ހޫތީންގެ ހަމަލާ އަތަށް ގޮވީތަ ނޫނީ މީޑިއާގެ ޚަބަރު އަތަށް ގޮވީތަ!

Loading

Facebook
Twitter
WhatsApp

ބާބުލް މަންދޫބްގެ ތެރެއިން ދެކުނުގެ މިސްރާބަށް ދަތުރުކުރަމުންދިޔަ އެމެރިކާއާއި ގުޅުންހުރިކަމަށްބެލެވޭ  ސްޓާރ އައިރިސް އަށް ހޫތީން ހޯމަދުވަހު ހެނދުނު ދިން މިސައިލް ހަމަލާއަކީ ވިހި މިނިޓް ތެރޭގައި ވަރަށް ބަރާބަރަށް  އަމާޒަށް ފޮނުވާލެވުނު ހަމަލާއެއްކަމަށް އެ ޖަމާއަތުން ހާމަކޮށްފިއެވެ. އެހެންނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިކަމާ ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.                                 
ޚަބަރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ބޯޓު ބަރުކޮށްފައިވަނީ އީރާނަށް ގެންދާ ސާޅީސް ހާސް ޓަނުގެ ޒުވާރި އެވެ. އެހެންނަމަވެސް އެކަމާގުޅޭގޮތުން އީރާނުންވެސް ވާހަކައެއް ނުދައްކައެވެ. 

އެމެރިކާއަށް ނިސްބަތްކުރެވޭ ބޯޓުފަހަރަށް ހަމަލާދެމުންގެންދާއިރު ބާރުގަދަ އެމެރިކާގެ ކަނޑު ސިފައިން އެ ސަރަހައްދުގައި ކުރަނީ ކީއްތޯ ބައެއް މީޑިއާތަކުން ވަނީ ސުވާލު އުފައްދާފައެވެ.                      

އެ ބޯޓަކީ ވިހި އަހަރުގެ ޕެނަމެކްސް ބަލްކް ކެރިއަރެއް ކަމަށާއި ހަމަލާތައް އަމާޒުވެ އެ ބޯޓަށް ގެއްލުން ލިބުނުކަމަށް އިނގިރޭސި ވިލާތުގެ މެރިޓައިމް ސެކިއުރިޓީ ސްޕެޝަލިސްޓް އެމްބްރޭ އިން ވަނީ ރިޕޯރޓްކޮށްފައެވެ. އެ ބޯޓު ބަރުކޮށްގެން ދަތުރު ފަށާފައިވަނީ މި ހުސްވި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ބްރެޒިލްގެ ވިލާ ޑޯ ކޮންޑޭގެ ބަނދަރުން އީރާނުގެ އިމާމް ޚުމޭނީއަށެވެ.                                      
ހޫތީންގެ ހަމަލާތައް އަމާޒުވެފައިވަނީ ބޯޓުގެ ސްޓާރބޯރޑް ފަރާތަށް ކަމުގައި އެ ރިޕޯޓް ގައި ބުނެފައިވެއެވެ.                                                             
އެމްބްރޭގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ބަލްކްކެރިއަރަށް ހަމަލާ ދީފައިވަނީ ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިއީ އީރާނަށް ދަތުރުކުރަމުންދިޔަ ބޯޓަކަށް ވުމުގެ ސަބަބުން ބައިނަލް އަގްވާމީ މީޑިއާތަކުގައި މިހާރު ހޫތީންގެ ހަމަލާތަކުގައި އަމިއްލަ އުޅަނދުފަހަރުވެސް ފާހަގަނުކުރެވޭކަމަށް ބުނެ މަލާމާތުގެ ބަސްތައް ގެންދަނީ އުކަމުންނެވެ.                                                        
މީޑިއާތަކުގެ މަލާމާތަށާއި އެމްބްރޭގެ ރިޕޯޓުގައި އެ ބޯޓަށް ހަމަލާ އަމާޒުވެފައިވަނީ ބޯޓުގެ ސްޓާރބޯރޑް ފަރާތަށް ކަމުގައި ބުނެފައިވުމާއެކު ކަނޑުދަތުރުފަތުރުގެ މައުލޫމާތު ލިބިވަޑައިގެން ތިއްބެވި ބައެއް ތަޖްރިބާކާރުން ރައްދު ދެއްވާފައިވާ ގޮތުގައި ތަންދޮރު ނުބަލާ ހަމަލާދެމުންގެންދަނީ ހޫތީންކަމަށް ބުނުމުގެ ކުރިން މީޑިއާތަކުގައި ތިޔަ ހާމަކުރެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްލުން މާ މުހިންކަން ބޮޑުކަމަށް ބުނެފައި ވެއެވެ. އަދި ރެޑް ސީ އިން ނިކުމެގެން ނުވަތަ ރެޑް ސީ ތެރޭން ލާފައި އީރާނަށް ދަތުރުކުރާ އުޅަނދަކަށް ޔަމަނުން ދިން މިސައިލް ހަމަލާއެއް އެ ބޯޓުގެ ސްޓާރބޯރޑް ފަރާތަށް އަރާނެގޮތެއް އޮޅުންފިލުވާދިނުމަށް އެބޭފުޅުންގެ ރައްދުގައި މީޑިއާތަކަށް ސުވާލުކޮށްފައިވެއެވެ.                                                           
މިއީ ރަތް ކަނޑުން ދަތުރުކުރާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ރެޑްސީތެރެއިން ދަތުރުކުރުމުގެ ފުރުސަތު ނުލިބޭނެކަމަށް ބުނެ ހޫތީންގެ ހަމަލާތައް ފެށިފަހުން މިހާތަނަށް ދިން 51 ވަނަ ހަމަލާއެވެ.                                                           
މި ހާދިސާއަށްފަހު ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޫތީންގެ ހަމލާތަކަށް ބަލާއިރު އެ ސަރަހައްދުގައި އެމެރިކާގެ ކަނޑު ސިފައިންގެ އުޅަނދުފަހަރަށާއި އަދި ކޮމާރޝަލް ދަތުރުތައް ކުރާ ބޯޓުފަހަރަށްވެސް ނުރައްކާތެރި ވެފައިވާ މިންވަރާމެދު އިންޒާރުދީފައި ވެއެވެ.                    

Loading

One Response

  1. މެރިޓައިމް ސެކިއުރިޓީ ސްޕެޝަލިސްޓް ފާރމް ( އެމްބްރޭ ) ވެސް ތިއޮތީ އެނބުރޭ އަކަށްވެފާ. އެހެންނާފަހެ ރެޑް ސީ ގެ ތެރޭން ލާފައި އެތަނުން ނިކުންނަން ދަތުރުކުރާ ބޯޓެއްގެ ސްޓާބޯރޑް ފަރާތް ޔަމަނާ ދިމާލަށް އޮންނާނެ ގޮތެއް ނުވިސްނޭ. ފަހަރެއްގައި މިސައިލްވެސް އެނބުރިލާފާ އައިސް ސްޓާރބޯރޑް ފަރާތަށް ޖެހިގަތީކަމަށް ވެދާނެ. ދޮގު ހެދުމުގައިވެސް ހައްދެއް އޮންނަންވަނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް