އިމްރާން ޚާން އެކަހެރިކޮށްފައި ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލަނީ

Loading

Facebook
Twitter
WhatsApp

2022 ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މަގާމު ގެއްލުވައިލަން އެންމެ ބާރުއަޅައި މަސައްކަތްކުރި ޕާކިސްތާން މުސްލިމް ލީގު- ނަވާޒް އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ ގުޅިގެން ޕާކިސްތާނުގައި އަލަށް ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ދެ ޕާޓީއަށް ޕާލަމެންޓުގައި ކާމިޔާބު ކުރެވުނު ގޮނޑީގެ ޖުމުލަ އަދަދުން ސަރުކާރެއް އެކުލަވާލަން ބޭނުންވާ އަދަދު ހަމަނުވާތީ މިހާރު މަސައްކަތް ކުރަމުންގެންދަނީ އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެވުނު ކުދި ޕާޓީތަކުގެ ރުހުން ހޯދުމަށެވެ.

ޕާކިސްތާނުގެ މުސްލިމް ލީގު-ނަވާޒް ޕާޓީއަކީ އެ ގައުމުގެ ބާރުގަދަ މިލިޓްރީގެ ރުހުން ވަރަށް ބޮޑަށް ލިބިފައި އޮންނަ ސިޔާސީ ޕާޓީއެއް ކަމަށް ތުހުމަތު ކުރެއެވެ.

އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ވަފާތެރި އަމިއްލަ ކެންޑިޑޭޓުންނެވެ. އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީގެ ނަމުގައި އިންތިޚާބުގައި ވާދަކުރުމާއި އަދި އެ ޕާޓީގެ ނިޝާން ބޭނުންކުރުން ވެސް އޮތީ އިލެކްޝަން ކޮމިޝަނުން މަނާކޮށްފައެވެ.                    

ޕާކިސްތާނަކީ ލިޔެކިއަން އެނގޭ މީހުން ނިސްބަތުން މަދު ގައުމަކަށްވުމާއެކު އިންތިޚާބުތަކުގައި ޕާޓީގެ ނިޝާން ވަރަށް މުހިން ދައުރެއް އަދާކުރަމުން ގެންދެއެވެ. އިމްރާން ޚާނަށް ވަފާތެރި ކެންޑިޑޭޓުންނަށް ޕާޓީގެ ނިޝާން ބޭނުންކުރުމުގެ ހުއްދަ ލިބުނުނަމަ އެއްބުރުން ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުގެ ގޮނޑި ކާމިޔާބު ކުރެވުނީސްކަމަށް ބުނެއެވެ.

ޕީޕީޕީ އާއި ޕީ އެމް އެލް- އެން ގެ ޕްރެސް ކޮންފަރެންސްގައި މީޑިއާއިން ކުރަމުންގެންދިޔަ ގިނަ ސުވާލުތަކަކަށް ޖަވާބެއް ނުލިބުނެވެ. ދެ ޕާޓީ ގުޅިގެން އުފައްދާ ސަރުކާރުގެ އިސް މަގާމުތައް ބެހިގެންދާނެ ގޮތަކާ ދޭތެރޭ ގިނަ މަޝްވަރާތަކެއް ކުރަން ޖެހިފައިވާކަން ހާމަ ވެގެންދިޔައެވެ. ޕްރެސް ކޮންފަރެންސްގެ ކުރިން ދެ ޕާޓީން ކުރެވުނު މަޝްވަރާތަކަށް ބަލާއިރު ޕީޕީޕީ އިން ނަވާޒް ޝަރީފާއެކު ބައިވެރިވުމަކަށް ނުދެވޭނެއޭ ވެސް ހީވިކަހަލައެވެ. އެހެންނަމަވެސް ޕްރެސް ކޮންފަރެންސްގެ ފަހުން ޕީ އެމް އެލް-ނަވާޒްގެ ރައީސް ޝާހްބާޒް ޝަރީފްގެ ތަރުޖަމާނު މަރިޔަމް އައުރެންގެޒޭބް ވިދާޅުވީ ޕާކިސްތާނުގައި އަލަށް އުފެދޭ ސަރުކާރުގެ ބޮޑުވަޒީރަކަށް ވާނީ ޝާހްބާޒް ޝަރީފް ނުވަތަ އެއްބަނޑު އެއްބަފާ ބޭބެ ނަވާޒް ޝަރީފް ކަމަށެވެ. އަދި އެ ސަރުކާރު އުފެއްމަށްޓަކައި އިމްރާން ޚާނާއެކު ވެސް މަޝްވަރާކުރަން ތައްޔާރަށް ހުންނެވިކަމަށެވެ.

ޕީ އެމް އެލް- ނަވާޒްގެ ވިސްނުން މިގޮތަށް ހުރި އިރު ޕީޕީޕީ އިން ބުނަމުންގެންދަނީ އަލަށް އުފެދޭ ސަރުކާރުގައި ގައުމުގެ ރައީސަކަށް ވާނީ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން އަދި މިހާރު އެ ޕާޓީގެ ޗެއާރމަން ބިލްވާލް ބުއްޓޫ ޒަރްދާރީގެ ބައްޕަ އާސިފް ޢަލީ ޒަރްދާރީ ކަމަށެވެ. ބިލްވާލް ވިދާޅުވީ ޕާކިސްތާން މިހާރު ވެއްޓިފައިއޮތް ވަޅުގަނޑުން އަރައިގަނެވޭނީ ބައްޕާފުޅު ކަހަލަ ވަރުގަދަ ޝަޚުސިއްޔަތަކަށް ކަމަށެވެ.

ޝާހްބާޒް ޝަރީފް ވިދާޅުވިކަމަށްވަނީ މަޢާފްކުރުމާއެކު މާޒީ ހަނދާން ނައްތާލާށެވެ. ނުވަތަ މާޒީ ހަނދާން ނައްތާލުމާއެކު މަޢާފް ކުރާށެވެ. އަދި އަމިއްލަ ނަފުސުގެ ފައިދާއާއި ޣަރޫރާއި ތަކައްބުރުގެ ސިފަތަކުން އެއްކިބާވަމާހެއްޔެވެ! 

އިމްރާން ޚާން ވިދާޅުވެފައިވަނީ އިންތިޚާބުގައި ވޯޓުން ވައްކަންކުރުންފަދަ ގިނަ މައްސަލަތަކެއް ހުރުމާއެކު އެ މައްސަލަތަކަށް ސުޕްރީމް ކޯޓުގެ ނިންމެވުމެއް ހޯއްދެވުމުގެ ކުރިން އެމަނިކުފާނަށް ވަފާތެރި ކެންޑިޑޭޓުން ޕީ ޕީ ޕީ އާއި އަދި ޕީ އެމް އެލް- ނަވާޒް އާއެކު ކުރާނެ އެއްވެސް މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

ޕާކިސްތާނުގެ ގާނޫނު އަސާސީގައި ލިޔެފައި އޮންނަ ގޮތުން ސިޔާސީ ޕާޓީއަކުން ނޫނީ ސަރުކާރެއް އުފެއްދުމުގެ ފުރުސަތެއް ނޯންނާނެއެވެ. ޕާކިސްތާން ތަޙްރީކޭ އިންސާފް ޕާޓީ ސަރުކާރުން ގަބޫލު ނުކުރުމުގެ ސަބަބުން އިމްރާން ޚާނަށް ވަފާތެރި މެމްބަރުންނަށް ސަރުކާރެއް އުފެއްދުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އެހެންނަމަވެސް ސަރުކާރެއްގައި އަމިއްލަ ހައިސިއްޔަތުން ބައިވެރި ވެވިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް