ނަތަންޔާހޫ މަގާމުގައި ބެހެއްޓޭކަންނެތް : އިސްރާއީލުގެ ކުރީގެ އިސްވެރިން

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީގައި ކުރިން މަސައްކަތްކުރައްވާފައި އިސް ބޭފުޅުންނާއި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ސައިންސްވެރިންނާއި އެންމެ ކުރީގައި ތިއްބެވި ވިޔަފާރިވެރިންގެ ތެރެއިން ސާޅިހަށްވުރެން ގިނަ ބޭފުޅުން އިސްރާއީލަށް މެދުވެރިވެދާނެ ނިކަމެތި ޙަލަތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ބޮޑުވަޒީރު ނަތަންޔާހޫ މަގާމުން ދުރުކޮށްދިނުން އެދި އިސްރާއީލުގެ ރައީސަށާއި ޕާރލަމެންޓުގެ ރައީސަށް ދަންނަވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ސިޓީފުޅު ރައީސް އިސްހާގު ހަރޒޯގް އަތަޕުޅަށް އަރުވާފައި ވާއިރު ހުކުރު ދުވަހު ޕާރލަމެންޓުގެ ރައީސް އަމީރް އޮހާނާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ. އެސިޓީ ނިންމާލަމުން މި ބޮޑު ގައުމީ މައްސަލައަށް ޙައްލެއް ގެނެސް ނުދެއްވައިފިނަމަ އިސްރާއީލުގެ ރައްޔިތުންނާއި މުސްތަގްބަލްގެ ޖީލުތަކާއި އިސްރާއީލުގެ ތާރީޚު ތިޔަ ދެބޭފުޅުންނަށް ދުވަހަކުވެސް މަޢާފް ނުކުރާނެކަން ހަނދާ ކުރެއްވުމަށްވެސް ދަންނަވާފައި ވެއެވެ.

އިސްރާއީލުގެ ގާނޫނު އޮންނަ ގޮތުން ގައުމުގެ ރައީސަށާއި ޕާލަމެންޓުގެ ރައީސަށް އެކަނި ބޮޑުވަޒީރު މަގާމުން ދުރެއް ނުކުރެވޭނެއެވެ. މި ސަބަބަށްޓަކައި އެ ސިޓީ ހުށައެޅުއްވި ބޭފުޅުން އެސިޓީ ޕާލަމެންޓުގެ މެމްބަރުންނަށް ހުށައެޅުއްވުމަށް ވަނީ ދަންނަވާފައެވެ. ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ ބާރު ޕާލިމެންޓްގެ އެބޭފުޅުންނަށް ލިބި ވަޑައިގަންނަވާތީއެވެ.

ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި އަމީރް އޮހާނާގެ ވަރަށް ކުރު ޚުލާސާއެއް ދަންނަވާލާނަމެވެ. ސަބަބަކީ އެބޭފުޅާގެ ނަން މުސްލިމް ނަމަކާއި އެއްވައްތަރު ވުމުން އޮޅުންތަކެއް އަރާފާނެތީއެވެ.

އަމީރް އޮހާނާއަކީ މަޣްރިބަށް ނިސްބަތްކުރެވޭ ޔަހޫދީ ފިރިހެނެކެވެ. އޭނާއަކީ މުސްލިމުންނާއި އިސްލާމް ދީނަށް އިންތިހާއަށް ނަފްތަރު ކުރާ އެއްޖިންސުން ގުޅުން ހިންގުމަށް ލޯބިކޮށް އެކަމަށް އިސްރާއީލުގައި އެންމެ ބޮޑަށް ވަކާލާތު ކުރަމުން ގެންދާ ”ސިޔާސީ“ލީޑަރެކެވެ. 

އޭނާ އިނދެގެން އުޅެނީ އެލޯން ހަދާދު ކިޔާ ފިރިހެނަކާއެވެ. އެ ދެމަފިރިންނަށް ފަނި އިންދައިގެން އަންހެންދަރި އަކާ ފިރިހެން ދަރިއަކު ވަނީ ލިބިފައެވެ. އެ ދެމަފިރިން ކައިވެނި ކޮށްފައިވަނީ އެމެރިކާގައެވެ.      

އިސްރާއީލުގެ ސުޕްރީމް ކޯޓަށް އެގައުމުގައި އެއްޖިންސުން ގުޅުންހިންގުމާއި އެއްޖިންސުން ކައިވެނިކުރުމާއި އެލް. ޖީ. ބީ. ޓީ. ގެ ހުރިހާ ވައްތަރަކާއި ޙަރަކާތެއް ހުއްދަކުރުމަށް އެދި އެކަމަށް ވަކާލާތުކުރަމުން ގެންދާ ގިނަ ބަޔަކު ހުށައެޅުމުން އެކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން 2017 ވަނައަހަރު އެއިން އެއްވެސް ކަމެއް ހުއްދަ ނުކުރެވޭނެކަމަށް ވަނީ ނިންމާފައެވެ.

އެހެންނަމަވެސް އެ ގައުމަށް އެތެރެވާ އެ ގިންތީގެ މީހުންނަށާއި އެހެން ގައުމުތަކުގައި ކައިވެނިކޮށްގެން އަންނަމީހުން މުޖުތަމަޢު ތެރޭގައި ބަލާގަތުމަށް ސަރުކާރުން އިޢުތިރާޒެއް ނުކުރެއެވެ. އަދި ސިޔާސީ ބޭނުމުގައި ގެންދަނީ އެކަމަށް ނުސީދާ ގޮތެއްގައި ހިތްވަރު ދެމުންނެވެ. 

ރައީސަށް ފޮނުއްވި ސިޓީގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އިސްރާއީލުގެ ފޮރިން އެންޑް ޑޮމެސްޓިކް ސެކިއުރިޓީ ސަރވިސް ކުރީގެ ހަތަރު ޑިރެކްޓަރުންނާއި އިސްރާއީލުގެ ދިފާއީ ބާރުތަކުގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅަކާއި ނޯބެލް ޕްރައިޒް ލިބިވަޑައިގެން ފައިވާ ތިން ބޭފުޅަކުވެސް ހިމެނި ވަޑައިގަންނަވައެވެ.

އެބޭފުޅުންގެ ތެރޭގައި އައި. ޑީ. އެފް. ގެ ކުރީގެ އެންމެ އިސްވެރިން މޯޝޭ ޔާ‘ ލޯން އާއި ޑާން ހަލޫޒް އާއި މޮސާދުގެ ކުރީގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނޭ ތަމީރް ޕަޑްރޯ އާއި ޑެނީ ޔާޓޮމް އާއި ކުރީގެ ދާޚިލީ ސަލާމަތާ ބެހޭ އެންމެ އިސްވެރިން ނަޑާވް އަރްގަމަން އާއި ޔާކޮވް ޕެރީގެ ނަންފުޅު ފާހަގަ ކޮށްލެވެއެވެ. 

އޭގެ އިތުރުން ކެމިސްޓްރީއިން ނޯބެލް ޕްރައިޒް ލިބިވަޑައިގެން ތިއްބެވި އާރޯން ޗިކާނޯވަރ އާއި އަވްރަން ހަޝްކޯ އާއި ޑާން ޝެޚްތުމަންގެ އިތުރުން ބޭރުގައުމުތަކަށް ކަނޑައަޅުއްވާފައި ތިބި ސަފީރުންނާއި ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބޮޑެތި ކުންފުނިތަކުގެ ސީ. އީ. އޯ. އިންވެސް ހިމެނެއެވެ.          

އެސިޓީފުޅުގައި ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލުގެ އެންމެ ހަރުކަށު ވިސްނުމުގެ ބޭފުޅުންނާއި އެކު އެކުލަވާލައްވަފައިވާ ވަޒީރުންގެ މަޖިލީހަށާއި އަދި ޢަދުލު އިންސާފުގެ ނިޒާމަށް އަތްބާނަން ކުރަމުން ގެންދާ މަސައްކަތާއި އިސްރާއީލުގެ ސަލާމަތީ ކަންތައްތައް ބޮއްސުންލާފާ އޮތްމިންވަރު 7 އޮކްޓޯބަރުގައި ހާމަވެގެން ހިނގައްޖެކަމަށް ބަޔާންކުރައްވައި ސަރުކާރަށް އަލިފާނުގެ ހޫނު ބަހުރުވައިން ޙަމަލާ ދެއްވާފައި ވެއެވެ.        

އަހަރެމެން ގަބޫލުކުރާގޮތުގައި އެއްވެސް ކަމަކާއި ނުލައި އިސްރާއީލުގެ 1200 ރައްޔިތުން މަރުވެގެން ދިއުމާއި 4500 މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިގެން ދިއުމާއި 230 ރައްޔިތުން ރަހީނުކޮށްފާ ތިބުމުގެ ފުރިހަމަ ޒިންމާ ބޮޑުވަޒީރު ނަތަންޔާހޫގެ ކިބައިންނުނެގޭނެއެވެ. ނަތަންޔާހޫ އެކަމުގެ ފުރިހަމަ ޒިންމާ އުފުއްލަވަމް ޖެހޭނެކަމަށެވެ. މަރުވެ ދިޔަ މީހުންނާއި މަރުވަމުންދާ މީހުންގެ ލޭ ނަތަންޔާހޫގެ އަތުން ފިލުވައެއްވެސް ނުލެވޭނެއެވެ.

މިހަފްތާގައި ޗެނަލް 13 އިން ހާމަކުރި ޕޮޕިއުލަރިޓީ ދެނެގަތުމުގެ ވޯޓެއްގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީ އޮތީ ދެވަނައިގާވެސް ވަރަށް ފަހަތަށް ސޮއްސާލާފައެވެ. އެންމެ ކުރީގައި ވަރަށް ބޮޑު ތަފާތަކާއެކު ފެނިގެން ގޮސްފައިވަނީ މިހާރުގެ ޗީފް އޮފް ސްޓާފް ބެނީ ގްރާންޒްގެ ގައުމީ އިއްތިހާދު ޕާރޓީއެވެ.

އިސްރާއީލު އިދިކޮޅު ޕާޓީގެ ލީޑަރ ޔައިރް ލަޕީދު އާއި އެހެނިހެން ޕާރޓީތަކާއި އާންމު ރައޔިތުންވެސް އަވަސް އިންތިޚާބަކަށް ގޮވަމުން އިހްތިޖާޖު ކުރަމުން ގެންދާއިރުވެސް 2026 ގެކުރިން އިންތިޚާބު ނުބާއްވާނެކަމަށް ނަތަންޔާހޫ ގެންދަވަނީ ފާޅުގައި ގޮން ޖައްސަވަމުންނެވެ.

މޮސާދަށް ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރެއްވި އަދި އެ އޭޖެންސީގެ އިންޓެލިޖެންސް ޑިވިޝަންގެ އެންމެ އިސްވެރިއަކަށް ހުންނެވުމަށްފަހު މިހާރު މުސްކުޅި ކުރައްވާފައިވާ އަދި ރައީސަށް ފޮނުއްވި ސިޓީގައި ސޮއިކުރެއްވި ހައިމް ޓޯމަރ ވިދާޅުވީ އިސްރާއީލުގެތެރޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމަށް ބަލާއިރު އިންތިޚާބު އަވަސްކުރަން ގޮވާލުމަށް ސަރުކާރުން އަޅާނުލާ ތިބުމަކީ މާބޮޑުކަމެއް ނޫނެވެ.

ނަތަންޔާހޫއަކީ ތަނެއްދޮރެއް ނުދަންނަ ފޭލިއަރެއްކަން އެންމެނަށްވެސް މިހާރު އެނގޭ ކަމުގައެވެ. ސީ. އެން. އެން. ގައި ވާހަކަ ދައްކަވަމުން ހައިމް  ޓޯމަރ ހާމަކުރެއްވިއެވެ. ހައިމް ޓޯމަރގެ ވާހަކައިގާ ގައުމުގެ ހުންގާނުގައި ހުންނަވަން ޖެހޭނީ ކެޕްޓަން ކަނޑައަޅާފައިވާ މިސްރާބަށް ދަތުރު ކުރަން އެނގޭ އަދި އޭނާ ބޭނުންގޮތަކަށް މިސްރާބު ބަދަލު ނުކުރެވޭނެކަން އެނގޭ މީހެކެވެ. 

މިނޫންގޮތަކަށް ގައުމު ދާނަމަ އޭނާގެ ބަދަލުގައި ހުންގާނަށް އެހެން މީހަކު ލުމަކީ ކެޕްޓަނުގެ މަސްއޫލިއްޔަތެކެވެ. މިތާގައި ޓޯމަރ އިޝާރާތް ކުރައްވާ ކެޕްޓަނަކީ ގައުމުގެ ޕާލަމެންޓެވެ. އަދިވެސް އޭނާގެ ވާހަކައިގާ އިސްރާއީލުގެ ރައްޔިތުންނަށް އިލްތިމާސް ތަކެއް ދޫކޮށްލިއެވެ.

އޭގެތެރޭގައި ގައުމުން ބޭރުގައި ތިބެގެން އިސްރާއީލަށް ވަމުން މިދަނީ ކިހެނެއްތޯ ބެލުމަށާއި ދެތިން ހަތަރު މުކޮހުންގެ ( އޭނާގެ ބަހުންނަމަ އިޑިއަޓުންގެ ) ބާރާއި ނުފޫޒު ރައްޔިތުންގެ މައްޗަށް މިވަރަށް ވެރިވެގެން ދާއިރުވެސް އާ ފެށުމަކަށް ނުގޮސް ދެއަތް އުރާލާއިގެން ތިބެންވީތޯ ވިސްނާލުމަށް އެދިފައިވެއެވެ.                   

އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާއިންވެސް ފަލަސްތީނުގެ ދައުލަތެއް އުފައްދަން ޖެހޭކަން ހާމަކޮށް ގަދަޔަށް ވަކާލާތު ކުރަމުން ގެންދާއިރުވެސް ނަތަންޔާހޫ އެގެންދަނީ ގޮތްދޫނުކޮށް އެކަމަށް އެއްބަސް ނުވާނެ ކަމަށް ބުނަމުންނެވެ. 

މިއަދު އިސްރާއީލު މިއޮތީ ބައިނަލް އަގްވާމީ ދުނިޔޭގެ ނުރުހުމުގެ ލޯތަކުގެ އަމާޒަކަށްވެ ބައިނަލް އަގްވާމީ ޢަދުލު އިންސާފުގެ ކޯޓުގެ ކުރިމަތީގައި ދުނިޔޭގެ ތާރީޚުގައި ގަތުލު އާންމު ހިންގަމުން ގެންދިޔަ މަދު ގައުމުގެ ލިސްޓަށް އަރުވާފައެވެ. 

އިސްރާއީލުގެ ތާރީޚުގައި އުފެދުނު އެންމެ ހަރުކަށި ސިޔާސަތެއް ގެންގުޅޭ ބެޒާލެލް ސްމޯރިޗާއި އިތާމަރ ބެން ގްވިރަކީ ބޮޑުވަޒީރު ނަތަންޔާހޫގެ އެންމެ އަރިސް ދެބޭފުޅުންނަށްވީމާ މިނޫން އެހެން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ދުށުމަކީވެސް މޮޔައިންގެ ވިސްނުމަކަށް ނޫނީ ނުވާނެއެވެ.

ސީ އެން. އެން. ގެ ޚަބަރުތައް ނިންމާލަމުން އެންމެފަހުން ފާހަގަ ކޮށްފައިވަނީ ގަތަރުން ޙަމާސްއަށް މާލީ ގޮތުން ވެދޭ އެހީއަކީ އިސްރާއީލު ސަރުކާރުން ދެކޮޅު ހެދުމާއި އެކުގައިވެސް  ބޮޑުވަޒީރު ނަތަންޔާހޫވެސް އެގޮތަށް ބޭނުންފުޅުވެގެން ގަތަރު ސަރުކާރުން ކުރާކަމެއް ކަމަށެވެ.

ކުރިން ފައިސާ ދަބަސްތަކެއް ފޮނުވަމުން ގެންދިޔަ ނަމަވެސް މިހާރު އެ މުޢާމަލާތު ކުރެވެނީ ބޭންކު ތެރެއިންނެވެ. ގަތަރު ސަރުކާރުން ބުނަމުން ގެންދަނީ ޙަމާސްއަށް ފޯރުކޮށްދޭ ފައިސާގެ އެހީ އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.                                  

Loading

3 Responses

  1. ކޮންމެ ކަމަކަށްވެސް ވަގުތު ވަނީ ކަނޑައަޅުއްވާފައެވެ. ނަތަންޔާހޫ ބޭރުވާން ޖެހޭ ވަގުތު ޖެހުނީމާ އެކަންވެސް ވާނެއެވެ. އެކަމަކު އަރަބި ގިނަދައުލަތް ތަކުން ޑަބަލް ގޭމް ޖެއްސުން ހާދަހާ ދެރައޭ. އެކަމަށވެސް ނިމުމެއް އަންނާނެއެވެ.
    ސަންދާނުގެ ލިއުންތެރިންނަށް މަރހަބާ ކިޔަމެވެ. ލިއުންތައް ފުރިހަމަކުރުމަށްޓަކައި ވަރަށް މަސައްކަތްކުރާތަން ފެނެއެވެ. މިލިއުމުގައިވެސް އިސްރާއީލުގެ ޕާރލަމެންޓުގެ ރައީސްގެ ކުރު ތަޢާރުފެއް ގެނެސްދީފާއޮތުމުން ކިއުންތެރިންނަށް އާންމުކޮށް ނޭންގޭ މައުލޫމާތުތަކެއް އޮޅުން ފިލީއެވެ. ދިވެހިރާއްޖޭގެ ގިނަ ނޫސްތަކުގައި އެ ބާވަތުގެ ކަންތަކަށް މުހިންމުކަން ދޭތީއެއް ނުފެނެއެވެ.

  2. އަމީރް އެނަން މުސްލިމު ނަމަކީ ވައްތަރުވިޔަސް އަހަރުމެންނަށް ރޭދުވާ ވަކިވާފަދައިން އެނގޭ ކަމަކީ އިސްރާއީލު ސަރުކާރުގެ މަތީފަޑީގައި މުސްލިމަކު ނުހުންނާނެ ކަމެވެ. އަހަންނަށް ދެރަ ތަންކޮޅަކީ މުސްލިމު ތުއްތުކުދިންނާއި މައިންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުދިބޮޑު އެންމެންގެ ލޭބޯ ޝައިތާނީ ބައެއްގެ ވާހަކަ މުސްލިމު ގައުމެއްގެ ފަރުދެއްގެ ގަލަމުން ލިއުނުއިރު ”ސިޓީފުޅު“ ”އަތްޕުޅު“ މިހާ މާތް، ކަރާމާތްތެރި ގޮތަކަށް ލިޔެފަ އޮތީމައެވެ.

  3. ވަޒީރު ތިޔަ ވިދާޅު އެއްޗެއްލިއުންތެރިޔާއަށްވެސް ވިސްނޭނެ ކަމަށް ހީކުރަމެވެ. އަޅުގަނޑަށް ހީވާ ގޮތުގައި ލިއުންތެރިޔާ އެގޮތަށް ލިއުއްވާފައި އެއޮތީ އެމީހުންގެ މަގާމުގެ ހައިސިއްޔތަށްޓަކައެވެ. މިސާލަކަށް އަޅުގަނޑުމެން ވާހަދައްކާއިރުވެސް މުޚާތަބުކޮށް އުޅެނީ ރައީސް ބައިޑަން ވިދާޅުވެއްޖެ މިހެންނެވެ. އެކަމަކު މުސްލިމުންގެ ލެޔަށް އެންމެބޮޑު އަދާވާތްތްރިޔަކީ އޭނާއެެވެ.
    ވަޒީރުގެ ކޮމެންޓް ލިއުންތެރިޔާއަށް ފެނި ދެވަނަފަހަރަކަށް ވިސްނަވާނެކަމަށް ހީކުރަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް