ރައީސް ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ ޖަލްސާ އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބޮއިކޮޓްކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް ނިންމައިފިއެވެ.

އެމްޑީޕީން މި ގޮތަށް ނިންމީ އެ ޕާޓީން މިރޭ ބޭއްވި ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރިނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއް ގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުން ހިމެނޭ ކަމަށެވެ.

އަދި މި ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވުނު ދުވަހު މަޖިލީހުގެ މަސައްކަތައް ހުރަސްއަޅައި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް މަޖިލިސްކުރާ ގެ ކައިރިއަށް މީހުން އެއްކޮށް ހަމަނުޖެހުން އުފައްދައި މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައިވުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން މިގޮތަށް ނިންމީ މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގިއިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވުމުން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުންޏެވެ.

މާދަމާ ބާއްވާ ޖަލްސާއާ ގުޅިގެން ޑިމޮކްރެޓްސްއިން ބުނީ އެ ޖަލްސާއަށް، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި އެ 3 ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ޚިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ޕާޓީގެ ޕީޖީ ގުރޫޕުން ދެކޭ ކަމަށެވެ.

“އަދި ސަރުކާރުގެ ޣައިރު ގާނޫނީ މިފަދަ އަމަލުތަކަށް ހިތްވަރާއި ބާރު ލިބިދެވޭ ގޮތަށް ހިންގޭ ކަންކަމުގައި މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ވާހަކަވެސް ދަންނަވަމެވެ.“

ޑިމޮކްރެޓްސްއިން ބުނީ މި ސަބަބުތަކަށްޓަކައި މާދާމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޕީޖީ ގުރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް