ލިޔަންފެށުމުގެ ކުރިން ކިއުންތެރިންނަށް އަޅުގަނޑުގެ މައުޟޫއަކީ ދިވެހިރާއްޖޭގައި ބޭނުން ކުރެވެމުންދާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިއުންކަން ޔަގީން ކޮށް އަރުވަން ބޭނުމެވެ.
އެ ސިޔާސަތު އެކަށައަޅުއްވާ ބޭފުޅުންނާއި އެ ސިޔާސަތު ތަންފީޒުކުރައްވާ ބޭފުޅުންގެ ވާހަކަ ގެނެވިފައި އޮތަސް އެބޭފުޅުންނަށް މި ލިއުން އަމާޒުކުރުމުގެ ކުޑަވެސް ވިސްނުމެއް އަޅުގަނޑުގެ ކިބައިގާ ނެތެވެ.
އޭރު ކަންތައް ހިނގަމުން ދިޔަ ގޮތާއި މިހާރުގެ ޙާލަތު އަޅާއި ކިއުމާއެކު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންވެސް މިކަންތަކާމެދު ފިކުރު ކުރައްވާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑަކީ ވެރިންނަށް ލަފާއަރުވަން އެންމެ އެކަށީގެންވާ މީހާކަމަށް ނުވަތަ ނޫންކަމަށް ދެކޭތީއެއް ނޫނެވެ.
މިއީ އަޅުގަނޑުގެވެސް ރާއްޖެއެވެ. ހަމަކޮންމެ މީހަކާ އެއްވަރުގެ ޙިއްސާއެއް އަޅުގަނޑަށްވެސް މިލްކުވެފާ އޮންނާނެތީއެވެ. ކުރީޒަމާނުގައި ރާއްޖޭގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ދެކިވަޑައިގެންނެވި ގޮތަށް ދިވެހިރާއްޖެ އަކީ ހަމަ އެކަނި އެބޭފުޅުންގެ މިލްކެކެވެ.
އަޅުގަނޑަށް ވާނުވާ އެނގި ތަންދޮރު އޮޅުންފިލަމުން އައި ދުވަސްވަރު ދިވެހިރާއްޖޭގައި ދިވެހިރައްޔި ތަކަށް ކުރެވޭނެ އެންމެ ބޮޑު ކުށްތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތަށް ފާޑުކިއުން ހިމެނޭކަން އޮތީ އެނގިފައެވެ.
ގާތްތިމާގެ ބައެއްމީހުން ނަށްވެސް އެ ކުށް ކުރެވި ބޮޑެތި އަދަބު ލިބިފައިހުރީމައެވެ. އޭގަފަހުން ދެން އައި ސަރުކާރުގެ ދިގު މުއްދަތުގައި ސަރުކާރުގެ ސިޔާސަތަށް ބިނާކުރަނިވި ފާޑުކިއުން އެއްވެސް މައްސަލައެއް ނޫންކަމަށް ސަރުކާރުން ބުނަމުން ގެންދިއައެވެ.
އެކަމަކު ބިނާކުރަނި ފާޑު ކިއުމާއި ފަނާ ކުރަނިވި ފާޑުކިއުން އެދުވަސްވަރު ތަރުޖަމާކުރަމުން ގެންދިޔައީ ހަމައެކަނި ފުލުހުންގެ އިދާރާއިންނެވެ. އެ އިދާރާއަށް ޙާޒިރު ކުރެވޭ މީހަކު ކުށްވެރި ނުވެ ނުކުތުމަކީ ކާޅުގައި ހުދުފަތް ހުރުން ކަހަލަ ކަމެކޭ ބުނެވިދާނެއެވެ.
ސަބަބަކީ އެމީހަކަށް ކުރެވޭ ތުޙުމަތުން ބަރީއަވުމަށްޓަކައި ގާނޫނީ ވަކީލެއްގެ ޚިދުމަތް ލިބޭނެ މަގެއް ނޯވެއެވެ. ޙާޒިރު ކުރެވެނީ ކުށް ގެންކަމުގައި ބުނެއެވެ. އަދި އޭނާޔަކީ ކުށްވެރިއެކެވެ. ތަޙުގީގު ކުރުމުގެ ކުރިންވެސް އެމީހަކު އެހުރީ ކުށްވެރި ވެފައެވެ. ކުށިން ބަރީޢަވުމަށް ވަކާލާތު ކުރިޔަވެސް ނުދެނީއެވެ.
ކޮންމެ ކޮންމެ މީހަކީ މޮޅު ވާހަކަ ދެއްކުންތެރިއެއް ނޫންކަން ދެނެގަންނަން ޖެހޭނެކަމަށް ގަބޫލުކުރެވެއެވެ. އެ ޙާލަތުގައި ކުޑަ ގޮޅިއެއްގައި ވާނުވާގައި ދުވަސްތައް ގުނަމުންގޮސް ވާނުވާގައި ކޯޓަށް ގެނެސް ފުލުހުން ދީފައިވާ ބަޔާނަކީ ބާވައިލެއްވި އެއްޗެއް ފަދައިން ފަނޑިޔާރުން ބަލާގަނެ އެމީހެއްގެ މައްޗަށް ޙުކުމް އިއްވާލައެވެ. ސުވާލާއި ޖަވާބުވެސް ވަރަށް ކުރުކޮށް ބޭނުންވެސެވެ. ފަނޑިޔާރުން ކުރަމުންގެންދާ ހަމައެކަނި ސުވާލަކީ “ މި ބަޔާނުގައި ސޮއިކޮށްފައި މިއޮތީ ކަލޭ ހެއްޔެވެ؟ އޭގެ އިތުރު އެއްޗެއް އޮޅުންފިލުވުން ފަނޑިޔާރު ބޭނުންފުޅު ނުވާކަހަލައެވެ.
އެ ޒަމާން މާޒިއާއި އެކުވެގެންގޮސް ޑިމޮކްރެސީއަށް މިވަނީ ބަދަލުވެފައެވެ. ކުރިޔާ ޚިލާފަށް ވެރިން ހޮވުމަށް މިނިވަން ކަމާއިއެކު ވޯޓުލުމުގެ ޙައްގު ރައްޔިތުންނަށް ލިބިއްޖެއެވެ.
ލިބުނު ބޮޑު މިނިވަންކަމާއި އެކު ސަރުކާރުގެ އިއްޒަތްތެރި ވެރިންގެ މަގާމަށް ބޭފުޅުން އިޚްތިޔާ ކުރުމުގައި ރައްޔިތުންނަށް ގާނޫނުން ލިބިދީފައިވާ ފުރިހަމަ ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. ކުރީގައި ބޭނުން ކުރަމުން އައި މަޝްހޫރު ދެ ކާފުގެ ހަނދާންވެސް ކުރާކަށް ބޭނުމެއް ނުވިއެވެ.
މިލިބުނު މިނިވަންކަމާއި އެކު ވެރިން އިޚްތިޔާރު ކުރުމުގައި ދެކާފުގެ ބަދަލުގައި މުޅިން އެހެން ނުފޫޒެއް ތަޢާރުފްވެ ވޯޓުގަނެ ވިއްކުމުގެ ކަޅުބާޒާރެއް އުފެދިއްޖެއެވެ. ނަތީޖާއަކަށްވީ ޑުޕްލިކޭޓުގައި އޮރިޖިނަލް ކުލަތައްޖެހި ރައްޔިތުން އެހެން ވާނުނުވާއެއްގެ ތެރޭގައި ބަންދުވުމެވެ. މިހާރު މިތިބީ އެ ވާނުވާގެތެރެއަށް ގެނބިފައެވެ.
މިގޮތަށް މާޒީއާއި މިހާރުގެ ޙާލަތު އަޅާ ކިޔަން ވެއްޖެނަމަ ލިއުން ވަރަށް ދިގުވެދާނެއެވެ. ވީމާ ކުރުކޮށްލާފާ މިހާރަށް ޖެހިލާނަމެވެ.
މިދިޔަ ނޮވެމެބަރު މަހު އުފަންވި ސަރުކާރަށް ދިވެހިރައްޔިތުން ވަރަށް ބޮޑު ރުހުމެއް އޮތީ ދެއްވާފައެވެ. ޑިމޮކްރެސީގައި އުފެދުނު އެއްވެސް ސަރުކާރަކަށް ނުލިބޭ ވަރުގެ ރުހުމެއް އޮތީ ރައްޔިތުން ދެއްވާފައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ގައުމުގެ ރައީސަށާއި ޓީމަށް މަރުޙަބާ ދަންނަވަމެވެ.
މިސަރުކާރު އުފަންވުމާއިއެކު ދިވެހިންގެ ސިއްޙީ ޙަލަތާއިމެދު ޚާއްސަ އަހަންމިއްޔަތެއް ދެއްވައި އާސަންދައިގެ ޚިދުމަތް އިތުރު ގައުމުތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެކަން އިޢުލާން ކުރައްވައިފިއެވެ. އަޅުގަނޑުމެން ޝުކުރުވެރިކަމާއި އެކު ބަލާގަންނަމެވެ.
މިއަންނަ ރޯދަމަހު ކޮންމެ ގެއަކަށް ހިލޭ ސާބަހަށް ބައެއް އެއްޗެހި ފޯރުކޮށް ދެއްވާނެ ކަމަށް ސަރުކާރުން ޢިއުލާން ކުރައްވައިފިއެވެ. އަޅުގަނޑުމެން އުފާކުރަމެވެ. އެކަމަކު މިކަންތައް ތަކުގައި ރައްޔަތުމީހާވެސް ސަރުކާރަށް ދަންނަވަން ބޭނުންވާ ވާހަކަ އެބަހުއްޓެވެ.
އާސަންދައަކީ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލުންކަހަލަ ކަމަކަށް މިއޮތީ ވެފައި ކަމުގއި ގަބޫލު ކުރެވެނީއެވެ. ހޮސްޕިޓަލް ތަކާއި ކްލިނިކްތަކުން ދެއްވާ ބޭސް ސިޓީ ތަކުގައި އެހުންނަނީ ހަމަ ބަލިމީހާއަށް ކޮންމެހެން ބޭނުންވާ ބޭސް ހެއްޔެވެ. ހަމަ ދައްކާލެވޭ ކޮންމެފަހަރަކު ކޮތަޅެއްގެ ފުރާ ބޭސް ދޭން ޖެހޭހެއްޔެވެ؟ މިއީ ލިބޭ ތަނުގައި ލިބި ގަތުން ހެއްޔެވެ.
އާސަންދަ ކުންފުންޏަށް ބިލް ލިބުމުން ސަރުކާރުގެ މެޑިކަލް ބޯޑުން އެ ބިލްތައް ބަލާ ޗެކްކުރެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އެހެނީ އާސަންދައަށް ލިބިދެވިފައިވާ ބަޖެޓަކީވެސް ރައްޔަތުންގެ ފައިސާއެވެ. އަމާނާތެކެވެ.
އާއެކެވެ! ބަލިމީހާއަށް ކޮންމެހެން ބޭނުންވާ ބޭހެއް ކަމަށް ވާނަމަ މައްސަލައެއް ނެތެވެ. އެހެންނޫންނަމަ ބޭސްސިޓީ ދެއްވި ޑޮކްޓަރަކާއި ސުވާލުކުރައްވައގެންވެސް މި ބޮޑު އިސްރާފު ހުއްޓުވަން އެބަ ޖެހެއެވެ. އެއްދުވަހުން ނުވަތަ އެއް އަހަރުންވެސް ނުހުއްޓުވި ދާނެއެވެ.
އެކަމަކު ހުއްޓުވުން ނޫންގޮތެއް ރައްޔިތުންނަކަށް ބަލައެއް ނުގަނެވޭނެއެވެ.އެހެނީ ރައްޔަތުން ދުވަހެއް ދުވަހަކަށް ދަރަނިވެރި ވަމުންދާތީއެވެ. ހަމައެއާއެކު ސަރުކާރުން ފޯރުކޮށްދެއްވާ ހިލޭއެނހީ ހަމަ ކޮންމެ މީހަކަށް ހަމަހަމަކޮށް ނުވަތަ ވަކި ބަޔަކަށް ވަޒީފާގެ ޙައިސިއްޔަތުން ވިޔަސް ބޮޑުއެހީއަކަށް ވާން ޖެހޭހެނީ ކޮން ބުއްދީގެ ހަމަޔަކުންތޯއެވެ.
އަޅުގަނޑުމެންގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާއަކު އިޝާރާތް ކުރައްވާފައިވާ ފަދައިން ބޮޑުމީހާއަށް ބޮޑުގޮތް ކުޑަމީހާއަށް ކުޑަގޮތް މިއީ އިންސާފު ހެއްޔެވެ.ޔާގީނުންވެސް ބޭއިންސާފެކެވެ.
މިދައްކަނީ ދައުލަތެއް ހިންގަން ޙަވާލުވެތިބޭ ސަރުކާރުން ރައްޔިތުންނަށް ހިލޭ ފޯރުކޮށްދެއްވާ އިނާޔަތުގެ ވާހަކައެވެ. ރޯދަމަހު އެވިދާޅުވާގޮތަށް ކޮންމެ ގޭބިސީއަކަށްވެސް އެ އިނާޔަތް ލިބެން ޖެހޭ ހެއްޔެވެ. ބައެއްގޭބިސީތަކަށް އެ އިނާޔަތް ލިބުނީމާ ފަގީރުންނަށް ވިއްކުމަށްވެސް ބޭނުން ނުކުރާނެއެކޭ ނުބުނެވޭނެއެވެ. އެފަދަ ބޮޑެތި މުއްސަދިނެ ގައުމުގައި އެބަ ތިއްބެވިއެވެ. އެބޭފުޅުން ފަރީއްކުޅުއްވާނީ ރަންއިލޮށިން ކަދުރެވެ.
އަޅުގަނޑުގެ އާދޭހަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ގަސްދުކުރައްވާ ހިލޭއެހީތަކަށް ޝަރުތު ފުރިހަމަވާ ރައްޔިތުން ފުރަތަމަ ދެނެގަތުމަށެވެ. އެއަށްފަހު އިންސާފުވެރި ގޮތެއް ކަނޑައަޅުއްވަން ވީއެވެ. މިހާރުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ބޭނުންވެސް މިކަމުގައި ކުރެއްވިދާނެއެވެ.
ސަރުކާރެއް 5 އަހަރުދުވަހު ނިންމާލެއްވި ބޭފުޅުންނާއި ސަރުކާރާއި ޙަވާލުވާ ބޭފުޅުންގެ ވިދާޅުވެފައިވާ ގޮތުން ގައުމު ދަރަމުންގޮސް ކުރިއަށް އޮތް އެތައްޖީލަކަށް އެ ދަރަނިތައް ދެމިގެން ދިއުމުގެ ބިރުވެރިކަން އޮތީ އިންތިހާއަށެވެ.
ދަރަނިވެރިކަމުން މިންޖުވާނެ ގޮތަކަށް ގައުމުގެ އިގްތިސާދު އެކަށަ އަޅުއްވަން އެބަޖެހެއެވެ. ގައުމައިގެން ކުރިޔަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާގޮތަށް ކަމުގައިވާނަމަ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމަށް އެއްވެސްސިޔާސީ ޕާރޓިއެއްގެ ތާޢީދު ރައީސް މަނިކުފާނަކަށް ބޭނުންފުޅެއް ނުވާނެއެވެ. ރައްޔިތުންނަކީ މަނިކުފާނުގެ ޕާރޓީކަމުގައި ހައްދަވާށެވެ.
2 Responses
Sarukaarah konme rayyithakah vex faadu kiyen jeheyne vrinnakee rayyithunge kaadhimun
ފާޑު ކިއިދާނެއެވެ. އެކަމަކު އަޑެއް ނާހާނެއެވެ. މިގައުމުގައި ބާރުގަދަ ބަޔަކު އަމިއްލައަށް ގޮތް ކިޔައި އެމީހުން ބޭނުންވާ ގޮތަކަށް ކަންތައް ކުރަމުންގެންދާއިރު ސަރުކާރުން މާބޮޑު ކަމެއް ކުރެވިދާނެއެކޭ ހިތަކަށް ނާރައެވެ. ފަހަރެއްގައި ސަރުކާރުންވެސް އެމީހުންގެ އެހީ ހޯދަން ބޭނުންވަނީ ތޯއްޗެކެވެ.