އަޅުގަނޑުމެންގެ މި ލިއުމަކީ ރެޑްސީ ތެރޭގައި ހަރަކާތްތެރި ވަމުންގެންދާ އެމެރިކާ ލަޝްކަރުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ޑެސްޓްރޯޔަރ ޔޫއެސްއެސް ގްރޭވްލީ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނު ބިޒްނަސް އިންސައިޑަރ ގެ ނޫސްވެރިންނަށް އެ އުޅަނދުން ދައްކުވައިދިން މަންޒަރުތަކާއި އޮޅުން ފިލުވައިދިން މައުލޫމާތުތައް އަޅުގަނޑުމެންގެ ކިއުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ލިއެފައިވާ ލިއުމެކެވެ.
ޑެސްޓްރޯޔަރަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ނުލިބިދާނެއެވެ. އަދި ހަނގުރާމައިގެ މައިދާނެއްގައި އޮތް އެފަދަ އުޅަނދަކުން ހަރަކާތްތެރިވާން ޖެހޭ ގޮތުގެ މައުލޫމާތު އަޅުގަނޑުމެންނަށް އޮޅުންފިލާނެ ގޮތެއްވެސް އަމުދުން ނޯންނާނެއެވެ.
ޔަމަނުގެ ހޫތީންގެ މިސައިލް ހަމަލާތަކުން ދިފާއުވުމަށާއި ދިފާއުކުރުމަށްޓަކައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުފަހަރުން ރެޑް ސީގެ ތެރޭގައި ހަރަކާތްތެރިވަމުންގެންދާތާ ދުވަސްތަކެއް ފާއިތުވެގެން ދާއިރު ހޫތީންގެ ހަމަލާތަކަށް ނިމުމެއް އަންނާނެ ދުވަހެއް ނޭނގެއެވެ.
އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުފަހަރުގައި މަސައްކަތްކުރާ ސިފައިން ބުނަމުންގެންދަނީ ހޫތީންގެ ނުރައްކާތެރި ހަމަލާތަކަށް ރައްދު ދިނުމަށްޓަކައި ލިބެނީ ހަމަ ވަރަށް މަދު ސިކުންތު ކޮޅެއް ކަމަށެވެ.
ބިޒްނަސް އިންސައިޑަރުގެ ނޫސްވެރިން އެމެރިކާގެ ޑެސްޓްރޯޔަރ ޔޫއެސްއެސް ގްރޭވްލީ އަށް ދާދި މިދާކަށް ދުވަހު ކުރި ޒިޔާރަތުގައި އެ ހަމަލާތަކުގެ ނުރައްކާތެރިކަން އޮތީ ފެނިފައެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފައިވާގޮތުގައި އެމެރިކާގެ ތާރީޚުގައި ހޫތީންގެ ހަމަލާތައް ފަދަ ހަމަލާތަތަކަކަށް ރައްދު ދޭކަށް ނުޖެހެއެވެ. އަދި އެއީ ކުރެވެމުންދާ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
ޑެސްޓްރޯޔަރުގެ ކޮމްބެޓް އިންފޮރމޭޝަން ސެންޓަރުގެ ޑިޖިޓަލް ޗާޓަށް އެންޓި ޝިޕް މިސައިލެއް އަންނަ ކަމުގެ ރަތް ރޮނގު ފެނުމާއެކު އޭގެ ދުވެލީގެ ބާރުކަމުން އެއަށް ރައްދު ހަމަލާއެއް ދިނުމަށް ޑެސްޓްރޯޔަރުގައި އެކަމާ ހަވާލުވެގެން ތިބޭ ސިފައިންނަށް ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ހަމަ އެކަނި ވަރަށް މަދު ސިކުންތު ކޮޅެކެވެ. މި މަންޒަރު ބިޒްނަސް އިންސައިޑަރުގެ ނޫސްވެރިންނަށް ވަރަށް ގާތުން ދުށުމުގެ ފުރުސަތު އޮތީ ލިބިފައެވެ.
ޔޫއެސްއެސް ގްރޭވްލީ އަކީ ރެޑްސީ ތެރެއިން ކުރަމުންގެންދާ ބައިނަލް އަގްވާމީ ކަނޑުދަތުރުފަތުރަށް ހޫތީންގެ މިސައިލްތަކާއި ޑްރޯންތަކުގެ ސަބަބުން ދިމާވެފައިވާ ނުރައްކާތެރިކަމުން ރެޑްސީގެ ސަރަހައްދު އަމާން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދާ އެމެރިކާއާއި ބައިވެރިންގެ ފައުޖުތަކުގެ އެންމެ އިސް ސަފުގައި އޮންނަ ޑެސްޓްރޯޔަރެވެ. މި ޑެސްޓްރޯޔަރުން ފާއިތުވެގެން މިދާ ދެމަސްދުވަހު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޔަމަނުގެ ހޫތީން ފޮނުވަމުން ގެންދާ އެންޓި-ޝިޕް ބެލެސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތަކުން ރައްކާތެރިވުމެވެ. އެ އުޅަނދުގައި ފުރިހަމަ ތަމްރީނާއެކު މަސައްކަތްކުރަމުންގެންދާ 340 ސިފައިންނަށް އެ ހަމަލާތަކުން ރައްކާތެރިވުމުގެ ރައްދު ދިނުމަށް ލިބެނީ މަދު ސިކުންތުކޮޅެކެވެ.
