ފަލަސްތީނުގެ ބިމުގައި ތިބުން ޣައިރުގާނޫނީ ކަމަށް އަޑަށް ބާރުލާފައި ބުނަންޖެހޭނެ: ޗައިނާ

Loading

Facebook
Twitter
WhatsApp

 
ނެދަރލޭންޑްގެ ހޭގުގައި ހުންނަ ދުނިޔޭގެ އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ތިބުމަކީ ޣައިރު ގާނޫނީ ތިބުމެއްކަމަށް އަޑަށް ބާރުލާފައި އެކޯޓުން އިއުލާން ކުރަންޖެހޭނެކަމަށް ޗައިނާގެ ޚާރިޖީ އޮފީހުގެ ގާނޫނީ މުސްތަޝާރު މާ ޒިންމިން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ބިމަށް ގަދަބާރުން އަރައިގަނެގެން އިސްރާއީލުން ތިބޭތާ 57 އަހަރު ފާއިތުވެގެން ދިއުމަކީ އިންސާފު ލިބުން މާބޮޑަށް ލަސްވުން ކަމުގައި ދެކެން ޖެހޭނެ ކަމަށެވެ. އަދި ހަމައެއާއެކު އިންސާފު ލިބިދިނުން ލަސްވުމަކީ އިންސާފު ނުލިބުންކަމަށް ވެގެން ނުވާނެ ކަމަށެވެ.

އަދި ފާއިތުވެގެން މިދާ 57 އަހަރު ފަލަސްތީނުގެ ރައްޔިތުންގެ ހުރިހާ ހައްގުތަކަކަށް އިސްރާއީލުން ވަނީ އަރައިގެންފައި ކަމަށާއި އެ ރައްޔިތުންގެ ގައުމިއްޔަތާއި މިނިވަންކަންވެސް އޮތީ އެއްކޮށް ނިގުޅައިގެންފައިކަން އަޑަށް ބާރުލާފައި އިއުލާން ކުރަން ޖެހޭނެކަމަށެވެ.

https://youtube.com/watch?v=JQmozaAEbks&feature=shared      

ޔުނައިޓެޑް ނޭޝަންސްގެ އާންމު މަޖިލީހުގެ ފާސްކުރުމެއްގެ ދަށުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅުމުގެ މައްސަލާގައި ގާނޫނީ ލަފައަކަށް އެދިފައި އޮތުމާއެކު ދުނިޔޭގެ އަދުލުގެ އެންމެ މަތީ ކޯޓުގައި މިހާރު އެ ޝަރީއަތުގެ އަޑުއެހުންތައް ހިނގަމުން އެބަދެއެވެ.

ފަލަސްތީނުން ދުނިޔޭގެ ކޯޓުގެ ހުކުމެއް ބޭނުންވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅެނީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް ކަން ދުނިޔެއަށް ސާބިތުކޮށްދިނުމުގެ ހުއްޖަތެއްގެ ބޭނުމުގައެވެ.       

ހޯމަދުވަހު ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ގާނޫނީ ވަކީލުން ކޯޓުގައި އެދިވަޑައިގަތީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އެ ތިބީ ބައިނަލް އަގްވާމީ ގާނޫނުތަކާއި ޚިލާފަށް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި ޝަރީއަތުގެ އަޑުއެހުންތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު އިސްރާއީލަކަށް ނުލިބޭނެއެވެ. އެހެންނަމަވެސް އެ ގައުމުން ޝަރީއަތުގެ މަޖިލީހުގައި ބުނަން ބޭނުންވާ ވާހަކައެއް ލިއުމުން ހުށަހެޅިދާނެއެވެ.                 

މި ޝަރީއަތާ ގުޅޭ ގޮތުން އިސްރާއީލުން ބުނެފައިވަނީ ދުނިޔޭގެ އެންމެ މަތީ ނިޔާގެ ކޯޓުން މި މައްސަލައިގެ ތެރެއަށް ވަނުމުން މަޝްވަރާގެ އުސޫލުން ގޮތެއް ނިންމުމުގެ ފުރުސަތު ނެތިގެން ދިއުން ފިޔަވައި އެހެން ނަތީޖާއަކާ ހަމަޔަށް ނުދެވޭނެ ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އިން އެދިފައިވާ ފަދައިން އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބުމާދޭތެރޭ ދޭނެ އެޑްވައިޒަރީ ލަފައަކަށް ގޮތެއް ނިންމަން ހަ މަސްދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.        

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ އެންމެހާ ގައުމުތަކުން އަދުލު އިންސާފު އިޚްތިޔާރު ކުރުމަށް ބާރުއަޅައި އެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައިވެސް ތަފާތުކުރުން ގެންގުޅުމުގެ މަގުތައް ބަންދުކުރުމުގެ ނިޔަތުގައި ޔުނައިޓެޑް ނޭޝަންސް އާއި އެތަނުގެ ދަށުން ހިނގާ އޭޖޭންސީ އުފަންކުރުވިއެވެ. އެހެންނަމަވެސް ހަގީގަތް ހާމަވެގެންދިޔައިރު ފެނިގެންމިދަނީ އެ ހުރިހާކަމަކީވެސް ވަކި ބަޔަކުގެ އަޅުވެތިކަމުން އެހެން ގައުމުތަކާއި އެގައުމުތަކުގެ ރައްޔިތުންނަށް ރެކިގަނެވިދާނެ ހުރިހާ މަގުތަކެއް ބަންދުކުރުން ކަމުގައެވެ.

މިއަދު ފަލަސްތީނުގެ ބިންތަކުގެ މައްސަލަ ބަލަމުންދާ ކޯޓަކީ އޭގެ ނަމޫނާ މިސާލެކެވެ. އެ ކޯޓުގެ އެއްވެސް ނިންމުމަކީ ތަންފީޒުކުރުން ލާޒިމް ނިންމުމެއް ނޫނެވެ. ދިވެހިން ބުނެއުޅޭ ފަދައިން ދުނިޔޭގެ އެންމެ މަތީ ނިޔާގެ ކޯޓަކީ ދަތްތައް އުފުރާލާފައި ވަކިތައް ބުޑުން ލުހެލާފައި ހަތަރެސް ފައިގާ ހިލިހިލާ ޖަހާފައިއޮތް މިނިކާވަގެއް ފަދަ އެއްޗެކެވެ. އަޑުލެއްވިދާނެއެވެ. އެކަމަކު ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އެ ކޯޓުން ކަނޑައަޅާ އެޑްވައިޒަރީ ނިޔާ ޔުނައިޓެޑް ނޭޝަންސް އަށް ދިއުމުން ވީޓޯ ކުރުމުގެ ބާރު ލިބިފައި އޮތް ފަރާތަކުން ވީޓޯ ކުރިމާ ނިމިގެންދާނީ ޖަމަލު ޖެހި ފޮޑިއަށް ވެގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް