ތަޢުލީމާ ވަޒީފާއާ އާމްދަނީގެ ފުރުޞަތުތައް ޒުވާނުންނަށް ފަހިވާން ޖެހޭ: ރައީސް މުޢިއްޒު

Loading

Facebook
Twitter
WhatsApp

ތަޢުލީމާއި ވަޒީފާއާ އާމްދަނީގެ ފުރުސަތުތައް ޒުވާނުންނަށް ފަހިވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ޒުވާނުންގެ ވިސްނުމާ ފިކުރު ޤައުމު ހިންގުމުގައި ވަރަށް ބޭނުންތެރި ކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ އެކަމަށް މަގުފަހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޔޫތު އެޑްވައިޒަރީ ބޯޑު މިހާރު ވާނީ އެކުލަވާލާފައި ކަމަށެވެ.

ތަޢުލީމާ ވަޒީފާއާ އާމްދަނީގެ ފުރުޞަތުތައް ޒުވާނުންނަށް ފަހިވާން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޒުވާނުންގެ މަރުކަޒުތައް ބިނާކޮށްދޭން ޖެހޭ ކަމަށާއި ބައިނަލްއަޤްވާމީ މާރުކޭޓުތަކުގައި އޮންލައިންކޮށް ވިޔަފާރީގެ މުޢާމަލާތުތައްކޮށް، ޒުވާނުންގެ އުފެއްދުންތަކާ ހުނަރުން، ރާއްޖޭގައި ތިބެގެން މަންފާ ހޯދޭނެ މަގު ހުޅުވައިދޭން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އޮންލައިން ޕޭމަންޓް ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ލިބިގަތުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތްވަނީ ފެށިފައި ކަމަށާއި ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާ ގުޅޭ ގޮތުން މަސައްކަތް ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ފިކުރީ މުދާ ރައްކާތެރިކޮށް ދިނުމަށް ބޭނުންވާ ޤާނޫނުތައް ތައްޔާރުކޮށް މަޖިލީހަށް ފޮނުވާނެ ކަމަށާއި ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީއެއް އެކުލެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ”ކްރިއޭޓިވް ހަބް“ އިމާރާތް ކުރުމުގެ މަސައްކަތް އިރާދަކުރެއްވިޔާ މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ފަށާނެ ކަމަށެވެ. އަދި ޒުވާނުންނަކީ ކޯޑިންގގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭނެ ބަޔަކަށް ހެދުމަށް 5 އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ދިވެހި ޒުވާނުންގެ ޝައުޤު އިތުރުވަމުންދާ، ރޭސިންގ، ސާރފިންގ، މޫދުކުޅިވަރު، އީ-ގޭމިން ފަދަ ކަންކަން ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުގެ މައިދާނާ، އިޖްތިމާޢީ ކަންކަމާ، މި ނޫން ހުރިހާ ކަމެއްގައިވެސް ދެ ޖިންސަށް ވެސް، ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ސިޔާސަތަކާއި ހަމަހަމަ ފުރުޞަތުތަކެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Loading

One Response

  1. ހަމަ އިބޫ ކަނޑާކަހަލަ މޮޅު ބައިސާ. ދެން ބަލަމާ. ނިޔަތް ގޯސްވޯމާ ދެން ކުރެވޭނެ ކަމެއް ނޯންނާނެއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް