ޖޭއެސްސީއަށް ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި

Loading

February 19, 2024
profile
Facebook
Twitter
WhatsApp

ޖުޑީޝަލް ސަަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ މި ބޯޑުގެ މަގުސަދުތަކުގެތެރޭގައި ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވައިލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުން ހިމެނޭ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލަފާދިނުމަށްޓަކައި 09 މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ”ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު“ އުފެއްދުމަށް ނިންމީ ފެބްރުވަރީ 19 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ ޖަލްސާގައި ކަމަށް ޖޭއެސްސީއިން ބުންޏެވެ.

މި ބޯޑުގައި ހިމެނެނީ:

  1. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު
  2. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް
  3. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު
  4. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު
  5. ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު
  6. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތައް، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު
  7. ސުޕީރިއަރ ކޯޓުތަކުގެ އިސް ގާޒީންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު
  8. މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު
  9. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

މި ބޯޑުގެ މެންބަރުންގެ ތެރެއިން 7 ވަނަ ނަންބަރާއި 8 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މެންބަރުން އައްޔަންކުރެވޭނީ ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކުން 01 ފަހަރު ބަދަލުވާ ގޮތުގެ މަތީން ކަމަށް ޖޭއެސްސީއިން ބުންޏެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް