ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާ

Loading

Facebook
Twitter
WhatsApp

ސީއެންއެން ގެ އެންމެފަހުގެ ޚަބަރުތަކަށް ބަލާއިރު މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގެ އިންތިޚާބީ އިދާރާއިން އާންމުކުރި ނަތީޖާގައި  ޕާކިސްތާނުގެ ތަހްރީކޭ އިންސާފު ޕާރޓީއަށް ނިސްބަތްކުރެވޭ އަމިއްލަ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އެ ނަތީޖާގައި ބުނެފައިވާ ގޮތުން ޕާލަމެންޓުގެ 102 ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ވަފާތެރި މިނިވަން ކެންޑިޑޭޓުންނެވެ.                

ނަވާޒް ޝަރީފުގެ ޕީއެމްއެލްއެން. ޕާޓީއަށް 73 ގޮނޑި ކާމިޔާބުކުރެވުނު އިރު ޕީޕީޕީ އަށް ކާމިޔާބު ކުރެވުނީ 54 ގޮނޑިއެވެ.

                                                 
ޕާކިސްތާނުގެ އެންމެ ބޮޑު 3 ސިޔާސީ ޕާރޓީގެ ތެރެއިން އެއްވެސް ޕާރޓީ އަކަށް ސަރުކާރު އެކުލަވާލުމަށް ބޭނުންވާ 169 ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޕާކިސްތާނުގައި ދެން ބޮޑުވަޒީރުކަން ކުރައްވާނެ ބޭފުޅަކު ކަނދައެޅުން އޮތީ ސުވާލު މާކު ތަކެއްގެ ތެރޭގައެވެ.                            

ޕާކިސްތާނުގެ އިންތިޚާބީ ނަތީޖާ އިއުލާންކުރެވިގެން މިދިޔައީ އިންތިޚާބު ނިމުނުތާ ތިންދުވަސް ފަހުންނެވެ. ވޯޓުން ވައްކަން ކުރުމާއި އަދި ތަފާތު އެކިއެކި ތުހުމަތުތަކުގައި މުޅި ގައުމު އޮތީ ހަލަބޮލިކޮށްލާފައެވެ.                

އިމްރާން ޚާންގެ ޕީ.ޓީއައި ގެ ސަޕޯރޓަރުންވެސް ގެންދިޔައީ އެމީހުންނަށް ކާމިޔާބު ކުރެވިފައިވާ ކަމަށް ބެލެވުނު ސަރަހައްދީ އިލެކްޝަން އޮފީސްތަކުގެ ކުރިމަތީގައި “ ނަތީޖާ ލަސްކުރަނީ ކީއްވެގެންތޯ ސުވާލުކުރަމުން “ މުޒާހަރާކުރަމުންނެވެ.

                                                        
ވެރިކަންކުރާ އިސްލާމް އާބާދުގައި ގާނޫނާ ޚިލާފަށް އެއްވެ އުޅޭމީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުން ހުއްދަ ކުރާ  ގާނޫނުއަސާސީގެ 144 ވަނަ މާއްދާއަށް އަމަލުކުރަންވަނީ ފަށާފައެވެ.                       

ޕާކިސްތާނުގެ ބައެއް ސިޔާސީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާގޮތުގައި މިފަހަރުގެ އިންތިޚާބު ފެންނަފެނުމުގައި ގިނަ މައްސަލަތަކެއް ފެންމަތި ވެފައެއް ނެތެވެ. އެހެންނަމަވެސް ސިޔާސީ ޕާރޓީތަކުން އިންތިޚާބު ނާކާމިޔާވެއްޖެ ހިނދެއްގައި އިންތިޚާބީ އިދާރާއަށް ނުރުހުމުގެ އިނގިލި ދިމާކުރުމަކީ ހަމައެކަނި ޕާކިސްތާނަށް ޚާއްސަ ސިފައެއްވެސް ނޫނެވެ.              

އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން ޕީޓީއައި އިން ބުނަމުންގެންދިޔައީ އެއްވެސް ޝައްކެއްނެތި 170 ގޮނޑި އެ ޕާރޓީން ކާމިޔާބުކުރާނެ ކަމަށެވެ. މި ސަބަބަށްޓަކައި އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމާއެކު މިހާތަނަށް 18 ސަރަހައްދަކަށް ޝަކުވާ ހުށައަޅައިފިއެވެ. މިހާރުވެސް އެ ޕާޓީން ބުނަމުންގެންދަނީ ވޯޓުން ވައްކަން ކޮށްފައި ނުވާނަމަ އެ ޕާޓީން އިންތިޚާބު ކާމިޔާބު ކޮށްފައިވާނެ ކަމަށެވެ.                     

ޕާކިސްތާނުގެ ސިޔާސީ ވެށީގައި ގުޅިފައިވާ ސަރުކާރެއް އުފެއްދުމަކީ އާންމު ކަމެކެވެ. އެކަމަކު ގުޅިފައިވާ ސަރުކާރެއް ދެމެހެއްޓުމަކީ ކުރެވިފައިއޮތް ކަމެއް ނޫނެވެ.

                                        
ޕާކިސްތާނުގެ ސިޔާސީ ވެށީގައި އުފެދޭ ބަލިކަށި ސަރުކާރެއް މިލިޓްރީންގެ އަތްމައްޗަށް ފުރޮޅިގެން ދިޔަތަން މާޒީގައި ވަނީ ފެނީފައެވެ. މިފަހަރުވެސް މިއީ ވެދާނެގޮތެއް ކަމަށް ބައެއް ތަޖްރިބާކާރުން ބުނަމުންގެންދެއެވެ. ސަރުކާރެއް ނުއުފެއްދި ސިޔާސީ ކޯޅުންގަނޑެއްގެ ތެރެއަށް ގައުމު ވެއްޓިދާނެކަމުގެ ބަހަނާގައި މިލިޓްރީންގެ ސަރުކާރެއް ޕާކިސްތާނުގެ މާޒީން ކިތަންމެ ފަހަރަކު ވަނީ ފެނިފައެވެ. ޕާކިސްތާނު ސަރުކާރަށާއި އިލެކްޝަނަށްވެސް މިލިޓްރީންގެ ބާރު ފޯރާފައި ނުވާ ޒަމާނެއް މިހާތަނަށް ޕާކިސްތާނު ދެކިފައި ނުވެއޭ ބުނަމަކީ ދޮގަކަށް ނުވާނެއެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ލޮލުން ޕާކިސްތާނުގެ ޑިމޮކްރެސީވެސް ދެކެން ބޭނުންވަނީ އެ ގައުމުތަކުގެ ޑިމޮކްރެސީއާއި އެއްފަދަ ގޮތެއް ގައެވެ. ޕާކިސްތާނުގެ ރައްޔިތުންގެ މަންފާއާއި ކުރިއެރުން އޮތީ މިލިޓްރީ ބޫޓުތަކުގެ ދަށުން މިނިވަންވެގެން އުފެދޭ ރައްޔިތުންގެ ސަރުކާރެއް ލިބިގެންކަމަށް އުންމީދު ކުރެވޭތީއެވެ.               

Loading

One Response

  1. އަހަރެމެން މުސްލިމުންނާ އެއްވަރަށް ވެރިކަމުގެ ދަހިވެތިކަން ލެޔާ އަދި ސިކުނޑީގައިވެސް ހަރުލާފައިތިބި ބަޔަކުގެ ވާހަކައެއް ނީވެއެވެ. ޕާކިސްތާނަކީ މުޅި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ހުރިހާ ނުރައްކަލެއް ހައްލުކުރުމުގައި ނަމޫނާ ދައްކަން ޖެހޭ ބައެކެވެ. އެކަމަކު އެ އުޅެނީ އުފެދުނީއްސުރެންވެެސް ރައްޔިތުން އެދޭ ގޮތަށް ހިންގާނެ ސަރުކާރެއް ނުލިބިގެންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް