ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު ހުއްޓުވުމަށާއި އިސްރާއީލުގެ ހައްދުފަހަނަޅައި ގޮސްފައިވާ ހަމަލާތަކަކީ ގަތުލު އާންމެއްކަމަށް ކަނޑައަޅައިދެއްވުން އެދި ދުނިޔޭގެ އެންމެ ބާރުގަދަ އަދުލުގެ ކޯޓަށް ހުށަހެޅި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ކޯޓުން ނެރުނު ވަގުތީ އަމުރާމެދު ދުނިޔެ ބައިބައިވެފައިވާ ގޮތާ ދޭތެރޭ ވިސްނައިލުން ރަނގަޅެވެ. އަދި އަމުދުން މިހާރު ދިވެހި ސަރުކާރުން ވެސް ދެކުނު އެފްރިކާއާއެކު އިސްރާއީލާ ދެކޮޅަށް ވަކާލާތުކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާއިރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިލިބި ހުރުމަކީ ބޭންތެރިކަމެކެވެ.
ދުނިޔޭގެ އަދުލުގެ ކޯޓުން ނެރުއްވި ވަގުތީ އަމުރުގައި އެންމެ ބޮޑަށް ބާރު އަޅުއްވާފައިވަނީ ގަތުލު އާންމުކަމަށް ބެލެވިދާނެ އެއްވެސް އަމަލެއް އިސްރާއީލުން ނުހިންގުމަށާއި އިންސާނުން ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ ޚިދުމަތްތަކުންގައްޒާގެ ރައްޔިތުން މަހްރޫމް ނުކުރުމަށާއި އަދި އިސްރާއީލުން ހިންގާފައިވާ ޖަރީމާތަކުގެ ހެކި ފޮރުވިދާނެ އެއްވެސް ކަމެއް ނުކުރުން ފަދަ ކަންތަކެވެ.
އެ ކޯޓުގެ ވަގުތީ އަމުރު އިސްރާއީލުން ތަންފީޒު ކުރަމުންދާ ގޮތް މަސްދުވަހުގެ ތެރޭގައި އެ ކޯޓަށް އެންގުމަށް ވެސް އަމުރުކޮށްފައިވެއެވެ. ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން އޮންނާނީ ކަމާބެހޭ ހުރިހާ މައުލޫމާތުތަކެއް ދިރާސާ ކުރުމަށްފަހުގައެވެ. އެ ހުކުމް އިއްވުމަށް ދުވަސް ނަގާނެއެވެ.
ދުނިޔޭގެ ކޯޓުގެ ވަގުތީ އަމުރާ ބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ އިސްރާއީލުން ގައްޒާގައި ގަތުލު އާންމު ހިންގާކަމަށް ހުށައަޅާފައި އެވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްފައި ކަމަށެވެ.
ހަމަ މި މޭރުމުން އެމެރިކާއިން ވެސް ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ގަތުލު އާންމު ހިންގަމުން ގެންދާކަމަށް ހުށައަޅާފައި އެވަނީ ހަގީގަތާ ޚިލާފު މައުލޫމާތުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ސްޓޭޓް ޑިޕާރޓްމެންޓުގެ ތަރުޖަމާނު ބުނެފައިވަނީ އެމެރިކާއިން ގަބޫލުކުރާގޮތުގައި ދުނިޔޭގެ ކޯޓުންވެސް ގަތުލު އާންމު ހިންގާފައިވާ ކަމަށް ނުދެކޭ ކަމަށާއި އަދި ހަނގުރާމަ ހުއްޓާލަންވެސް ކަނޑައަޅުއްވާފައި ނުވާކަމަށެވެ. އެމެރިކާއާއި އިސްރާއީލް ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން އެބާވަތުގެ ވިސްނުމެއް ފާޅުކޮށްފައެއް ނުވެއެވެ. އެމެރިކާގެ އެންމެ ބޮޑު ބައިވެރިޔާ ޔޫރަޕިއަން ޔޫނިއަނުންވެސް ބުނެފައިވަނީ ދުނިޔޭގެ ކޯޓުގެ އަމުރަށް އަކުރު އަކުރަށް ކަމާގުޅުންހުރިފަރާތްތަކުން ތަބާވެ އެ އަމުރު ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.
ހިއުމަން ރައިޓް ވޮޗް ގެ އެސޯޝިއޭޓެޑް އިންޓަރނޭޝަނަލްގެ ޑިރެކްޓަރ ބަލްގީސް ޖައްރާހް ވިދާޅުވެފައިވަނީ ދުނިޔޭގެ ކޯޓުގެ އަމުރަކީ އިސްރާއީލަށާއި އެގައުމުގެ ބައިވެރިންނަށް އެއިން ރެކިގަނެވޭނެ އަމުރެއް ނޫން ކަމަށެވެ.
އިސްރާއީލުގެ މައްސަލަ ދުނިޔޭގެ ކޯޓަށް ހުށަހެޅި ދެކުނު އެފްރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ދުނިޔޭގެ ކޯޓުގެ ވަގުތީ އަމުރުގެ ސަބަބުން އަދުލު އިންސާފު ގާއިމް ކުރެވިދާނެ ކަމުގެ އުންމީދު އާވެގެން ހިނގައްޖެ ކަމަށެވެ. ހަމަ އެފަދައިން ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލް މާލިކީ ވިދާޅުވެފައިވަނީ އެއްވެސް ގައުމަކަށް ގާނޫނަށްވުރެން މަތީގައި ނުހުރެވޭނެކަން ދުނިޔޭގެ ކޯޓުގެވަގުތީ އަމުރުން ހާމަވެގެން ހިނގައްޖެ ކަމަށާއި އިސްރާއީލާއި އެގައުމުގެ ވާގިވެރިން ބޭނުންހާ ގޮތަކަށް ބޭނުންހާކަމެއް ކުރުމުގެ ލައިސަންސް ނުލިބޭނެކަން ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ.
ހަމާސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ޖަރީމާތައް ދުނިޔެއަށް ފަޅާ އަރައިފި ކަމަށާއި އަދި އެއަމުރުގެ ސަބަބުން އިސްރާއީލު ދުނިޔޭގެ ސަފުން ބާކީ ކުރުމަށް ވެސް މަގުފަހިވެގެން ހިނގައްޖެކަމަށެވެ.
ސައޫދީ އެރޭބިޔާއިން ބުނެފައިވަނީ އިސްރާއީލުން ބައިނަލް އަގްވާމީ ގާނޫނުތަކަށް ގޮންޖަހަމުން ގެންދާ ގެންދިއުން ބައިނަލް އަގްވާމީ މުޖަމައުން ހުއްޓުވައި އިސްރާއީލު ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ. ގަތަރުގެ ޚާރިޖިއްޔާއިން ވެސް ހަމަ މި މޭރުމުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ދުނިޔޭގެ ކޯޓުގެ އަމުރަކީ އަދުލު އިންސާފަށް ލިބުނު ނަސްރެއްކަމަށް ވެސް ބުނެފައިވެއެވެ.
ކުވޭތަކީ އަބަދުވެސް އިސްރާއީލާ ދެކޮޅު އަދި ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރަމުން ގެންދާ ގައުމަކަށްވެފައި އެ ގައުމުގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ބަޔާނުގައި އިސްރާއީލުން ބައިނަލް އަގްވާމީ ގާނޫނުތަކާއި ޔުނައިޓެޑް ނޭޝަންސްގެ ގަރާރުތަކާއި އަދި އިންސާނީ ކަރާމަތް ރައްކާތެރި ކުރުމުގެ އެންމެހާ ގާނޫނު ތަކަށް ތަބާވުމަށް ހަނދާންކޮށްދީފައި ވެއެވެ.
ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ ދުނިޔޭގެ ކޯޓުގެ ވަގުތީ އަމުރާއެކު އިސްރާއީލުން މުސްކުޅިންނާއި އަންހެނުންނާއި ޅަދަރިން މެރުން ހުއްޓާލައި އެ ކޯޓުގެ އަމުރަށް ތަބާވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
ފަރަންސޭސި ވިލާތުން ބުނެފައިވަނީ ދުނިޔޭގެ ކޯޓުގެ އަމުރުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ހަމައެގޮތުގައި އިސްރާއީލުން ތަންފީޒުކުރަން ޖެހޭނެކަމަށާއި އަދި ހަމާސްއިންވެސް ރަހީނުން މިނިވަން ކުރުން ފަސްކޮށްގެން ނުވާނެކަމަށެވެ.
ސްފޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ސްޕޭނުން ވަކާލާތުކުރުން ކުރިއަށް ގެންދާނެ ކަމަށާއި ހަމައެއާއެކު ބައިނަލް އަގްވާމީ ގާނޫނުތަކަށް އިސްރާއީލުން ބޯލަނބަން ޖެހޭނެ ކަމަށާއި އިންސާނިއްޔަތަށްޓަކައި ކޮންމެހެން ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުން ހުއްޓުވައިގެން ވެސް ނުވާނެކަމަށެވެ. އަދި ރަހީނުން މިނިވަންކުރުމަށް ވެސް ބާރު އަޅުއްވާފައި ވެއެވެ.