ހަނގުރާމައިގާ ގޭގައިތިބި އަނބިދަރިންވެސް ބައިވެރިވާން ޖެހިދާނެ

Loading

Facebook
Twitter
WhatsApp


އިނގިރޭސި ވިލާތުގެ ސިފައިންގެ އަދަދު މަދުކަމާއިހުރެ ހަނގުރާމައެއްގައި ބައިވެރިވާން ޖެހިއްޖެނަމަ ރަށުގައި ތިބި އާންމު ރައްޔިތުންވެސް ބައިވެރިވާން ޖެހޭނެކަމަށް އިނގިރޭސި ވިލާތުގެ މިލިޓްރީ ޗީފް އިންޒާރު ދެއްވައިފިއެވެ.

ރަޝިޔާއާއި އެކު ހަނގުރާމައަކަށް ދާން ޖެހިއްޖެނަމަ ގައުމުގެ މިހާރުގެ ޙާލަތު ރަނގަޅަށް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތަކުގައި ދެން ފަހަތުފަޔަށް ބުރަވެވެންނެތް ކަމަށް ޖެނެރަލް ސަރ ޕެޓްރިކް ސޭންޑަރ ސަރުކާރަށް ފިއްތުން ކުރިމަތި ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ދަ ޓެލިގްރާފަށްވެސް ފާހަގަ ކުރެވިފައިވާ ގޮތުގައި ޖެނެރަލް ސަރ ޕެޓްރިކް ގެންދަވަނީ އިނގިރޭސި ވިލާތުގެ ސަރުކާރުން ސިފައިން އަދަދު މަދުކުރަމުން ގެންދާތީ ނުރުހުން ފާޅުކުރައްވައި ނޭޓޯ އިން ރަޝިޔާއާއެކު ހަނގުރާމައަކަށް ދާންޖެހޭދުވަހު އަހަރެމެންނަށް ޖެހޭނީ ގޭގައި ތިބި އަނބިދަރިންވެސް ހަނގުރާމައިގެ މައިދާނަށްނެރެން ކަމަށް ވިދާޅުވެ އިންޒާރު ދެއްވަމުންނެވެ.

ސަރ ޕެޓްރިކް މި އިންޒާރު ދެއްވާފައިވަނީ ނޭޓޯގެ ވަރަށް އިސް ބޭފުޅަކު ކުރިއަށް އޮތް ވިއްސަކަށް އަހަރުދުވަހުގެތެރޭގައި ރަޝިޔާއާއެކު ނޭޓޯއިން ހަނގުރާމައަކަށް ނިކުންނަން ޖެހިއްޖެނަމަ ނޭޓޯގައި ހިމެނޭ ގައުމުތަކުގެ އާންމު ރައްޔިތުންވެސް އެމީހުންގެ ފުރާނަތަކުގައި ހޯލްސޭލް އަޅުވައިގެން ހަނގުރާމައިގެ މައިދާނަށް ނިކުންނަން ޖެހޭނެކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އެހެންނޫނީ މިހާރުއްސުރެން ނޭޓޯގެ މިލިޓްރީގެ ހުނަރުވެރިކަން އިތުރުކުރުމާ ބެހޭ ހުރިހާކަމެއް އިންތިޒާމްކޮށް މެކުހަށް ޖަހަންޖެހޭ ކަމަށް އެޑްމިރަލް ބޮބް ބޯރ ވިދާޅުވިއެވެ.              

އާރމީ ޗީފް ޖެނެރަލް ސަރ ޕެޓްރިކް ވިދާޅުވެފައިވަނީ ސިފައިންގެ ތެރެއަށް މީހުން ވެއްދުމަށްވުރެން މިހާރުއްސުރެން އެންމެ މުހިންމު ކަމެއް ދޭން ޖެހެނީ އިނގިރޭސި ރައްޔިތުންގެ ސިކުނޑީގައި ރަޝިޔާއާއެކު ހަނގުރާމައަށް ދާންޖެހޭނެކަން ބިންވަޅު ކަނޑާ ހަރުލެއްވުމަށެވެ. 

ޓްވިކެންހަމްގައި ބޭއްވި ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އާރމާރޑް ވެހިކަލް އެކްސްޕޯގައި  ޖެނެރަލް ސަރ ޕެޓްރިކް މިވާހަކަތައް ތަފްސީލާއެކު ހާމަކުރައްވަމުން ވިދާޅުވީ ކުރިއަށް އޮތް ހަމަސްދުވަސް ފާއިތުވުމުން ޗީފް އޮފް ދަ ޖެނެރަލް ސްޓާފްގެ މަގާމުން އެމަނިކުފާނު ވަކިވެ ވަޑައިގަންނަވާނެކަށެވެ.                                            

2022 ގައިވެސް ޖެނެރަލް ސަރ ޕެޓްރިކްވަނީ އިނގިރޭސި ވިލާތުގެ މިލިޓްރީގެ މިސްރާބު ހުރީ 1937 އާދިމާލަށް ކަމަށް ވިދާޅުވެ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ކޮންމެ ވަގުތެއްގައިވެސް ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަކޮށް ނަސްރު ހޯދަން ޖެހޭނެކަމަށް ތައްޔާރުވެ ތިބުމަށް ވިދާޅުވެފައެވެ. މިވަގުތު އަހަރެމެން މިތިބީ ސީދާ ހަނގުރާމައިގެ މައިދާނުގައެއް ނޫނެވެ. 

އެކަމަކު ރަޝިޔާއިން ބޭނުންވެގެން އުޅޭ ސަހަރައްދު ބޮޑުކުރުމުގެ ވަކިތަކުގެ ދަށުގައި އަހަރެމެން ޝިކާރައަކަށް ވެގެން ނުވާނެއެވެ. ރައީސް ޕޫޓިންގެ އެއްފައި އެއޮތީ މިހާރު ޔޫކްރެއިނުގައެވެ. ހަމައެއާއެކު މިލިޓްރީއަށް ކުރާ ޚަރަދު ތިންގުނައަށް އިތުރުކުރަންވެސް އޮތީނިންމާފައެވެ. މިހާލަތުގައި ނޭޓޯ އިން ތެޅި މަރުވަނީ ކީވަށް ހަތިޔާރުކޮޅެއް ފޮނުވިދާނެ ގޮތަކާ މެދުގައެވެ.                              

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެތެރޭގައި ރަޝިޔާއާއި ދެކޮޅަށް ބޮޑު ހަނގުރާމައެއްގައި ބައިވެރިވާން ޖެހިދާނެތީ ދިފާއީ  ކަންކަމަށް ކުރާ ޚަރަދު އިތުރުކުރުމަށް މިދިޔަ އަންގާރަ ދުވަހު ނޯވޭގެ އާރމީ ޗީފް ވަނީ ނޯވޭ ސަރުކާރަށް ގޮވާލާފައެވެ. ސްވިޑްން އިންވެސް ހަނގުރާމައަކަށް ތައްޔާރުވެ ތިބުމަށް އަންގައި އެގައުމުގެ ރައްޔިތުންނަށް އެ ގެންދަނީ އިންޒާރު ދެމުންނެވެ.                                                     

އެމެރިކާއިން ޔޫކްރެއިނަށް ސަތޭކަ ބިލިއަން އެމެރިކާ ޑޮލަރގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ކޮންގްރެސްއަށް ހުށައެޅުމުން ރިޕަބްލިކަންގެ ބާރުގައި އެއޮތީ ހުއްދަ ނުދީ ތާށިކޮށްފައެވެ. ދެން މިއަންނަ އިންތިޚާބުގައި ޑޮނާލްޑް ޓްރަމްޕަށް ކާމިޔާބު ވެއްޖެނަމަ ހަނގުރާމައިގެ ކާމިޔާބީ ތަބަކަކަށް ލާފައި ރައީސް ޕޫޓިން އަށް ވެދުމަކަށް އަރުވާނެއެވެ.

މިދިޔަ އަންގާރަ ދުވަހު އިނގިރޭސި ވިލާތުގެ ދިފާޢީ ވަޒީރު ގްރާންޓް ޝަޕްސް ވަނީ ޔޫކްރެއިންގެ ދިފާއީ ކޮންޓެކްޓް ގްރޫޕްތަކާއި ބައްދަލުކުރައްވައި މިއަހަރު ޔޫކްރެއިނަށް ދޭ އެހީ 2.5 ބިލިއަން އިނގިރޭސި ޕައުންޑަށް އިތުރު ކުރައްވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

އެހެންނަމަވެސް ދިފާއީ ޚަރަދުތަކާއި ބޭހޭގޮތުން ކުރީގެ ޚާރިޖީ ވަޒީރު ޕެނީ މޯރޑައުންޓް  ފުރަތަމަ އިނގިރޭސި  ރޯޔަލް ނޭވީގެ ހަކަތަނެތިފައިވާ ލަޝްކަރުތައް ހަމަޔަކަށް އަޅުވައި އިނގިރޭސި ވިލާތުގެ ކަންތައްތަކަށް އިސްކަން ދިނުމަށް ވިދާޅުވެ މިހާރުގެ ދިފާޢީ ވަޒީރު ގްރާން ޝަޕްސް އަށް އިންޒާރު ދިނުމުން މަޖިލިސްގެ ބަހުސްދިޔައީ ހޫނުވެގެންނެވެ. މިލިޓްރީގެ ތިން ޑިޕާރޓްމެންޓުގައިވެސް ސިފައިގެ އަދަދު މަދުވުމާއި އެކަށީގެންވާ މިންވަރާ ގާތަށްވެސް ހަތިޔާރު ނެތުމާ ކުރިމަތިލާން ޖެހިފައިވާއިރު ސިފައިންގެ ތެރޭގައި ތަމްރީނު ލިބިފައިތިބި މީހުންގެ އަދަދު އެއޮތީ ޖުމުލަ  72500 އަށް ވެއްޓެން ކައިރިވެފައެވެ.

ރޯޔަލް ނޭވީގައި ތިބީ ޖުމުލަ 29000 ސިފައިންނެވެ. ރޯޔަލް ނޭވީގައި ސިފައިން މަދުކަމުން ދެ އުޅަނދެއް ވަގުތީގޮތުން އަޅާފައި ބާއްވަން ޖެހިދާނެކަމުގެ ޚަބަރު ދަ ޓެލިގްރާފުންވެސް ވަނީ ހާމަ ކޮށްފައެވެ. އެ ދެއުޅަނދުގެ ފަޅުވެރިން ފޮނުވަން ހަމަޖެހިފައިވަނީ އަލަށް ޚިދުމަތަށް ނެރެވޭ ޓައިޕް 26 ގެ ފްރިގޭޓަށެވެ.            

އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާއިން އެންމެފަހުން ހޯދި ހޯދުންތަކުން އެނގިފައިވާގޮތުގައި ސިފައިންގެ ތެރޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން %34 އެމީހުންނަށް ލިބޭ ޚިދުމަތްތައް ރަނގަޅުކަމަށް ބުނެފައިވާއިރު %46 ބުނެފައިވަނީ އެމީހުންގެ އެކޮމޮޑޭޝަނާމެދުވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ. 

މިދިޔަ އަހަރު އެކަނިވެސް ގާތްގަނޑަކަށް ސަތާރަހާސް މީހުން ސިފައިންގެ ވަޒީފާ ދޫކޮށްލާފައި ވެއެވެ. ވަޒީފާ ދޫކޮށްލާފައި ދާ ސިފައިންގެ ތެރޭގައި އަންހެނުންނަށް އެކިއެކި ގޮތްގޮތުން ޖިންސީ ފުރައްސާރަ ކުރުން ގިނަވަމުން ދިއުންވެސް ސަބަބެއްކަމުގައި ވަނީ ބެލެވިފައެވެ.

ސިފައިންގެތެރެއަށް މީހުން ރެކްރޫޓްކުރަން އެއްބަސްވުން ހަދާފައިވާ އޭޖެންސީތަކުންވެސް ފެންނަމުންދަނީ ހިތްހަމަޖެހޭފަދަ ކާމިޔާބީ އެއް ނޫނެވެ. މިދިޔަ އަހަރު 9813 މީހުން ރެކްރޫޓްކުރަން ހަމަޖެހިފައިއޮތްނަމަވެސް ލިބުނީ ހަމައެކަނި 5000 ވަރަކަށް މީހުންނެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތަކުގައި މަރުވަމުންދާ މީހުންނާއި ޒަޚަމް ވަމުންދާ މީހުންގެ ސަބަބުން އާންމުވެގެންވާ ބިރުވެރިކަމެއް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިކަމަށް ބުނުމަކީ އެންމެ ރަނގަޅުގޮތެވެ.                                      

Loading

One Response

  1. އެންމެ ފުއްޕާފާ އުޅުނު ޒަމާނުގައިވެސް ކަލޭމެންގެ ހަނގުރާމަތަކުގައި މައިދާނަށް ނެރެމެން ގެންދިޔައީ އިސްތިއުމާރުކޮށްގެން ގެންގުޅުނު ގައުމުތަކުގެ ރައްޔިތުންނެވެ. މިހާރަކު އެހެން އަމުރުކުރިއަސް ބައިވެރިވާން ނިކުންނާނެ އިސްތިއުމާރީ ގައުމެއް ނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް