ތުރުކީގެ މަރުކަޒީ ބޭންކާއި ހަވާލުވެހުރި، ގަވަރްނަރު ހާފިޒޭ ގަޔޭ އެރްކާން ގެ އަބުރު ކަތިލުމުގެ މަސައްކަތްކުރަމުން ގެންދާތީ އޭނާގެ އާއިލީ ސަލާމަތަށް ކަމަށްބުނެ މަގާމުން އިސްތިއުފާދީފިއެވެ.
އެރްކާންގެ ދަށުން މަސައްކަތްކުރި ޑެޕިއުޓީ ގަވަރްނަރު ފާތިހް ކަރާހާން މިހާރު އެމަގާމަށް އިސްކޮށްފައިވާއިރު، އެރްކާން ކުރިއަށްނެރުނު ސިޔާސަތުތަކާއި އޭނާ ޚިލާފުވާނެކަމަކަށް ނުބެލެވެއެވެ.
އެގޮތުން، އެރްކާން އިސްތިއުފާދިންކަށް އަންގާފައިވަނީ އޭނާ ހަވާލުވެހުރިއިރު ބޭންކުން އިންޓްރެންސް ރޭޓްތައް މަތިކުރުމާއެކު ގައުމީ އިންފްލޭޝަން ދަށަށް ދާން ފެށުމުންނެވެ. ދިރިއުޅުމުގެ އަގު ބޮޑުވެ ތުރުކީގެ ރައްޔިތުން ދެކެމުންދިޔައީ ދަތިދުވަސްވަރެކެވެ.
އެރްކާންއަކީ މަރުކަޒީ ބޭންކު ހިންގުމާއި ހަވާލުވި ފުރަތަމަ ގަވަރްނަރެވެ. އަދި އެ ބޭންކުގައި އެމަގާމު ފުރި ފަސްވަނަ ފަރާތްވެސްމެއެވެ.
ފޮރިން ރިޒާވްގައި ފައިސާ އިތުރުވަމުން ދާކަން ފާހަގަކޮށް އެރްކާން ބުނީ، ”މަސައްކަތުގެ ފޮނި މީރުކަން ފެންނަން ފަށާފައި“ ވާ ކަމަށާއި، އަހަރުގެ މެދުތެރޭގައި އިންފްލޭޝަން ދަށަށް ދާކަމުގެ ހެކި ފެންނަން ފަށާނެކަމަށެވެ.
އެހެން ނަމަވެސް، ސޯޝަލް ވިއުގަ، އެކްސްގައި އެރްކާން ހިއްސާކޮށްފައިވާގޮތުގައި ނެރުނު ފައްސި ނަތީޖާތަކާއެކުވެސް، އޭނާއާއި ދެކޮޅަށް އެނާގެ އަބުރު ކަތިލުމުގެ ނާތަހުޒީބު މަސައްކަތްތަކެއް ބައެއް ފަރާތްތަކުން ކުރަމުން ގެންދާ ކަމަށެވެ.
”ވީމާ، އަހަރެންގެ އާއިލާއާއި، ދޮޅު އަހަރުވެސް ނުފުރޭ އެއްވެސް ކުށެއްނެތް އަހަރެންގެ ކުޑަކުޑަ ދަރިފުޅު މީގެ އަސަރުން ސަލާމަތްކުރުމަށްޓަކައި، އަހަރެން ހަވާލުވި މަގާމުން ވަކިކޮށްދިނުމަށް ރައީސްގެ އަރިހުން އެދިއްޖައިން.“ އޭނާ ބުނެފައިވެއެވެ.