ޔަމަންގެ ހޫތީން އާއި ދެކޮޅަށް ހަނގުރާކުރަން ފަރަންސޭސިން އެއްބަހެއްނުވި

Loading

Facebook
Twitter
WhatsApp

ޔަމަނުގެ ހޫތީން ރެޑް ސީގައި އިސްރާޢީލަށް ދަތުރުކުރާ ބޯޓުފަހަރަށާއި އަދިރެޑް ސީގެ ތެރޭގައިއޮތް އިނގިރޭސި ވިލާތުގެ ޑެސްޓްރޯޔަރ އެޗް. އެމް. އެސް. ޑައިމަންޑަށްވެސް ހަމަލާދިނުމުން އެމެރިކާއާއި އިނގިރޭސި ވިލާތުން ހޫތީންގެ އަމާޒުތަކަށް ދިންޙަމަލާތަކުގައި ބައިވެރިވުމަށް ފަރަންސޭސި ވިލާތުން ދެކޮޅު ހަދައިފިއެވެ.

ހަމަ އެއާއެކު އިޓަލީ އާއި ސްޕޭނުންވެސް އެމެރިކާއާއި އިނގިރޭސި ވިލާތުގެ އިސްނެގުމާއެކު އުފައްދާފައިވާ ޕްރޮސްޕަރިޓީ އޮފް ގާރޑިއަން މިޝަންގައި ސިޔާސީ ގޮތުންނާއި މިލިޓްރީ ގޮތުންވިޔަސް ބައިވެރި ނުވާނެކަމާއި އަދި އެފަދަ ޙަމަލާއަކަށް ރުހުންވެސް ނުދޭނެކަން ވަނީ ހާމަކޮށްފައެވެ. 

2011 ގައި ލީބިޔާގައި އަދި 2015 ގައި ސީރިޔާގައި އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ދެމުންގެންދިޔަ ޙަމަލާތަކުގައި ފަރަންސޭސި ވިލާތުން ބައިވެރިވެފައިވީ ނަމަވެސް މެކްރޯންގެ ސަރުކާރުން އެފަދަ ކަމެއްގައި ބައިވެރި ވާކަށް ބޭނުމެއް ނުވެއެވެ.

މެދު އިރުމަތީގައި ޙަރަކާތްތެރި ވަމުން ގެންދާ ފަރަންސޭސި ކަނޑު ސިފައިންގެ ނޭވަލް ކޮމާންޑަރ ރެއަރ އެޑްމިރަލް އިމަނުއަލް ސްލާރސް ބުނެފައިވަނީ ފެރިސްގެ މެންޑޭޓުގައި ޔަމަނަށް ޙަމަލާދިނުން ކަނޑައެޅިފައި ނުވާކަމަށެވެ. 

ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ވާހަކަދެއްކި ފަރަންސޭސި ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވެފައިވަނީ ޕެރިސް އިން ބޭނުންވަނީ ސުލްޙަވެރި ނިމުމެއް ގެނައުން ކަމަށާއި ހަނގުރާއަށް ނިކުމެގެން ހިޒްބުއްލާ އާއި އިސްރާއީލާ ދެމެދު ފަރަންސޭސީން ފިތެން ބޭނުން ނުވާކަމަށެވެ.

ރެޑް ސީ ގެ ތެރޭގައި ފަރަންސޭސި ކަނޑު ސިފައިންގެ ބޭނުމަކީ އެ ކަނޑުން ދަތުރުކުރާ ފަރަންސޭސީންގެ ބޯޓުފަހަރު ޙިމާޔަތްކުރުމާއެކު ޕްރޮސްޕަރިޓީ ގާރޑިއަނުން ބަލަމުންގެންދާ ސަރަޙައްދުތަކުގައި ޕެޓްރޯލް ކުރުމެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރޮސްޕަރިޓީ ގާރޑިއަން މިޝަން އުފެއްދުމުގައި ފަރަންސޭސީންނާއި އިޓަލީވެސް ވަނީ ބައިވެރި ވެފައެވެ. ފަރަންސޭސި ޚާރިޖިއްޔާއިން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ރެޑް ސީ ތެރެއިން ދަތުރު ކުރާ ބޯޓުފަހަރަށް ހޫތީ ހަނގުރާމަވެރިން ދެމުންގެންދާ ހަމަލާތައް ކުށްވެރި ކޮށްފައިވެއެވެ. އަދި ބައިނަލް އަގްވާމީ ކަނޑުތަކުން މިނިވަންކަމާއެކު ދަތުރު ކުރެވެން ޖެހޭނެކމަށް ބާރު އަޅާފައި ވެއެވެ.

