މިގެނެސްދެނީ މިހާރަކަށްއައިސް ހުޅަނގުގެ ސިޔާސީ އިސް ބޭފުޅުންނާއި ހަނގުރާމައިގެ ތަޖްރިބާކާރުންގެ ވިސްނުންފުޅު ހުރިގޮތުގެ މައްޗަށް ބިނާކޮށް ދަ ޓެލެގްރާފުން ގެނެސްދީފައިވާ ރިޕޯރޓެކެވެ.
މިއީ މިހާރުގެ ޙާލަތު އޮތްގޮތުން އެބޭފުޅުން މަންޒަރު ސިފަކުރައްވާގޮތެވެ. ޙަގީގަތް ކޮންމެ ވަގުތެއްގައިވެސް އެހެން ގޮތަކަށް ބަދަލު ވެދާނެއެވެ. އެހެނީ ދުވަހުން ދުވަހަށް މެދުއިރުމަތީގައި ފެށިގެން މިއުޅޭ ޒައަނިސްޓުންގެ ހަންފެތުރުމުގެ ބާބުގެ ސަބަބުން ސަރަޙައްދު ހޫނުވެ އަލިފާންނުގެ ހުޅުގަނޑު ފެންނަމުނ ދާތީއެވެ.
މިހާރުގެ ޙާލަތަށް ބަލާއިރު އެބޭފުޅުން އެންމެ ބޮޑަށް ފާހަގަ ކުރައްވާފައިވަނީ ޔަމަނުގެ ހޫތީންގެ ކުރިމަތީގައި ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުން ދެމުންގެންދާ އިންޒާރުތަކުގެ އެއްވެސް އަގެއް ހުރި ކަމަކަށް ނުބެލެވޭ ތަނެވެ.
މިދިޔަ ހަފުތާގައި އިނގިރޭސިވިލާތުގެ ދިފާޢި ވަޒީރު ގްރާންޓް ޝަޕްސް އާއި ޚާރިޖީ ވަޒީރު ލޯރޑް ކެމަރޫން ވަރަށް ސާފުބަހުން ޔަމަނަށްް އިންޒާރު ދެއްވާފައިވަނީ ރެޑް ސީގައި ދަތުރު ކުރަމުންދާ ބައިނަލް އަގްވާމީ އުޅަނދުފަހަރަށް ޙަމަލާ ދިނުން ވަގުތުން ހުއްޓާލުމަށާއި އެހެންނޫނީ ޙާލަތާ އެކަށީގެންވާ އެންމެ ހަރުކަށި ފިޔަވަޅު އިތުރު އިންޒާރަކާއި ނުލައި އަޅާނެކަމަށެވެ.
މިއަދި ޔުނައިޓެޑް ނޭޝަންސުން އެ ފާސްކުރީ ރެޑް ސީއިން ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުކޮށް ޙަމަލާދިނުން ވަގުތުން ހުއްޓާލުމަށެވެ. ޔަމަނުގެ ޖަވާބަކީ ޔުނައިޓެޑް ނޭޝަންސުގެ ގާރާރުތަކަކީ ސިޔާސީގޮތުން ގޭމު ޖެއްސުން ކަމަށާއި އިނގިރޭސި ވިލާތުގެ އިންޒާރުތަކަށް މިއަދުގެ ޔަމަން ޖެހިލުން ނުވާކަމަށެވެ.
ރެޑް ސީގެ ދަތުރުތައް އަމާން ކުރުމުގައި ޙަރަކާތްތެރި ވަމުން ގެންދާ 12 ގައުމުން އެކުލަވާލާފައި ބަޔާނުގައި ބުނެފައިވަނީ “ އަހަރެމެންގެ މެސެޖް ކަނުލާ އަހާށެވެ. ރެޑް ސީން ދަތުރުކުރާ ބޯޓުފަހަރަށް ޙަމަލާދިނުން ހުއްޓާލައި އަދި މިހާރު ބައިނަލްއަގުވާމީ ގާނޫތަކާއިޚިލާފަށް ހިފާއްޓާފައި އޮތް ބޯޓާއި އޭގެ ފަޅުވެރިން ވަގުތުން ދޫކޮށްލާށެވެ ”.
މިދެންނެވި 12 ގައުމުގެ ތެރޭގައި ހިމެނެނީ އެމެރިކާ އިނގިރޭސި ވިލާތް އޮސްޓްރޭލިއާ ބަޙްރައިން ބެލްޖިއަމް ކެނެޑާ ޑެންމާރކް ޖަރުމަން އިޓަލީ ޖަޕާން ދަ ނެދަރލޭންޑްސް އަދި ނިއު ޒީލޭންޑެވެ. މި އިންޒާރަށް ޔަމަނުން ދިން ރައްދަކީ މިހާތަނަށްވެސް ޔަމަނުން ރެޑްސީގައި ދިން އެންމެ ބާރުގަދަ ޙަމަލާއެވެ.
އަންގާރަ ދުވަހުގެ ރޭ ޔަމަނުން ފޮނުވި 21 ޑްރޯން އާއި މިސައިލުން ޙަމަލާ ރެޑް ސީގައި ޙަރަކާތްތެރި ވަމުންގެންދާ އެމެރިކާއާއި އިނގިރޭސި ވިލާތުގެ ކަނޑުސިފައިނަށް ދިނެވެ. އެންމެ ފުރަތަމަ ޔަމަނުން ބުނެފައިވަނީ އެމީހުންގެ ޙަމަލާތައް އަމާޒުކުރާނީ ހަމައެކަނި އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރަށް ކަމަށެވެ.
ނަމަވެސް އިސްރާޢީލާއި ފަލަސްތީނުގެ ހަނގުރާމައިގެ ތެރެއަށް ވަންނަމުންދާ ހުރިހާ ގައުމަކީވެސް ޔަމަންގެ ޓާގެޓް ކަމަށެވެ. އެހެނީ ފަލަސްތީނުގެ ރައްޔަތުން ސަލާމަތް ކުރެވި އިސްރާޢީލުގެ ޢުދުވާން ހުށްޓެންދެން ޔަމަނު އޮންނާނީ ފަލަސްތީނުގެ ދިފާޢުގައި ކަމަށްވާތީކަމުގައެވެ.
އެގޮތުން މިހާރު ޔަމަނުގެ ޙަމަލާތައް ވަނީ ސުއޭވް ކެނެލް ތެރޭން ދަތުރުކުރާ އެމެރިކާއާއި ޔޫރަޕްގެ ބޯޓުފަހަރަށްވެސް ފުޅާ ކޮށްފައެވެ. އެ ގައުމުތަކުން އިސްރާއީލަށް ފަލަސްތީނު ސުންނާފަތި ކޮށްލުމަށް ތާއީދުކުރާތީ އެގައުމުތަކުގެ އިގްތިސާދަށް ހުރަސް އެޅުމަށްޓަކައެވެ.
ދުނިޔޭގެ ބާޒާރަށް ނެރެވޭ މުދަލުގެ ގާތްގަނޑަކަށް 12 އިން ސައްތަ އުފުލެނީ ސުއޭސް ކެނެލް ތެރެއިންނެވެ. ޔަމަނުގެ ޙަމަލާތަކުގެ ސަބަބުން ސުއޭސް ކެނެލުން ކުރާ ދަތުރުތައް މިހާރު އޮތީ ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕަށް މިސްރާބު ޖަހަން ޖެހިފައެވެ.
ދަތުރުތައް އެތައްދުވަހަކަށް ދެމިގެން ދިއުމާއެކު ދަތުރުގެ ޚަރަދުތަކާއި އިންޝޫރެންސްވެސް އަތްނުފޯރާ ހިސާބަށް ދިޔައީއެވެ. ނަތީޖާއަކީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގަށްވެސް ވަރަށްބޮޑު ބަދަލު އައުމެވެ.
