ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމުގެ އެންމެފަހުން ތަރައްގީކުރި ރިސޯޓް ” ސަން ސިޔާމް ވޯލްޑް” ޑިސެމްބަރު މަހު ހުޅުވުމަށް ތައްޔާރުވާން ފަށައިފިއެވެ.
ނ.އަތޮޅުގެ ދިގުރަށުގައި ތަރައްގީކުރި މި ރިސޯޓަކީ ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އެންމުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެވެ. މި ރިސޯޓްގެ ބޮޑުމިނުގައި 57 ހެކްޓަރު ހުރެއެވެ. ރަށް ވަށައިގެން 1.5 ކިލޯމީޓަރުގެ ފަރެއް އޮވެއެވެ.

މިރިސޯޓް ތަރައްގީކުރި ސަންސިޔާމް ގްރޫޕްން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ރިސޯޓްގައި 600 ކޮޓަރި ހުރެއެވެ. 12 ވައްތަރަކަށް ޚާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ކޮޓަރިތައް މި ރިސޯޓްގައި ހުންނައިރު މި ރިސޯޓްގައި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ 12 ރެސްޓޯރަންޓް ހުރެއެވެ. އަދި ދުނިޔޭގެ ފެންވަރުގެ ސްޕާތައް މިރިސޯޓްގައި ހުންނާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ހުރިހާ އުމުރުފުރައަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ތަފާތު ތަޖުރިބާއާއެކު ތަރައްގީކޮށްފައިވާ މިރިސޯޓްގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޮޑު ސަރަހައްދެއް ހަދާފައިވެއެވެ. އަދި ބޮޑެތިމީހުންނަށް ޚާއްސަ ކޮށްގެން އެކި ވައްތަރުގެ ކުޅިވަރުތައް ކުޅޭނެ މާލަން ތައްޔާރުކޮށްފައިވާއިރު މޫދު ކުޅިވަރުތަކަށް ވެސް ސްޕޯޓްސް ސެންޓަރެއް މި ރިސޯޓްގައި ތަރައްގީކޮށްފައިވެ އެވެ.
މި ރިސޯޓް ތަރައްގީކުރީ ޗައިނާގެ އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)ގެ ލޯނެއްނަގައިގެންނެވެ.
ސަންސިޔާމް ގުރޫޕުގެ ޗެއާމަން ސިޔާމް މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ރިސޯޓް ހުޅުވުމުން 2500 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
ސަންސިޔާމް ގުރޫޕުން މިހާރު ވެސް ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުންގެންދެއެވެ. އެއީ ސަން ސިޔާމް އިރުުށި މޯލްޑިވްސް، އޮޅޮވެލި ބީޗް އެންޑް ސްޕާ މޯލްޑިވސް، ސަން އަކްއާ ވިލުރީފް މޯލްޑިވްސް، ސަން އަކުއާ އިރުވެލި ރިސޯޓްއެވެ. މީގެ އިތުރުން އެ ކުންފުނީގެ ރިސޯޓެއް ލަންކާގައިވެސް ހިންގަންމުން ގެންދެއެވެ. އެއީ ސަން އަކުއާ ޕަސިކުޑާ ރިސޯޓެވެ.