އިހުތިސާސްގެ ތެެރޭގައި ނެތް ނަމަވެސް ކައުންސިލު ހިމެނޭ އިދާރީ ދާއިރާގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލުތަކަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވައިލައި މިއަދު ގެޒެޓްކޮށްފިއެވެ.
މި ގަވާއިދަކީ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ނުވަތަ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި
ތަރައްގީކުރުން ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ކަމާ ގުޅޭ އެހެނިހެން އުސޫލުތައް ބަޔާން ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
”މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު“ ގެ ނަމުގައި ހަދާފައިވާ މި ގަވާއިދު ހިނގާނީ އަންނަނިވި ދާއިރާތަކަށް ނުފެތޭ ގޮތަށް ދޫކުރާ ފަޅުރަށްރަށުގެ މައްޗަށެވެ.
ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށް.
ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް.
އިގުތިސާދީ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ދޫކުރެވޭ ފަޅުރަށްރަށް.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް.
މި ގަވާއިދުގެ ދަށުން އިހުތިސާސްގައި ނެތް ނަމަވެސް ކައުންސިލު ހިމެނޭ އިދާރީ ދާއިރާގައި ހިމެނޭ ފަޅު ރަށްރަށް ހޯދަން ކައުންސިލުތަކަށް އެދެވޭނެއެވެ. އިދާރީ ދާއިރާގައި ނެތްނަމަ އެހެން ދާއިރާއަކުން ނުވަތަ އަތޮޅަކުން ވެސް ފަޅުރަށް ހޯދަން އެދެވޭނެއެވެ.
މިކަމަށް އެދި ކައުންސިލުތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެއެވެ. އޭގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް ހުށަހެޅުމަށް ރުހުން ހޯދައި ފާސްކުރަން ވެސް ޖެހެއެވެ. އަދި އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަން ވަނީ ލާޒިމުކޮށްފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ރަށްތައް ދޫކުރެވޭނީ ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް ތިރީގައިވާ ބޭނުންތަކަށެވެ.
ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
ތަކެތި ގުދަންކުރުން
ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
ދޫނި ގެންގުޅުން
މަސްކައްކައި ހިއްކުން
ލޮނުމަހުގެ މަސައްކަތް ކުރުން
ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
އެކުއަކަލްޗަރގެ މަސައްކަތް ކުރުން
ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
ދިރޭމަސް ގެންގުޅުން
އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
ފައިބަރުގެ މަސައްކަތް ކުރުން
ވަޑާމުގެ މަސައްކަތް ކުރުން
ވާރކްޝޮޕް ހެދުން
އެޅިގަލުގެ މަސައްކަތް ކުރުން
ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން
ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން
One Response
ހަމަރަނގަޅަށްވެސް މިގައިދުގާ ބުނާއެއްޗެއް އޮޅިއްޖެއެވެ. ފުރަތަމަ ބުނެފާއޮތް އެއްޗަކާ ފަހުން ބުނެފާއޮތް އެއްޗެއްގެ ތަފާތު އަޅުގަނޑަކަށް ނޭގުނެވެ. ކޮންމެވެސް ބޭފުޅަކު އަޅުގަނޑަށް އޮޅުން ފިލުވައި ދެއްވައިފިނަ ޝުކުރުވެރި ވާނަމެވެ.