އެމެރިކާ ސަރުކާރުގެ ހަނގުރާމައިގެ ސިޔާސަތު ގާނޫނީ އިމުން ބޭރުކަމުގެ އިންޒާރު

Loading

Facebook
Twitter
WhatsApp

މިދިޔަ އާދީއްތަ ދުވަހު އިރާގާއި ސީރިޔާއާއި އަދި ޖޯޑަން ގުޅޭ ސަރަހައްދުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްއަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންގެންދާ މުޖާހިދުން ދިން ހަމަލާގައި އެމެރިކާގެ ސިފައިންގެ ތިން މީހަކު މަރުވެ އެތައްބަޔަކު ޒަޚަމް ވުމާ ގުޅިގެން އިރާގައި ސީރިޔާގައި އީރާނުގެ މަދަދު ލިބެމުންދާ މުޖާހިދުންގެ އަމާޒުތައް ކަމަށް ބެލެވޭ ގިނަތަންތަނަށް އެމެރިކާގެ މިލިޓްރީން ވައިގެ ހަމަލާތައް ދީފިކަމަށް އެސޯޝިއޭޓެޑް ޕްރެސްއިން ޚަބަރު ދީފިއެވެ.

އެ ޚަބަރުގައި ބުނެފައިވާގޮތުން ހަތް ސަރަހައްދެއްގައި ހުރި 85 ތަނަކަށް އެމެރިކާއިން ހަމަލާ ދިންކަމަށް ވެއެވެ. އޭގެތެރޭގައި މުޖާހިދުންގެ ކޮމާންޑް ސެންޓަރު ތަކާއި ޖާސޫސީ ޖާގަތަކާއި އަދި މިސައިލާއި ޑްރޯނުން ހަމަލާދިނުމަށް ބޭނުންކުރާ ތަންތަންވެސް ހިމެނޭކަމަށާއި އޭގެ އިތުރުން ހަތިޔާރު ގުދަންތައްވެސް ހިމެނޭކަމަށް އެ ޚަބަރުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް އެ ސަރަހައްދުގައި ހުރި އީރާނުގެ ރިވޮލިއުޝަނަރީ ގުދުސް ފޯސްގެ ގާޑުންގެ އެއްވެސް އަމާޒަކަށް ހަމަލާދީފައެއް ނުވެއެވެ.

އީރާނުން ބުނެފައިވަނީ އާދިއްތަދުވަހު އެމެރިކާގެ އަމާޒުތަކަށް ދިން ހަމަލާތަކާއި އެގައުމާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

މެދު އިރުމަތީގެ މަސްރަހް ފިނިކުރަން އެމެރިކާއިން ބުނަމުން ގެންދިޔަ ނަމަވެސް ރައީސް ޖޯ ބައިޑަން ބުނެފައިވަމީ މިއީ އަދި ފެށުމެއް ކަމަށެވެ. އެހެންނަމަވެސް އެ ހަމަލާތަކުން ދެވުނު ގެއްލުމާ ބެހޭ އެއްވެސް ތަފްސީލެއް އެމެރިކާއިން ހާމައެއް ނުކުރެއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާގޮތުގައި އެމެރިކާއިން “ މާދަމާ ޖަހާނަން “ ކިޔަކިޔާ ތިއްބާ މުޖާހިދުންނަށް އެކި ދިމަދިމާއަށް ގޮސް ފިލުމުގެ ފުރުސަތު ހުޅުވިގެން ދިޔައީއެވެ. މުޖާހިދުންނަށް ފާހަގަކުރެވޭފަދަ ގެއްލުމެއް ދެވުނުކަމަށް ލަފައެއް ނުކުރެވެއެވެ.

އީރާނުން މަދަދު ލިބެމުންދާ ޖަމާއަތެއް ކަމުގައި ބެލެވޭ ހިޒްބުﷲ އިން ބުނެފައިވަނީ އެ ޖަމާއަތުން އެމެރިކާގެ އަމާޒުތަކަށް ހަމަލާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ ކަމަށެވެ. އެކަމަކު އެހެން ޖަމާއަތްތަކުން ބުނެފައިވަނީ ޣައްޒާގެ ހަނގުރާމަ ނިމުމުން ނޫނީ އެމެރިކާގެ ސިފައިންނަށް ހަމަ ނިދި ނުލިބޭނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް “ ގޯލްޑަން ބީ ބީ “ ގެ ނަމުގައި ވާހަކަ ދައްކަމުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއިން “ މާދަމާ ހަމަލާދޭނަމޭ “ ކިޔަން ތިބުމުގެ ސަބަބުން މުޖާހިދުންނަށް އެމީހުން ބޭނުންވާ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެން ދިޔައީ ކަމަށް ގަބޫލުކުރަން ޖެހެއެވެ. އަދި މިހާރަކަށް އައިސް މުޖާހިދުންގެ ހަމަލާތަކުގެ ނުރައްކާ ތެރިކަން މާ ބޮޑުވެފައިވާކަން ވެސް އެއީ ހަގީގަތެވެ.
އެމެރިކާ ސަރުކާރުގެ ކުރީގެ ދިފާއީ ސީނިއަރ އިންޓެލިޖެންސް އޮފިސަރަކު ބުނެފައިވާގޮތުގައި އެމެރިކާ ސިފައިންނަށް ދެވޭ ހަމަލާތަކާއި ރެޑްސީ އިންދަތުރުކުރަމުންގެންދާ ބައެއް ގައުމުތަކުގެ އުޅަނދުފަހަރަށް އަމާޒުކޮށްގެން ދެމުންގެންދާ ހަމަލާތަކުން އެނގި ކަށަވަރުވެގެންދަނީ މެދުއިރުމަތީގެ ހާލަތު ގޯހުން ގޯހަށް ބަދަލުވަމުންދާކަމެވެ. ޔޫ އެސް އޭ ޓްޑޭ އަށް އޭނާ ކިޔައިދިން ގޮތުގައި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ސީދާ ހަމަލާދެމުން ގެންދިއުމާމެދު ވިސްނާލައިފިނަމަ މުޖާހިދުން ތިބީ ހަތިޔާރު ބަހައްޓަން ނޫންކަންވެސް ގަބޫލުކުރަން ޖެހެއެވެ.

އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ބުނެފައިވަނީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް މުޖާހިދުން ދިން ހަމަލާގެ ބަދަލު އެމެރިކާއިން ހިފާނެއެވެ. އެކަމަކު އެމެރިކާއިން ދޭ ހަމަލާގެ ބަދަލު މުޖާހިދުން ނުވަތަ އީރާނުން ހިފާނެ މިންވަރު ބުނާކަށް ނޭގެއެވެ. އަދި އެގޮތަށް ކުރިއަށް ދާނަމަ ހަނގުރާމަ ހުއްޓުވިދާނެ ކަމަކަށް ނުބެލެވޭނެއެވެ.

ޕެންޓަގަނުން ބުނެފައިވާ ގޮތުގައި އިރާގާއި ސީރިޔާގައި ތިބި އެމެރިކާގެ ސިފައިންގެ އަމާޒުތަކަށް އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 150 ފަހަރު ހަމަލާ ދީފިއެވެ. މިސަބަބަށްޓަކައި ކޮންގްރެސްގައި ހިމެނޭ ބައެއް ބާރުގަދަ މެމްބަރުން އީރާނަށް ހަމަލާދިނުމަށް ބާރުއަޅުއްވައި އަދި އެކަން ލަސްކުރައްވާތީ ރައީސް ބައިޑަންއަށް ވަރަށްބޮޑަށް ފާޑުކިޔަމުން ވެސް އެބަ ގެންދެއެވެ. ހަމައެއާއެކު މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ހަނގުރާމައިގެ ސިޔާސަތާ ދޭތެރޭ ގިނަ ކޮންގްރެސް މެމްބަރުން ހިތްހަމައެއް ނުޖެހެއެވެ.

ރައީސް ބައިޑަން ވިދާޅުވެފައިވަނީ ކޮންމެ ދުވަހަކުވެސް އެމެރިކާ ސިފައިން ހޫތީންނަށް ހަމަލާދެމުން ގެންދާކަމަށާއި މިހާތަނަށް މާބޮޑު ކާމިޔާބީއެއް ހާސިލުކުރެވިފައިނެތަސް ހަމަލާތައް މެދުކަނޑާލަން ނުވިސްނަވާކަމަށެވެ.

ކޮންގްރެސްގެ މެމްބަރުން މިގޮތަށް ބެހިފައިވާއިރު ހަނގުރާމައިގެ ބާރުތަކާބެހޭގޮތުން 1973 ގައި ފާސްކޮށްފައިވާ ގާނޫނަށް ހަވާލާދީ މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ހަނގުރާމައިގެ ސިޔާސަތާމެދު ދެވަނަފަހަރަށް ވިސްނަން ޖެހޭ ކަމަށް އިޝާރާތްކޮށް ޑިމޮކްރެޓުންނާއި ރިޕަބްލިކުންވެސް ހިމެނޭ ގުރޫޕަކުން ވައިޓްހައުސްއަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ސިޓީގައި ރައީސް ބައިޑަންއަށް އިންޒާރު ދެއްވާފައިވަނީ ބޭނުންހާގޮތަކަށް ހަނގުރާމައިގެ ހަރަކާތް ނުހިންގޭނެ ކަމަށާއި އެކަމަށް ކޮންގްރެސްގެ ރުހުން ހޯދަންޖެހޭނެ ކަމަށެވެ. 1973 ގެ ގާނޫނުގެ ބޭނުމަކީ ރައީސުން ބޭނުންވާ ހިނދަކު އެމެރިކާ ސިފައިން ހަނގުރާމައަށް ނެރުމުގެ މަގު ބަންދުކުރުން ކަމަށާއި އަދި އެހެން ގައުމުތަކުގެ މެދުގައި ހިނގާ ދެކޮޅުވެރިކަމާއި ހަނގުރާމައަށް އެމެރިކާއިން ވަނުމުގެ ކުރިން އެކަމަށް ކޮންގްރެސްގެ ރުހުން ހޯދުން މަޖުބޫރުކުރުވުން ކަމަށް ވެސް އެ ސިޓީގެ އިންޒާރުގައި ހަނދާންކޮށްދީފައިވެއެވެ.

ވޯޝިންގްޓަން ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި އިތުރު ގިނަ މެމްބަރުންތަކެއް ހިމެނޭ ގުރޫޕަކުން އަނެއްކާވެސް ހަމަ މި އިންޒާރު ވައިޓްހައުސްއަށް ދިނުމަށް ރާވަމުން އެބަގެންދެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް