”އައިކޮން އޮފް ދަ ސީސް“ ގެ ނަމުން ނަންދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ފްލޮރިޑާގެ މަޔާމީގެ ބަނދަރުން އެންމެ ފުރަތަމަ ދަތުރަށް ފުރައިފިއެވެ.
ދިގުމިނުގައި 365 މީޓަރު (1،197 ފޫޓު) ހުންނަ މި އުޅަނދުގައި 20 ބުރި ހުރެއެވެ. އަދި 7600 ފަސެންޖަރުންނަށް އެއްފަހަރައި ދަތުރުކުރެވޭ މި ބޯޓުގައި ހަތް ސްވިމިންގް ޕޫލާއި، ހަ ވޯޓާ ސްލައިޑް ހުންނައިރު، 40 ރެސްޓޯރެންޓު، ބާރ އަދި ލައުންޖުވެސް ހުރެއެވެ.
2 ބިލިއަން އެމެރިކާ ޑޮލަރު (1.6 ބިލިއަން ޕައުންޑު) ޚަރަދުކޮށްގެން ހަދާފައިވާ މި ބޯޓު ބަނދެފައިވަނީ ފިންލެންޑްގެ ބޯޓުޔާޑެއްގައެވެ.
އައިކޮން އޮފް ދަސީސް އަކީ ރޯޔަލް ކެރިބިއަން ގްރޫޕްގެ އުޅަނދެކެވެ. މި ކްރޫޒް ޝިޕްގެ އަލަތު ދަތުރުގެ ގޮތުގައި ހަތް ދުވަހުގެ ދަތުރެއް ކުރާއިރު، ދަތުރުކުރާގޮތަށް ހަމަޖެހިފައިވަނީ ކެރިބިއަންގެ އެއް ރަށުން އަނެއްރަށަށް ކަމަށް މައުލޫމާތުލިބެއެވެ.
ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ބޭނުންކުރާ މި އުޅަނދުން ޖައްވަށް ގެއްލުންދޭ މެތޭން ގޭސް ގިނަ އަދަދަކަށް ބޭރުކުރާނެތީ ތިމާވެއްޓާއި ބެހޭ މާހިރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މެތޭންއަކީ ކާބަންޑައޮކްސައިޑަށްވުރެ މާބޮޑަށް ޖައްވު ހޫނުކުރާ ގޭހެކެވެ.