ޔޫއެސްއެސް ގްރޭވްލީއަކީ ޑްވައިޓް ޑީ. އައިޒަންހަވްރަށް ނިސްބަތްކުރެވޭ ލަޝްކަރުގެ އުޅަނދެކެވެ.
ޔޫއެސްއެސް ގްރޭވްލީ އިން ދޭ ހަމަލާ ތަކާއި ރައްދު ހަމަލާތައް ފެށިގެންދަނީ ކޮމްބެޓް އިންފޮރމޭޝަން ސެންޓަރުންނެވެ. އެއީ ރާޑަރުތަކާއި ޑިޖިޓަލް ޗާޓުތަކުން ފުރިފައިވާ ތަނެކެވެ. ހަފުތާގެ ހުރިހާ ދުވަހަކު 24 ގަޑިއިރު ޑިއުޓީ ބަލަހައްޓަމުންގެންދާ މަރުކަޒެކެވެ.
ލެފްޓިނެންޓް ޖެނެރަލް ޖޭމްސް ޜޮޑްނީ އަކީ ޔޫއެސްއެސް ގްރޭވްލީގެ ކޮމްބެޓް ސެންޓަރުގައި މަސައްކަތްކުރާ ސިފައިންގެ މީހެކެވެ. އޭނާ އޮޅުން ފިލުވައިދިން ގޮތުގައި އަމާޒުވެގެން އަންނަ ކޮންމެ ހަމަލާއެއް އަންނަ ދިމާލަކާއި ހަރަކާތްތައް ދެނެގަތުމާއެކު އެ ހަމަލާގެ ސަބަބުން އެމެރިކާގެ މަސްލަހަތަށް މެދުވެރިވެދާނެ ގެއްލުން ދެނެގަންނަން ޖެހެއެވެ. ހަމައެއާއެކު އެ ހަމަލާއަކުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ޖެހޭނެއެވެ. މިކަންތަކަށް ލިބޭނީ ހަމަ ވަރަށް ކުޑަ ހިނދުކޮޅެކެވެ.
ލެފްޓިނެންޓް ޖެނެރަލް ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ޔޫއެސްއެސް ގްރޭވްލީގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ހަމައެއާއެކު ސަރަހައްދުގައިހުރި އެމެރިކާގެ އެހެން ވަސީލަތްތައްވެސް ހިމާޔަތްކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހެއެވެ. މިކަމަށްޓަކައި ބޭނުންވާ ހަތިޔާރާއި އެހެނިހެން ވަސީލަތްތައް އަބަދުވެސް ހުންނާނީ ތައްޔާރީ ހާލަތުގައެވެ.
މިދިޔަ ޖެނުއަރީ މަހުގެތެރޭގައި ހޫތީން ފޮނުވާލި ކްރޫޒް މިސައިލް ގްޜޭވްލީއާއި އެއްމޭލަށް ކައިރިވިއެވެ. އެވަގުތު ބޭނުންކުރަންޖެހުނީ މި އުޅަނދުގެ ކްލޯސް-އިން ވެޕަން ސިސްޓަމެވެ. އެއީ ދިފާއީގޮތުން އަޅަން އޮންނަ އެންމެފަހު ފިޔަވަޅެވެ. މިބާވަތުގެ އުޅަނދު ފަހަރުގައި މަދުވެގެން އޭގެ އެއް ނިޒާމް ގާއިމްކުރެވިފައި ހުންނާނެއެވެ. ރާޑަރުން އަމާޒު ކަނޑައެޅުމަށްފަހު އެދިމާލަކަށް މިނިޓަކު 20 މިލިމީޓަރުގެ 4500 ރައުންޑް 2 ނޯޓިކަލް މޭލުގެ ސަރަހައްދަކަށް ފޮނުވާލެވޭނެއެވެ.
ހޫތީންގެ ބައެއް ހަމަލާތަކަކީ އެއަރބޯން ހަމަލާތަކެކެވެ. އެ ހަމަލާތަކުން ދިފާއުވުމަށްޓަކައި ބޭނުންކުރެވެނީ ޓޮމާހައުކް ލޭންޑް-އެޓޭކް މިސައިލެވެ.