އީ-ޓުކުރިއާއި ޕިކްޕޯސްޓު ޚިދުމަތުގެ ސަބަބުން އެތައް ދިވެހިންނަކަށް ފަސޭހަތަކެއް ލިބިގެންދޭ: އާދަމް ޝަރީފް

Loading

Facebook
Twitter
WhatsApp

އީ-ޓުކުރިއާއި ޕިކްޕޯސްޓު ޚިދުމަތުގެ ސަބަބުން އެތައް ދިވެހިންނަކަށް ފަސޭހަތަކެއް ލިބިގެންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ ”ޕޯސްޓަލް ފޯރަމް“ ފެށުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ޕޯސްޓުގެ ޚިދުމަތަކީ ކޮންމެ ރަށަކުންވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހަދަންޖެހޭ ކަމަށެވެ.

ޕޯސްޓުގެ ޚިދުމަތް ކުރިއަރަމުންދާއިރު، އީ-ޓުކުރިއާއި ޕިކްޕޯސްޓުގެ ޚިދުމަތަކީވެސް ދިވެހިންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާ ޚިދުމަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމަ އެހެންމެ ޓެކްނޮލޮޖީއާއެކު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް މުއާމަލާތު ކުރުމަކީ މިއަދު ވަރަށް ފަސޭހަކަމެއް ކަމަށް ވިދާޅުވެ ދުރު ތަނަކަށް އެއްޗެއް ފޮނުވަން ބޭނުންވާނަމަ އެކަމަށް އެންމެ ފަސޭހަ ގޮތަކީ އަދިވެސް ޕޯސްޓުގެ ޚިދުމަތް ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އިދާރާތަކުން މިހާރަށްވުރެ ބޮޑަށް، ޕޯސްޓުގެ ޚިދުމަތް ބޭނުންކުރާނަމަ ސަރުކާރުގެ ޚަރަދުވެސް ކުޑަ ވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޕޯސްޓުގެ ހިދުމަތް ފުޅާކުރުމަށް ލޯކަލް ކައުންސިލްތަކުންވެސް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށާއި ކޮންމެ ރަށަކުން ޕޯސްޓުގެ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތްކޮށްދެއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޕޯސްޓްގެ ހިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގައި ބައިނަލްއަޤްވާމީ ގޮތުން ބެލިކަމުގައިވިޔަސް ތަޖުރިބާކާރު، އިލްމީ ބޭފުޅުން ތިއްބެވިކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް