ގައްޒާގެ ހަމަލާތަކުގައި ހަރަކާތްތެރި ވަމުންގެންދާ އިސްރާއީލުގެ ބައެއް ލަޝްކަރުތައް ގައްޒާއިން ބޭލުމަށް އިސްރާއީލުގެ މިލިޓްރީން ނިންމުމާގުޅިގެން ސަރުކާރުގެ ތެރޭގައި ހިމެނޭ ފާރ ރައިޓް ޖަމާއަތަށް ނިސްބަތްކުރެވޭ މިނިސްޓަރުން ނުރުހުން ފާޅުކުރަމުން ގެންދިއުމާއެކު ޕާރލަމެންޓާއި މިލިޓްރީގައިބައިބައިވުން އިތުރު ވަމުންދާކަން ހާމަވެއްޖެއެވެ.
އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ބެން ގްވީރު ބުނެފައިވަނީ ގައްޒާއިން ދެމުންގެންދާ ރޮކެޓް ހަމަލާތަކުގެ ބަދަލުގައި ގައްޒާއަކީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމުގައި ހެދުމަށް އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ އެހެން ލެވެލަކަށް ބަދަލުކުރަން ސަރުކާރުން ބޭނުންވާތީ ސިފައިންގެ 36 ވަނަ ޑިވިޝަން ގައްޒާއިން ފައިބާނެކަން އިސްރާއީލުގެ ޑިފެންސް ފޯސް އިން ވަނީ ހާމަކޮށްފައެވެ.
އައި. ޑީ. އެފް. ގެ ތަރުޖަމާނު ސީ. އެން. އެން. އަށް ކިޔާދިން ގޮތުގައި ސިފައިންގެ 36 ވަނަ ޑިވިޝަން ގައްޒާއިން ބޭލުމުގެ ބޭނުމަކީ އެ ލަޝްކަރަށް ބޭނުންވާ އިތުރު ތަމްރީނު ދިނުމެވެ. އަދި އެއަށްފަހު އެ ލަޝްކަރާ ބެހޭގޮތުން ނިންމަން ޖެހޭ ކަންތައްތައް އެއީ ފަހުގެ ނިންމުމެކެވެ. އަހަރެމެން ބޭނުންވާ ގޮތެއްގެ މައްޗަށް ބިނާކޮށް އެ ފައިސަލާ ކުރެވިގެން ދާނެއެވެ. 36 ވަނަ ޑިވިޝަން ގައްޒާއިން ބޭލުމުން ދެން އެ ސަރަހައްދުގައި ހަރަކާތްތެރިވާން އިސްރާއީލުގެ ޑިފެންސް ފޯސްގެ އިތުރު ތިން ލަޝްކަރު އެތަނުގައި ތިބޭނެއެވެ.
އޭގެތެރޭގައި މިހާރުވެސް ގައްޒާގެ ބިމުގައި ހަމަލާތައް ދެމުން ގެންދާ 98 ވަނަ ޑިވިޝަން ހިމެނެއެވެ. ތަރުޖަމާނުގެ ވާހަކައިގާ ގައްޒާގެ ހަނގުރާމައިގާ ބައިވެރިވާ ލަޝްކަރުތަކުގައި ސިފައިން ތިބި އަދަދެއް ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް ކޮންމެ ޑިވިޝަނެއްގައި ތަފާތު ބްރިގޭޑުންތައް އެކުލެވިފައިވާނެކަމާއި އެއިން ކޮންމެ ބްރިގޭޑެއްގައި އެތައްހާސް ސިފައިން ހިމެނޭނެކަން ހާމަކޮށްފައިވެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ބުނެފައިވަނީ އިސްރާއީލުން ގަސްދު ކޮށްފައިއޮތީ މިހާރު ގެންދާގޮތަށް އެއްވެސް ބަދަލެއް ނުގެނެސް 3 މަސްދުވަސް ވާންދެން ހަމަލާތައް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެފާވެއެވެ.
އެހެނަސް ލިބެމުންދާ ކާމިޔާބީގެ މައްޗަށް ބިނާކޮށް އެހެން ލެވަލަކަށް ހަމަލާތައް ބަދަލުކުރަން ބޭނުންވަނީ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހަމަލާތައް ބޮޑަށް އަމާޒުކުރަމުން ގެންދާނީ ވަކިވަކި ސަރަހައްދު ތަކަކަށް ކަމަށާއި އަހަރެމެން ބޭނުންވާ އަމާޒަށް ވާސިލު ވުމަށްޓަކައި ވައިގެ ހަމަލާތަކާއެކު އިތުރު އެހެން ހަމަލާއެއް ދޭން ބޭނުން ވެއްޖެނަމަ އެކަންވެސް ކޮށްގެންނެވެ.
7 އޮކްޓޯބަރުގައި ފަލަސްތީނުގެ ގައްޒާ އިން ދިން ހަމަލާގެ ރައްދުކަމަށްބުނެ އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމާ ދެކޮޅަށް ދުނިޔޭގެ ގިނަ ލީޑަރުން ގެންދަނީ އިސްރާއީލަށް ނުރުހުން ފާޅުކުރަމުންނެވެ.
ސީ. އެން. އެން. އަށް މައުލޫމާތު ކަށަވަރު ކުރެވިފައި ނެތް ނަމަވެސް އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 24100 މީހުން ޝަހީދު ވެފައިވާ ކަމަށާއި އަދި 60834 މީހުން ޒަޚަމް ކޮށްލާފައި ވާކަމަށް ޚަބަރުގައި ބުނެފައި ވެއެވެ.
އޭގެތެރޭގައި މުޅިންހެން ހިމެނެނީ ހަނގުރާމައާއި ގުޅުމެއްނެތް އާންމު ރައްޔިތުންނެވެ.
އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން ގްވީރު ދެއްކި ވާހަކައާއި ގުޅިގެން މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމުން އިސްރާއީލުގެ ސިފައިން ގައްޒާގައި ތިބޭނެ އަދަދަކާ ބެހެގޮތުންވެސްވަނީ ސަރުކާރުގެ ތެރޭގައި ވަރަށްބޮޑަށް ޚިޔާލު ތަފާތު ވެފައެވެ.
ޖެނުއަރީ 4 ވަނަދުވަހު އިސްރާއީލުގެ އާންމު ރައްޔިތުން މަގުތަކަށް ނިކުމެ ސަރުކާރުން ގެންގުޅޭ ހަނގުރާމައިގެ ސިޔާސަތަށް ކުޅުޖެހުމާ ގުޅިގެންސަރުކާރުގެ ތެރޭގައިވެސް ވަނީ ބޮޑެތި ތަފާތު ވިސްނުން ތަކެއް އުފެދެން ފަށާފައެވެ.
ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަކީ ހަމައެކަނި ބޮޑު އަރާރުމެއް ކަމަށް ފާރ ރައިޓް ވިސްނުމުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ސިފަކުރައްވާ ފައިވާއިރު ކުރީގެ ދިފާޢީ ވަޒީރު ދެކޭ ގޮތުގައި މުޅި މަޝްވަރާތައް ބިނާވެފާއޮތީ ވަކި ބައެއްގެ ސިޔާސީ ވިސްނުމެއްގެ މައްޗަށެވެ.
އެންމެބޮޑު ދެބަސްވުމެއް އުފެދިފައިވަނީ އޮކްޓޮބަރ 7 ގައި ކުއްލިގޮތަކަށް ގާޒާއިން ހަމާސް ޖަމާޢަތުން އިސްރާއީލުގެ ތެރެއަށް ވަދުގަތުމުގައި އިސްރާއީލުގެ އިންޓެލިޖެންސް ފޭލިވުން ދެނެގަތުމުގެ މައްޗަށެވެ. މި ޒުވާބުގައި ސަރުކާރު ވެއްޓުމުގެ ފުރުސަތުވެސް ހުޅުވިގެން ހިނގައްޖެއެވެ. އެޙާލަތުގައި ނަތަންޔާހޫއަށް ދެން އޮންނަ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެކަން ވެސް ވަނީ ކަށަވަރު ވެފައެވެ.
ހަނގުރާމަ ހުއްޓާލައި ގައްޒާގެ ކޮންޓްރޯލް ޕެލަސްޓައިން އޮތޯރިޓީ އަށް ހަވާލުކުރަން ބޮޑުވަޒީރު ނަތަންޔާހޫއަށް އެމެރިކާއިން ކުރިމަތި ކުރަމުންގެންދާ ފިއްތުންތަކާއި ހުރެ ދެއަތް ފުރަގަހަށް ބަނދެވިފާ ހުރުމާއެކު އިސްރާއީލުން ގައްޒާ ކޮންޓްރޯލް ކުރަން ބޭނުން ނުވާކަމަށް ބުންޏެވެ.
އެގޮތަށް ބުނުމުން ފާރ ރައިޓް ވިސްނުމުގެ ވަޒީރުން ނުރުހުނ ްފާޅުކޮށް ގައްޒާއޮންނަންވާނީ ހުރިހާ މާނަތައްވެސް އިސްރާއީލުގެ ބާރުގެ ދަށުގައި ކަމަށާއި އަދި ޔަހޫދީން ވަޒަންވެރި ކުރުވުންވެސް އިތުރު ކުރަން ޖެހޭނެ ކަމަށްބުނެ ދެކޮޅަށް ޒުވާބު ކޮށްފައެވެ.
ޔޫ.އެން. ގެ ރިލީފް އޭޖެންސީގެ މައުލޫމާތު ތަކަށް ބަލާއިރު ގައްޒާގައި ދިރިއުޅެމުންގެންދާ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 1.9 މިލިއަން މީހުންވަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގާ ޒައަނިސްޓު އިސްރާޢީލުން ވިއްސި ވިހާލި ކޮށްލާފަވެއެވެ.
2 Responses
އިރާދަކުރެއްވިއްޔާ ތި ނަތަންޔާހޫގެ މަރު ﷲ ލަސްނުކުރައްވާ ހިއްޕަވާށިއެވެ. އާމީން! އަދި ފަލަސްތީނު މިނިވަންވާށިއެވެ. އާމީން!
އަޅުގަނޑުމެންގެ ދުއާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ލިބި އެމީހުންގެ އަމިއްލަ ދައުލަތެއްގައި އަމާންކަމާއެކު ދިރިއުޅުން މާތް ﷲ މިންވަރުކޮށްދެއްވުމެވެ. އާމީން