މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސްޕްރީމް ކޯޓުން ވެސް ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރީ 2019 ވަނަ އަހަރުއެވެ.

އެ ގޮތުން އެ ނިންމުން ބާތިލުކުރުމަށާއި ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދުމަށް އެދި ސިިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ހުކުމް ކުރީ މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ނޫން ކަމަށެވެ.

އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ހުކުމުގައި ވަނީ މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.

އަދި މުސްއަބު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކޮށްފައިވާތީ ހޯދައިދެވެން އޮތް ހަމައެކަނި ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށް ބުނެ ބަދަލުގެ ގޮތުގައި 1,187,666.60 ރުފިޔާ ދިިނުމަށް ހުކުމް ކުރިއެވެ.

ސީއެސްސީއިން އެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ހުކުމް އިއްވީ މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. ނަމަވެސް ބަދަލުގެ ގޮތުގައި އެއް މިލިއަން ނަގައިދިނުމަށް ހައިކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ. ނަމަވެސް ބަދަލު ހޯދަން އެދޭނަމަ އެކަމަށް ވަކި މައްސަލައެއް ހުށަހެޅުމުގެ ހައްގު ލިބިގެންވާކަން ފާހަގަކުރިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް