ބިތުފަންގި ނަގައިގެން ބެލީމާ ހަނގުރާމައިގައި ޔޫކްރެއިނަށް ލިބޭ ގެއްލުން

Loading

Facebook
Twitter
WhatsApp

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ ޔޫކްރެއިނަށް ލިބޭ ގެއްލުމުގެ އަންދާޒާއެއް ދެނެގަތުމަށްޓަކައި އެސޯޝިއޭޓެޑް ޕްރެސް އިން ބިތުފަންގި ނަގައިގެން ބެލުމުން ފެންނަ މަންޒަރުގެ ޚުލާސާއެއް ހާމަކޮށްފިއެވެ.

ހަނގުރާމައިގައި ހޭދަވެގެން މިދާ 2 އަހަރު ދުވަހު ޔޫކްރެއިނުން މަރުވެފައިވާ މީހުންގެ އަދަދު ގުނަން ފަށަން ޖެހެނީ ސަތޭކަ ހާހުން ކަމަށާއި އަދި އޭރުންވެސް ބަރާބަރަށް އެ އަދަދު ދެނެގަނެވޭނެގޮތެއް ނެތްކަމަށް އެނޫހުން ބުނެއެވެ. އެ ނޫހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ ބާރުގެ ދަށުގައިހުރި ރަށްތަކުން މަރުވެގެންދާ ޔޫކްރެއިންގެ ސިފައިންނާއި އަދި އާންމުންގެ އަދަދު ރަޝިޔާއިން ހާމައެއް ނުކުރެއެވެ. އަދި ޔޫކްރެއިނުން އެ އަދަދު ދެނެގަނެވޭނެ ގޮތެއްވެސް ނެތެވެ.

2022 ވަނައަހަރު ފެބްރުއަރީ މަހު 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައިގަތުމަށްފަހު ޔޫކްރެއިނުން މަރުވެފައިވާކަމަށް އެ ގައުމުން ބުނާ އަދަދަކީ ހަގީގަތާ ކައިރިކުރާ އަދަދެއްކަމަށްވެސް ގަބޫލެއް ނުކުރެވެއެވެ. ރަޝިޔާގެ ބާރުގެ ދަށުގައި ހުރި ޔޫކްރެއިންގެ ރަށްތަކުން މަރުވާ މީހުންނާއި ޒަޚަމްވާމީހުން ދެނެގަނެވޭނެގޮތެއް ވެސް ޔޫކްރެއިނަކަށް ނެތެވެ.

2023 ޖޫން މަހުގެތެރޭގައި ޔޫކްރެއިނުން ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން މަރުވެފައިވާ 10368 އާންމު ރައްޔިތުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ރައީސް ޒެލެންސްކީގެ ކެބިނެޓްގެ އެންމެ އިސް އެއިޑް އޯލެގް ގަވްރީޗް ވިދާޅުވެފައިވަނީ އެ އަދަދު އެންމެ މަދުވެގެންވެސް ބައިލައްކައަށްވުރެ އިތުރުވާނެކަމަށެވެ. ޔުނައިޓެޑް ނޭޝަންސްގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުންވެސް ބުނެފައިވަނީ ޔޫކްރެއިންގެ ހަނގުރާމައިގައި މަރުވެފައި އާންމު ރައްޔިތުންގެ އަދަދު ދިހަހާހަށްވުރެ މާގިނަވާނެ ކަމަށެވެ.

ޔޫކްރެއިން ސަރުކާރުން އަންދާޒާކުރާ ގޮތުގައި 2022 ފެބްރުއަރީއާއި އެ އަހަރު މޭ މަހާ ދެމެދު މަރިއޯޕޯލް ރަޝިޔާގެ ބާރުގެ ދަށަށް ގެންދިއުމުގައި ފަންސަވީސް ހާސް މީހުން މަރާލާފައިވާ ކަމަށެވެ. އޭގެތެރެއިން ގިނަމީހުންވަނީ އެއްވަޅެއްގައި ވަޅުލާފައެވެ. މިހާރުވެސް އެ ޝަހަރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.          

އިރުމަތީ ފަރާތުން ބަޚްމޫތު ފަދަ ޝަހަރުތަކުގައި މަރާލާފައިވަނީ ކިތައް މީހުންކަން އެނގޭނެ ގޮތެއްވެސް ނެތް ކަމަށް ޔޫކްރެއިން ސަރުކާރުން ބުނެފައިވެއެވެ.

ޔޫކްރެއިނާއި ރަޝިޔާ ގުޅޭ ސަރަހައްދުގައިވެސް ޢާންމު ރައްޔިތުންގެ 138 މީހުންގެ ހަށިގަނޑު ވަނީ ފެނިފައެވެ. 

ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ އަދަދާ ބެހޭ ގޮތުން ދެފަރާތުންކުރެން އެއްފަރާތަކުންވެސް މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

2023 ވަނައަހަރު އޯގަސްޓް މަހު ނިއު ޔޯރކް ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި އެހާތަނަށް ޔޫކްރެއިންގެ ހަތްދިހަ ހާސް ސިފައިން މަރުވެ އަދި އެއްލައްކަ ވިހިހާސް މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ރަޝިޔާގެ ސިފައިންގެ ތެރެއިން އެއްލައްކަ ވިހިހާސް މީހުން މަރުވެ އެއްލައްކަ އަށްޑިހަ ހާސް މީހުން ޒަޚަމްވެފައެވެ.

އިނގިރޭސި ވިލާތުގެ ސިފައިންނާބެހޭ ވަޒީރު ޖޭމްސް ހީޕޭ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަދުވަހު ޕާލަމެންޓުގައި ވިދާޅުވެފައިވަނީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގާ ރަޝިޔާގެ 350000 މީހުން މަރުވެ ނުވަތަ ޒަޚަމް ވެފައިވާ ކަމަށެވެ. ޔޫކްރެއިނުން މަރުވި ނުވަތަ ޒަޚަމްވި މީހުންގެ އަދަދު ހާމަކުރާކަށް ބޭނުމެއް ނުވިއެވެ.     

ޔޫކްރެއިނުން ވެސް އެމީހުންތެރެއިން މަރުވި ނުވަތަ ޒަޚަމްވީ މީހުންގެ އަދަދު ސިއްރުކޮށްފައި ރަޝިޔާއިން 392,000 މީހުން މަރުވެ ނުވަތަ ޒަޚަމް ވެފައިވާ ކަމަށް ބުނެފައި ވެއެވެ. ހަމައެފަދައިން ރަޝިޔާއިންވެސް އެމީހުންނާ ބޭހޭ މައުލޫމާތު ސިއްރު ކުރުމަށްފަހު ޔޫކްރެއިނުގެ 383000 މީހުން މަރުވެފައި ނުވަތަ ޒަޚަމް ވެފައިވާ ކަމަށް ބުނެފައިވެއެވެ.

މިއީ ދުނިޔޭގެ އާދައެވެ. އަބަދުވެސް ބަލާނީ އެހެންމީހުންގެ ބިތުފަންގި ނަގާފައި މަންޒަރު ހާމަކޮށްދޭށެވެ.         

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް