ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން ނަން އުނިކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުމުގެ ވަގުތު ހަމަވާނީ 17:00 އަށެވެ.
މި ޕްރައިމަރީގައި މާލޭ ސަރަހައްދުގައި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ) ގައެވެ. އަތޮޅުތަކަށް ޚާއްސަ ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ.
މީގެތެރެއިން ހެންވޭރު ދަނޑުގައި ބަހައްޓާފައިވާ ފޮށިތަކުގެ މައްސަލަ ބޮޑުކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
އެ ގޮތުން ލިސްޓުން ނަން އުނިކުރިކަމަށް ބުނެ ބައެއް މީހުން ވަނީ ވޯޓުލާ މަރުކަޒުގައި ހިތްހަމަނުޖެހުން ފާޅުކޮށް ޒުވާބުކޮށްފައެވެ.
އަދި ފުލުހުން ވަނީ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރަން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެންޑިޑޭޓުންނަށް ދީފައިވާ ލިސްޓުތަކާއި ވޯޓުލާ މަރުކަޒުގައި ހުރި ލިސްޓުތަކާ ދިމައެއް ނުވާތީ އަދިވެސް ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފަށާަފައެއް ނުވެއެވެ.
އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތަކުގެ އަދަދަކީ 227 އެވެ. އަދި ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 އެވެ.
މި އިންތިޚާބުގައި 283 ކެންޑިޑޭޓުން ވާދަކުރެއެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 71،597 މީހުންނަށެވެ.