ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމައިފިން: ރައީސް

Loading

Facebook
Twitter
WhatsApp

ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް މި ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތްކުރަން ޖެހޭ ކަމަށާއި މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

“މިއީވެސް ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މުހިންމުކަމެއް. މިކަމާބެހޭ ކަރުދާހެއް ކެބިނެޓަށް ހުށަހެޅި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ކުންފުނިތައް ހަރުދަނާ ކުރުމާބެހޭ ޚާއްސަ ސިޔާސަތެއް ވަނީ ފާސްކުރެވިފައި“

މީގެ އިތުރުންވެސް ފިސްކަލް ޑެފިސިޓް ކުޑަކޮށް މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށާއި މިގޮތުން އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޭސް ފުޅާކުރުމަކީ އެއް އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު ހުށަހަޅާފައިވާ އިގުތިސާދީ އެޖެންޑާގެ މައިގަނޑު އަމާޒަކީ މިއީ. އަދި ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލީ ހާލަތަށް ބަލައި، މަޝްރޫއުތަކުގެ މަސައްކަތްތައް ބަހާލައި ރާވައިގެން ގެންދަން ވާނީ ނިންމާފަ. އަމާޒަކީ މިހާރު މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ނިންމައި މަޝްރޫއުތަކުން ބިނާކުރާ އެސެޓްތަކުގެ މަންފާ ރައްޔިތުންނަށް ލިބުން އަވަސްކުރުން.“

ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުން ކަމަށާއި މިއީ ގައުމުގެ އިގުތިސާދީ އަދި މާލީ މުސްތަގުބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

“ހަމައެހެންމެ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް