އިނގިރޭސި ވިލާތުގެ ބަލްކް ކެރިއަރ އަށް ރެޑް ސީ ތެރޭގައި އަމާޒުވި ހޫތީންގެ ހަމަލާގައި ބޯޓު ހަލާކުވެ ބޯޓު ދޫކޮށްލާފައި މީހުން ފައިބަން ޖެހިއްޖެ ކަމަށް ޔޫޕީއައި އިން އިއްޔެ ޚަބަރުދީފިއެވެ.
ޔޫޕީއައިގެ ޚަބަރުގައި ބުނެފައިވާ ގޮތުން ހޫތީން އުދުއްސައިލި 2 މިސައިލް ބޯޓަށް އަމާޒުވުމުގެ ސަބަބުން ބޯޓު ހަލާކުވެ ބޯޓު ދޫކޮށްލާފައި ބޯޓުން މީހުން ވަނީ ފައިބައިފައެވެ. ހޫތީންގެ ހަމަލާތައް އަމާޒުވީ 32000 ޓަނުގެ ބަލްކް ކެރިއަރ ރޫބީ މާރ ގެ އިންޖީނު ރޫމަށެވެ. އެ ހަމަލާގައި ބޯޓުގެ އިންޖީނު ރޫމް ވަނީ ވަރަށް ބޮޑަށް ހަލާކު ވެފައެވެ. އެ ވަގުތު ބޯޓު ދަތުރު ކުރަމުން ދިޔައީ ބާބުލް މަންދޫބްގެ ވިއްސަކަށް މޭލު ކައިރިންނެވެ.
ބޯޓުގެ އިންޖީނު ރޫމަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓު ފެންމަތީ ހުރެދާނެ ކަމަށް ޝައްކު ކުރެވޭތީ ބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމަށްޓަކައި ބޯޓު ކަނޑުމައްޗަށް ދޫކޮށްލީއެވެ.
އިނގިރޭސި ބަލްކް ކެރިއަރަށް ހަމަލާ ދިނީ ހޫތިންކަމަށާއި އެ ބޯޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ގަލްފް އޮފް އަދަނުގެ ތެރެއަށް ބޯޓު ފެތިދާނެ ކަމުގެ ނުރައްކަލާ މިހާރު ވަނީ ކުރިމަތިވެފައިކަމަށް ހޫތީންގެ ތަރުޖަމާނު އަމީން ހައްޔާން ވިދާޅުވިއެވެ. ބޯޓުގެ ފަޅުވެރިންގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުމަކީ އެ ޖަމާއަތުގެ މަގްސަދެއް ނޫން ކަމަށާއި ބޯޓު އަޑިއަށް ދިއުމުގެ ކުރިން ބޯޓުގައި މަސައްކަތްކުރަމުން ގެންދާ ފަޅުވެރިން ސަލާމަތުން ބޯޓުން ފޭބުމަށް ފުރުސަތު ހޯދައިދޭން ވެސް ބޭނުންވީ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އެމެރިކާއާއި ބައިވެރިންގެ އުޅަނދުތަކަށް އެ ފަޅުވެރިން ވަނީ ސަލާމަތުން ނަގާފައެވެ. އަދި އެ ބޯޓު މިހާރު އޮތީ ބައިނަލް އަގްވާމީ ދަތުރުތަކަށް ހުރަސް ނޭޅޭނެ ގޮތަށް ޔަމަނުގެ އަލް މުޚާގެ ބޭރު ބަނދަރު ސަރަހައްދަށް ނަގިލި ލައިފައެވެ.
ޝިޕިންގ ޓްރެކިންގ ސަރވިސްގެ ރެކޯޑްތަކުން އެނގޭ ގޮތުގައި އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ފެބްރުއަރީ 11 ވަނަ ދުވަހު އެމިރޭޓްސް އިން ފުރައިގެން ބަލްގޭރިޔާއަށެވެ. ހޫތީންގެ މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ކަނޑުގެ ސިފައިން ހޫތީންގެ އަމާޒުތަކަށް ފަސް ފަހަރު ހަމަލާދިންކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އޭގެތެރޭގައި އިއްޔެ ހަވީރު 3 އިން 8 އާ ދެމެދު ހޫތީންގެ މޮބައިލް އެންޓި-ޝިޕް ކްރޫޒް މިސައިލް އަށާއި އަންޑަރ ވޯޓަރ ޑްރޯނަކާއި އަދި މެރިޓައިމް ޑްރޯނަކަށް ހަމަލާ ދީފައިވާނެ ކަމަށް ވެސް ސެންޓްރަލް ކޮމާންޑުގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ މިސައިލްތަކާއި ޑްރޯންތަކަކީ ބައިނަލް އަގްވާމީ ދަތުރުފަތުރު ކުރަމުންގެންދާ އުޅަނދު ފަހަރަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
2 Responses
ކަލޭމެން މިފަހަރު ދުންބުރުވާލާ ކޮށިއަރުވާލާނަން!!!!
ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުން އެއުޅެނީ ކުޑަކުޑަ ހޫތީ ޖަމާއަތް މަތަ ނުކުރެވިގެން.