މަޖިލިސް އިންތިޚާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވޯޓު ދީފިނަމަ މި 5 އަހަރުގައި ހުރިހާ ވައުދެއް ފުއްދައިދޭނަން: ރައީސް

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފިނަމަ ފަސް އަހަރު ތެރޭގައި ހުރިހާ ވައުދެއް ފުއްދައިދީ ނިންމައިދޭނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގއ.ގެމަނަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ

އެހެން ރަށްރަށެކޭ އެއްފަދައިން ގެމަނަފުށީގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ ކަމަކަށް ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

ނަމަވެސް އެ ކަންކަން ކުރަން ފަސޭހަވާނީ ރައްޔިތުން ދެއްވާ ތަރުހީބު ހަމަ އެގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެއްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މިފަހަރު މި ހަވާލުވި ބަޖެޓަކީ އަޅުގަނޑުމެން ހަވާލުވެގެން ހެދި ބަޖެޓެއް ނޫން. ހަނދުމަފުޅު ހުންނާނެ. މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުން ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުށަހެޅި ބަޖެޓެއް. އަޅުގަނޑުމެންނަށް ބަޖެޓް ހަދަން ޓްރާންސްޒިޝަން ޕީރިއަޑްގައި ދިހަވަރަކަށް ދުވަސް ދިނީ. ބަޖެޓަށް އެއްޗެތި ހުށަހަޅަން. ދިހަވަރަކަށް ދުވަސް. އެ ދިހަވަރަކަށް ދުވަސް ތެރޭގައި އަޅުގަނޑުމެން ޓީމު އެކުލަވައިލައިގެންތިބެގެން ވަރަށް ގިނަ މަސައްކަތްތަކަށް ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަހައި ހުށަހެޅިން. ހަނދުމަފުޅު ހުންނާނެ ރަސްމާލެ ހިއްކަން ޖެހި ފައިސާ އެއްކޮށް އުނިކޮށްލީ. އެއީވެސް މިސާލެއް ދަންނަވަން.“

ރައީސް ވިދާޅުވީ ބަޖެޓު ފާސްވެފައި އޮތީ ސަރުކާރުން ބޭނުންވާ ގޮތަށް މަޝްރޫއު ހިންގޭ ފަދައިން ނޫން ކަމަށެވެ.

“މިހެން މި ދަންނަވަނީ މަޖިލީހުގެ މުހިންމުކަމުގެ ވާހަކަ ދަންނަވަންވެގެން. ސަރުކާރަށް ތާއީދުކުރާ މެންބަރުންތަކެއް ތިބި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާނެ ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއްގެ މެޖޯރިޓީ އޮންނަ މަޖިލީހެއް ބޭނުންވާނެ ކަމުގެ މުހިންމުކަން ދަންނަވަން ވެގެން.“

ރައީސް ވިދާޅުވީ ދެންވެސް ހޮވޭ މަޖިލީހަކީ މި ގޮތަށް މަސައްކަތް ކުރާ މަޖިލީހަކަށް ވެއްޖެނަމަ މަޝްރޫއުތައް ހިންގުމުގައިވެސް ފަސޭހަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި ރައްޔިތުން އެދިވަޑައިގެން ވަރަށްގިނަ ވައުދުވެފައި ހުންނާނެ ކަމަށާއި އެހެންވީމާ އެ ކަންކަން ކުރަން ބޭނުންވާ ކަމަށެވެ. އަދި އެ ކަންކަން ކުރުމަށް ބަޖެޓް ފާސްކުރަންޖެހޭ ކަމަށާއި ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓް ތަރުތީބުވާން ބޭނުން ކަމަށެވެ.

“އެހެންވީމާ، މަޖިލިސް މުހިންމު އެބަވޭ. އެއީ ސިޔާސީ ވާހަކައަކަށް ނުވަނީ އެހެންވެގެން. މި ރައްޔިތުން ހޮވާފައި އޮތް ސަރުކާރުން އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު ރައްޔިތުންނަށްވީ ވައުދު ހުރިހާ ކަމެއް ހާސިލުކުރަން ބޭނުމޭ. އެކަން ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދޭން އޮތް ތަނަކީ ރައްޔިތުންގެ މަޖިލީހޭ. މިދިޔަ ތިންމަސް ތެރޭގައި މިހިރީ ހުސް މިސާލުތަކެއް ފެންނަން، ސަރުކާރާ އެއްކޮޅަށް ރައްޔިތުންގެ މަޖިލިސް ނެތީމަ. ލިބޭ ދަތިކަމުގެ ވާހަކަ. ކުރިމަތިވާ ދަތިތަކުގެ ވާހަކަ.“

އެހެންކަމުން މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ހުރިހާ ދާއިރާތަކެއްގެ ރައްޔިތުންގެ ކިބައިން އެދެނީ މި އަންނަ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

“އޭރުން އިރާދަކުރެއްވިއްޔާ، ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ކުރަންހުރި ހުރިހާ މަސައްކަތެއް ބާރަށް ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ތެރޭގައި ހުރިހާ ވައުދެއް ފުއްދައިދީ ނިންމައިދޭނަމޭ.“

Loading

One Response

  1. ވެރިކަމަށް ވަޑައިގަތުމައް ވީ ވަޢުދު ފުއްދާނި މަޖިލިސް މެޖޮރިތިި ދިފިއްޔާއެވެ? ދެން!?

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް