ޔޫ. ޕީ. އައި. އިން ބްރިޓިޝް ރޯޔަލް ނޭވީންގެ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ( ޔޫ. ކޭ. އެމް. ޓީ. އޯ. ) އަށް ހަވާލާދީ ރިޕޯރޓްކޮށްފައިވާ ގޮތުގައި ގަލްފް އޮފް އަދަނުން ދަތުރުކުރަމުންދިޔަ ބޯޓަކަށް ހޫތީ މުޖާހިދުން ދިން ހަމަލާއެއްގައި އެބޯޓުގައި އަލިފާން ރޯވެއްޖެއެވެ.
ޔޫ. ކޭ. އެމް. ޓީ. އޯ. އިން ބުނެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުންގެންދާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުން ރޯވެ އަދަމުންދާ ބޯޓަށް ސަމާލުވެ އެ ބޯޓާއި ދުރުން ދަތުރު ކުރުމަށް އިރުޝާދު ދީފައި ވެއެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ޝައްކު އުފެދޭ ފަދަ ހަރަކާތެއް ހިނގާކަން އެނގިއްޖެނަމަ ރިޕޯރޓްކުރުމަށްވެސް އެދިފައި ވެއެވެ.
ރެޑް ސީގެ ތެރެއިން ދަތުރުކުރަމުން ގެންދާ ބައިނަލްއަގްވާމީ ކޮމާރޝަލް ބޯޓުފަހަރުގެ ތެރެއިން އެމެރިކާއާއި އިނގިރޭސިވިލާތާއި އަދި އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރަށް ހަމަލާދެމުން ގެންދާނެ ކަމަށް ޔަމަނުގެ ހޫތީ މުޖާހިދުން އަންނަނީ އިންޒާރު ދެމުންނެވެ. އެގޮތުން އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުގެ ދަތުރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އަދި ބައިވެރިންގެ ލަޝްކަރުތަކުން ގެންދަނީ ވަރުގަދައަށް ފާރަލައި އަދި ހޫތީ މުޖާހިދުންގެ ވަސީލަތްތަކަށް ހަމަލާދީ ސުންނާފަތި ކުރަމުންނެވެ.
އެހެންނަމަވެސް ގިނަފަހަރަށް މި ފެންނަނީ އެ ލަޝްކަރުތަކަށް އެއްވެސް ހިލަމެއްނުވެ ބޯޓުފަހަރަށް ހަމަލާދީ ހަލާކު ކޮށްލަމުންގެންދާ ތަނެވެ. ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި ހޫތީ މުޖާހިދުންގެ ހަމަލާތަކަށް ބަލާއިރު މައްސަލަ ބޮޑަށް ހޫނުވެފައިވަނީ ހަމައެކަނި މީގެ ދެތިން ދުވަސްކުރިން އެމެރިކާގެ 30 މިލިއަން ޑޮލަރުގެ އަގުބޮޑު ރީޕަރ ޑްރޯނެއް ހޫތީ މުޖާހިދުން ގޮއްވާލުމަކުން ނޫނެވެ. ހަމައެއާއެކު ހޫތީ މުޖާހިދުން ފޮނުވަމުންގެންދާ އެންޓި-ޝިޕް ބެލިސްޓިކް މިސްއިލްތަކުން ބައިނަލް އަގްވާމީ ކޮމާރޝަލް ދަތުރުކުރާ ބޯޓުފަހަރަށް މެދުވެރިވަމުންދާ ނުރައްކާތެރިކަން ވަކިން ކުޑަނޫންކަންވެސް ދެނެގަންނަން ޖެހެއެވެ.
ދާދި މިދާކަށްދުވަހުވެސް ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާގައި ބޯޓެއްވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ.
އޭގެފަހުން މިދިޔަ ހޯމަދުވަހު ހޫތީ މުޖާހިދުން ފޮނުވާލި މިސައިލްތަކުގެ އަމާޒަކަށްވެ އެހެން ބޯޓަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އޭގެ ފަހުން އަންގާރަދުވަހު ހޫތީ މުޖާހިދުން ދިން ޑްރޯން ހަމަލާއެއްގައި އެހެންބޯޓަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މިހަފުތާގައި އެކަނިވެސް އެމެރިކާއަށް ނިސްބަތްކުރެވޭ މުދާއުފުލާ 2 ބޯޓަކަށް ހޫތީ މުޖާހިދުން ވަނީ ހަމަލާދީފައެވެ.
ސެންޓްރަލް ކޮމާންޑުން ނެރެފައިވާ ބަޔާނަކަށް ބަލާއިރު ހޫތީ މުޖާހިދުންގެ މިސައިލްތަކާއި އަންމޭންޑް މަތިންދާ ބޯޓުފަހަރަކީ ހަމައެކަނި ބައިނަލްއަގްވާމީ ކޮމާރޝަލް ދަތުރުކުރާ ބޯޓުފަހަރަށް އޮތް ނުރައްކަލެއް ނޫނެވެ. އެއީ އެމެރިކާގެ ނޭވީންގެ އުޅަނދުތަކަށްވެސް އޮތް ދުރުހެލިވެވެންނެތް ބޮޑުވެގެންވާ ނުރައްކަލެކެވެ. މީގެ އިތުރުން ހޫތީ މުޖާހިދުން ކަނޑުއަޑިން އައިސް އެމެރިކާ ނޭވީންގެ އުޅަނދުފަހަރަށް ހަމަލާދިނުމުގައި ކަނޑުއަޑިން ދަތުރުކުރާ އަންމޭންޑް އުޅަނދުފަހަރު ވެސް ބޭނުންކުރަން ފަށައިފިއެވެ.
ބުދަ ދުވަހު އިސްރާއީލުގެ އިލާތަށް ހޫތީން ފޮނުވާލި ކަމަށް ބެލެވޭ މިސައިލެއްވެސް ވަނީ އިސްރާއީލުގެ އެއަރ ޑިފެންސް ނިޒާމަށް ފެނި އެ ޝަހަރުގައި އިންޒާރު އާންމުކޮށްފައެވެ. ނަމަވެސް ފަހުން އޭގެ މިސްރާބު ބަދަލުކުރީކަމަށް ބެލެވެއެވެ.
މިދިޔަ ބުދަދުވަހު ވެސް އެމެރިކާގެ ނޭވީން ހޫތީ މުޖާހިދުންގެ ވަސީލަތްތަކަށް ގިނަ ހަމަލާތަކެއް ދިން ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ރެޑް ސީން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާ ދިނުމަށް އަމާޒުކޮށްފައިހުރި މޮބައިލް އެންޓި-ޝިޕް ކްރޫޒް މިސައިލްތަކާއި އެންޓި-ޝިޕް ބެލިސްޓިކް މިސައިލް ތައް ހިމެނެއެވެ.