައިޑަރާއެކު ހިއްސާ ކޮށްފައެވެ.
ހޫތީ މުޖާހިދުން ބުނެފައިވަނީ އެ ޑްރޯން ހަލާކުކޮށްލައި ވާއްޓާލީ ސަރފޭސް ޓު އެއަރ މިސައިލަކުން ކަމަށެވެ. އެ ދެ ޑްރޯން ވައްޓާލައި ހަލާކުކޮށްލާ މަންޒަރު އެ ޖަމާއަތުން ވަނީ މީޑިއާގައިވެސް ހިއްސާ ކޮށްފައެވެ. އެ ޚަބަރާއި އަދި ވީޑިއޯ އާއި ބެހޭގޮތުން ސެންޓްރަލް ކޮމާންޑުން މިހާތަނަށް ވަކިއެއްޗެކޭ ނުބުނެއެވެ. އެހެންނަމަވެސް އެމެރިކާގެ އޮފިޝަލުން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ ޔަމަނުގެ ގޮނޑުދޮށުގެ އައްސޭރި ފަށުން ހޯމަދުވަހު އެމް.ކިޔޫ-9 މަރުކާގެ ހަނގުރާމަމަތީ ރީޕަރ ޑްރޯނެއް ސަރފޭސް ޓު އެއަރ މިސައިލެއް ބޭނުންކޮށްގެން ހޫތީ މުޖާހިދުން ވައްޓާލިކަމަށް ބުނާ ބުނުމަކީ ތެދެއްކަމަށެވެ. ޕެންޓަގަނުން އިތުރަށް ބުނެފައިވާގޮތުގައި ވައްޓާލި ޑްރޯނުގެ ބައިތައް އަދިވެސް ނުފެނެއެވެ.
މީގެ 3 މަސްދުވަސް ކުރިންވެސް ހޫތީ މުޖާހިދުން ވަނީ ހަމަ އެ މަރުކާގެ ރީޕަރ ކޮމްބެޓް ޑްރޯނެއް ވައްޓާލާފައެވެ. އަދި އޭގެ ކުރިން 2019 ޖޫން ގައިވެސް ހޫތީ ޖަމާއަތުން ވަނީ ހަމަ އެމަރުކާގެ ޑްރޯނެއް ވައްޓާލާފައެވެ. މިއިން ކޮންމެ ޑްރޯނެއްގެ އަގަކީ ގާތަގަނޑަކަށް 30 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ރީޕަރ ޑްރޯންގެ ޚާއްސަ ސިފަތަކުގެ ތެރޭގައި އަމާޒަށް ދަތުރުކުރުމުގެ ގާބިލުކަމާއި ދަތުރުކުރާ އުސްމިނާއި އަދި ގިނައިރު ޖައްވުތެރޭގައި އޮތުމުގެ ގާބިލުކަން ހިމެނެއެވެ. އޭގެ ފިޔަގަނޑުގައި ވިހި ފޯޓު ހުންނާނެއެވެ. ހޫތީ މުޖާހިދުން ސައިޒްކުރުމުގައި މިއީ ވަރަށް ބޭނުންތެރި ހަތިޔާރެއް ކަމަށް އެމެރިކާއިން ބުނެއެވެ.
ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓްކުރެވޭ ރީޕަރ ޑްރޯނަކީ 24 ގަޑިއިރުވާންދެން އޭގެ އަމާޒަށް ވާސިލު ވުމަށްޓަކައި ފުރުސަތުލިބޭ އަދި އޭގެ އަމާޒަށް ދަތުރުކުރުމުގައި ދުވެލި ބާރު އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި އަމާޒު ފުނޑު ފުނޑުކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. ހޫތީ މުޖާހިދުންގެ ހަމަލާތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ހަލާކުކޮށްލުމަށް ބޭނުންކުރެވޭ އެންމެ ރަނގަޅު ވަސީލަތަކީ މި މަރުކާގެ ރީޕަރ ޑްރޯން ކަމުގައި އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.
ފާއިތުވެގެން މިދާ އަހަރަކީ ރީޕަރ ޑްރޯނަށް ވަރަށް ގެއްލުންލިބެމުންދާ އަހަރެކެވެ. ރަޝިޔާގެ ފައިޓަރޖެޓްތަކުން ރީޕަރ ޑްރޯންތަކަށް ޔޫރަޕާއި މެދު އިރުމަތީގައި ގިނަ ހަމަލާތަކެއްދީ އެ ޑްރޯންތައް ގޮއްވާލުމާއި ވައްޓާލުމުން ގިނަ އަދަދެއްގެ ރީޕަރ ޑްރޯން ވަނީ ހަލާކުވެ ނެތި ގޮސްފައެވެ. މިއީ ޕެންޓަގަނުން އިންތިހާއަށް ކަންބޮޑުވެފައިވާ މައްސަލައެކެވެ.
ހޫތީ މުޖާހިދުންގެ ހަމަލާތަކަށް ބަލާއިރު ފާއިތުވެގެން މިދާ 2 ދުވަހުގެ ތެރޭގައި މައްސަލަ ބޮޑަށް ހޫނުވެފައިވަނީ ހަމައެކަނި ރީޕަރ ޑްރޯން ގޮއްވާލުމަކުންނޫނެވެ. ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ގޮތުގައި ހޫތީ މުޖާހިދުން ފޮނުވަމުންގެންދާ އެންޓި-ޝިޕް ބެލިސްޓިކް މިސްއިލްތަކުން ބައިނަލް އަގްވާމީ ކޮމާރޝަލް ދަތުރުކުރާ ބޯޓުފަހަރަށް މެދުވެރިވަމުންދާ ނުރައްކާތެރިކަން ވަކިން ކުޑައެއް ނޫނެވެ. ދާދި މިދާކަށްދުވަހުވެސް ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާގައި ބޯޓެއްވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އޭގެފަހުން މިދިޔަ ހޯމަދުވަހު ހޫތީ މުޖާހިދުން ފޮނުވާލި މިސައިލްތަކުގެ އަމާޒަކަށްވެ އެހެން ބޯޓަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އޭގެ ފަހުން ހޫތީ މުޖާހިދުން ދިން ޑްރޯން ހަމަލާއެއްގައި އެހެންބޯޓަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.