ޔަމަންގެ ޙަމަލާތަކަށް ބޭނުންވާ ރޮކެޓާއި ޑްރޯނާއި މިސައިލް ފޯރުކޮށް ދެމުން ގެންދަނީ އީރާނުން ކަމަށް އެމެރިކާއާއި އޭނާގެ ބައިވެރީންތުޙުމަތު ކުރެވެއެވެ. ހަމަމިއާއެކު އީރާނުން ގެންދަނީ ދޭތެރެ ދޭތެރޭން ޚުރްމޮޒް ކަނޑުއޮޅި ބަންދުކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ. ޚުރްމޮޒް ކަނޑުއޮޅިއަކީ ޕާޝިއަން ގަލްފުން ދުނިޔޭގެ ބާޒާރަށް ނިކުންނަ ތެލާއި ގޭހުގެ ވަރަށް ބޮޑު ޙިއްސާއެއް ބޭރުކުރެވެން އޮންނަ ހަމައެކަނި ކަނޑުއޮޅިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން އިސްރާޢީލަށް ކުރަމުންގެންދާ ތާއީދު ކުޑަކުރުމުގެ ބޭނުމުގައި އިސްރާޢީލުގެ އަމާޒުތަކަށް ޙަމަލާދިނުމަށް އިރާނުން ގެންދަނީ މެދުއިރުމަތީގައި ޙަރަކާތްތެރި ވަމުން ގެންދާ އީރާނުގެ ބައިވެރީންނަށް ހިތްވަރުދީ މަދަދު ފޯރުވަމުންނެވެ.
ހުޅަނގުގެ އިންޒާރުތަކަށް ޔަމަނުން ކަމޭ ނުހިތުން އެންމެ ބޮޑަށް ގުޅިފައިއޮތީ ހުޅަނގުގެ ސިޔާސީ ވެރިންގެ އެއްބައިވަންތަ ކަން މިފަހަރު ނެތުމުގެ މައްޗަށެވެ. އެންމެ ފުރަތަމަ ޔޫރަޕުގެ ވެރިންގެ މެދުގައި ހުރި ތަފާތުތައް ނައްތާލައި، އެހެންފަހަރު ތަކެކޭ އެއްގޮތަށް މެދުއިރުމަތީގައި ފަނާކުރަނިވި ހަނގުރާމަތައް ކުރިފަދައިން، އެއްގަލަށްއަރަން ޖެހެއެވެ.
މިހާރު އެންމެ ފުރަތަމަ ހަމަޔަކަށް އަޅުވަންޖެހެނީ ރެޑްސީ ކަނޑުގެ ތެރެއިން އަމާންކަމާއިއެކު ދަތުރުފަތުރު ކުރުމެވެ. އެކަން ކުރުމަށްޓަކައި ޔަމަނުން ޑްރޯނާއި މިސައިލުން ބޯޓުފަހަރަށް ޙަމަލާދޭން ބޭނުންކުރާ ތަންތަނާއި ވަސީލަތްތައް ނައްތާލަން ޖެހޭނެ ކަމަށް ބުނަމުން ދެއެވެ.
ޚަބަރު ލިބެމުންދާ ގޮތުގައި އެމެރިކާއާއި އިނގިރޭސި ވިލާތުގެ ސިފައިން ގެންދަނީ އެކަންތަކައިގެން ކުރިއަށެވެ. ޕެންޓަގަނުން ވަނީ މިކަން ޔަގީންކޮށްދީފައެވެ. އެކަމަކު މިވާހަކަ އަޑުއެހުމުގެ ކުރިން ފަސްއެނބުރި ބަލާލުން ބުއްދިވެރިއެވެ. ފަސްމަންޒަރުން ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟
ދާދި ފަހުން ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގާ ބައިޑަން އެޑްމިނިސްޓްރޭޝަނާއި ހުޅަނގުގެ ބާރުތަކުން ފޫގަޅާފައި ބުނަމުންގެންދިޔައީ ކޮންމެފަދަ އަގެއް އަދާކުރަން ޖެހުނު ކަމުގައިވިޔަސް ރަޝިޔާ ބަލިކޮށް ޔޫކްރެއިނަށް ހަނގުރާމަ ކާމިޔާބު ކޮށްދޭނެ ކަމަށެވެ. އެކަމަކު އާޚިރު ނަތީޖާއަށް ބަލާލީމާ އެބުނިގޮތަށް އެކަން ނުކުރެވި އެވަނީ ފޭލްވެފައެވެ.
މިހާރު ޔޫކްރެއިން ވާހަކަ ދައްކަނީވެސް ސިއްރު ސިއްރުންނޭ ބުނެވިދާނެއެވެ. މުޅި ހުޅަނގު އޮތީ އަތްމަތި ހުސްވެ ބައިބައި ވެފައެވެ. މި ފޮޓޯ ގަނޑު ކުރިމަތީގައި ބަހައްޓައިގެންތިބެ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުން ތަކުގެ ތަސްވީރެއް ކުރަހަން ބަލާއިރު އެންމެ ފުރަތަމަ ގަބޫލު ކުރަންޖެހޭ ޙަގީގަތަކީ އެމެރިކާއިން އީރާން ރަތަށް އަރުވާކަށް ބޭނުމެއްނުވާ ކަމެވެ.
ސަބަބުތައް ބައިވަރެވެ. އީރާނުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ވަނުން މަޖުބޫރު ވެއްޖެ ޙާލަތެއްގައި ދެން މެދުއިރުމަތީ ޙާލަތު ރަނގަޅުކުރަން ދޭނެ ބޭހެއް ހަދާނެ ފަންޑިތައެއް ނުހޯދޭނެތީއެވެ. އީރާނުން އެވަނީ ސީރިއާއި އިރާގުގެ އެމެރިކާގެ ސަޕޯޓަރުނަށް މިސައިލުން ޙަމަލާ ދީފައެވެ. މެސެޖް ވަރަށް ސާފެވެ.
އީރާން ބޭނުންވެއްޖެ ހިނދެއްގައި އިސްރާޢީލަށް ޙަމަލާދިނުމަކީ އީރާނަށް އުދެގުލެއްނެތި ކޮށްލެވިދާނެ ކަމެކޭ ބުނެލީއެވެ. އެހެންވެ އެކަން ވަރަށް ރަނގަޅަށް އެމެރިކާއަށް ފަހުމްވެއްޖެ ކަމަށް ބެލެވެއެވެ. އީރާނުން އެމެރިކާއަށް އެއްފަހަރަކަށްވުރެ ގިނަފަހަރު އިންޒާރު ދީފައިވަނީ އީރާނަށް ޙަމަލާއެއް ދީފިނަމަ މެދުއިރުމަތީގެ ޗާޓް ބަދަލުވެގެން ދާނޭކަމެވެ.
މިފަދަ ގިނަ ސަބަބު ތަކަކަށްޓަކައި ރައީސް ބައިޑަން އަކީ ބަލިކަށި ރައީސެކޭ އެމެރިކާ މީހުން ހީކުރިޔަސް ހަނގުރާމައިގެ ތެރެއަށް އީރާނު ވައްދާކަށް ބައިޑަން ބޭނުންފުޅެއް ނުވެއެވެ.
މިމޭރުމުން ބަލާއިރު އިސްރާޢީލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުންގެންދާ ގަތުލު އާންމުގެ މައްޗަށްވެސް ރައީސް ބައިޑަންގެ ބާރު ފުރިހަމައަކަށް ހިނގައެކޭ ނުބުނެވޭނެއެވެ.
އެންމެފަހުން މިފެންނަނީ އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެން އާއި އިނގިރޭސި ޚާރިޖީ ވަޒީރު ލޯރޑް ކެމަރޫންވެސް އިސްރާޢީލުގެ ޙަމަލާތައް ހައްދުފަހަނަޅާ ހިގައްޖެކަމަށް ގައިގާ ނުޖަހާ “ އައްދޯތް “ ގޮއްވާ މިންވަރަށް ޢިއުތިރާފު ވެވަޑައިގެން ފައެވެ.
އިސްރާޢީލުން ބައިނަލް އަގްވާމީ ގާނޫނުތަކަށް ފައިން އަރައިފި ކަމަށް އެއްބަސްވެ މައިތިރި ވާންޖެހޭ ކަމަށް ވިދާޅުވެސް ވެވިެއްޖެއެވެ.އޮކްޓޮބަރ 7 ގައި ފަލަސްތީނުގެ ޙަމާސް މުޖާހިދުން އިސްރާޢީލުގެ ޑިފެންސް ފޫއަޅުވާލައި އެތެރެއަށް ވަދެގަތްވާހަކަ ދައްކަވަން މިހާރު ޖެހިލުންވާ ކަހަލައެވެ.
މެދުއިރުމަތީގައި ދާއިމީ ސުލްޙައެއް ގާއިމް ކުރަން ބޭނުންވާއިރު އެންމެ ފުރަތަމަ އީރާނުގެ މަދަދު ލިބެމުންދާ މަދަދުގާރުންގެ ޙަރަކާތްތައް ހުއްޓުވަންޖެހޭނެ ކަމަށް ގޮވަމުންދިޔަ ހުޅަނގުގެ ވެރިންގެ ބަސްމަގު ބަދަލުވެއްޖެ ކަހަލައެވެ.
ފަހަރެއްގައި އެއަށްވުރެން ކުރިން ކުރަންޖެހޭ އެހެންކަންތަކެއް ހުރިކަމަށް ގަބުޅުކުރެވެނީ ކަމަށްވެސް ވެދާނެއެވެ. މި އެންމެނަކީވެސް މިޒަމާނުގެ އަޅު ޑިމޮކްރެސީގެ ސިޔާސީ މީހުނަށް ވުމުން އެބައިމީހުންގެ ދުލުން ފާޅުކުރާނީ އެމީހުން ހިތުގައި އޮންނަ އެއްޗެއް ނޫނެވެ. ކަންކުރާނީވެސް ބުނާގޮތަކަށް ނޫނެވެ!
2 Responses
ވާންވީގޮތް ތިވަނީއެވެ. އެމެރިކާގެ ބާރު ކޮންމެވެސް ވަރަކަށް ދުނިޔޭގައި ކަނޑުވާލައިގެން ނޫނީ ދުނިޔެ އަމާންތަނަކަށް ނުވާނެއެވެ. އެހެނީ އެމީހުންގެ އެންމެބޮޑު ވިޔާފާރިއަކީ ހަނގުރާމައެވެ. ދޭދޭމީހުންގެ މެދުގައި ދޮގުހަދައިގެން ފިތުނަ އުފައްދާ ހަނގުރާމައެއް ކޮށްލައި އެތަނެއްގެ މުއަސަދިކަން ފޭރުމެވެ. އަސްލުވެސް ދެން އީރާނާއި ކުޅެން ޖެހިލުންވާނެއެވެ. އެހެނީ ޗައިނާއާއި ރަޝިޔާ އާއި އީރާނުގެ މިލިޓްރީގުޅުން ބަދަހިވުމުންނާއި އީރާނުން އެންމެ މިޒަމާނުގެ ހަތިޔާރު އުފެއްދުމާއި އެކުގައިވެސް މެއެވެ.
އީރާނުން މަދަދު ލިބޭ ރެޒިސްޓެންސް ޖަމާއަތްތަކުން ކުރަމުންގެންދާ ހަނގުރާމައިގެ ވައްޓަފާޅި ހުޅަނގުގެ ބޮންއަޅާ ތަންތަން ވީރާނާ ކުރުމާ ތަފާތެވެ. އެމީހުންނަށް ދަސްކޮށްދީފައިހުރީ އަފްޣާނިސްތާނުގެ ތާލިބާނުންގެ ވައްޓަފާޅިއެވެ. ހަމަލާ އަންނަ ދިމާލެއް އަންނަ އިރެއް ނޭގޭނެއެވެ. ދުނިޔޭގައިތިބި ހަނގުރާމައިގެ ބޮޑެތި ތަޖްރިބާ ކާރުން ވަރަށް ފާޅުގައި ބުނަމުން އެގެންދަނީ އިސްރާއީލަށް ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި މިގޮތަށް ދާ ނަމަ ކުރިއަށް އޮތް ވިއްސަކަށް އަހަރު ތެރޭގައި އިސްރާއީލުގެ ޗާޓު ފޮހެވިގެން ހިނގައިދާނެ ކަމަށެވެ.