ބައިނަލް އަގްވާމީ ދަތުރުތަކަށް ލިބިފައިވާ މި ހައްގު ދެމެހެއްޓުމަށްޓަކައި ފަރަންސޭސި ވިލާތުން މަސައްކަތްކުރާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. ޔޫރަޕިއަން ކައުންސިލްގެ ފޮރިން ރިލޭޝަނާބެހޭ ޑިރެކްޓަރ ޖޫލިއަން ބާރނެސް ޑާސޭ ބުނެފައިވަނީ އެމެރިކާ އިސްނަގައިގެން އެ ސަރަޙައްދުގައި ދެމުންގެންދާ ޙަމަލާތަކުން ފަރަންސޭސި ވިލާތް ފެޔަށް ޖެހިފައި އޮންނަން ބޭނުންވަނީ ކަމަށެވެ. 

ފަރަންސޭސިންގެ ބޭނުމަކީ ސުލްޙައި ވާހަކަތަކުގައި ރަނގަޅު ޙިއްސާއެއް އަދާކުރެވޭނެ ފުރުސަތެއް ހޯދުމެވެ. ހަމަ އެއާއެކު އެމެރިކާއާއި އީރާނުގެ ދުޝްމަނީގެތެރެއށް ވަންނާކަށްވެސް ފަރަންސޭސީން ބޭނުމެއް ނުވެއެވެ. މިފަހަކަށް އައިސް އެމެރިކާ އިސްނަގައިގެން ޕާރޝިއަން ގަލްފުގައި ހިންގި ނޭވަލް ތަމްރީނުތަކުގައި ފަރަންސޭސިން ބައިވެރިވާކަށް ބޭނުމެއް ނުވިއެވެ. 

ފްރެންޗް އިންސްޓީޓީއުޓް އޮފް އިންޓަރނޭޝަނަލް ރިލޭޝަންގެ ފެލޯ އިލޮއިސޭ ފަޔޭ ބުންފައިވަނީ މެދުއިރުމަތީގައި އުފެދިގެން އުޅޭ ހަމަނުޖެހުމުގައި ސުލްޙަވެރި ބައެއް ނުކުޅެވިދާނެ ހިސާބު ފެޔަށް ޖެހޭކަށް ފަރަންސޭސިން ބޭނުން ނުވާކަމަށެވެ.

ރޭޑްސީގައި ހިނގަމުންދާ ޙަމަލާތަކުގައި ބައިވެރިވުމުން އިޓަލީ އެއްފަރާންވާންޖުހުނު ސަބަބެއް ކަމުގައި ބޮޑުވަޒީރު  ޖިއޯރޖިއާ މެލޯނީ ވިދާޅުވެފައިވަނި އެއްވެސް ގައުމަކަށް ނުވަތަ ޖަމާއަތަކަށްވިޔަސް ހަމަލާ ދިނުމުގެ ކުރިން އިޓަލީގެ ޕާރލަމެންޓުގައި ބަހުސްކުރެވި ހުއްދަ ލިބެންޖެހޭނެ ކަމަށެވެ.

ހަމަ ހިތަށް އެރުމާއެކު ސިފައިން ޙަރަކާތްތެރި ކުރެވޭކަށް ނޯންނާނެއެވެ. އިޓަލީގެ ބޮޑުވަޒީރުގެ ނައިބުވެސް ވިދާޅުވެފައިވަނީ ހަމަ މިހެންނެވެ. އެހެންނަމަވެސް ރޮއިޓާރސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމެރިކާ ކޯލިޝަންގައި ބައިވެރިވުމަށް އެދުމުން އިޓަލީން ވަނީ ސާފުބަހުން ނޫނެކޭ ބުނެފައެވެ. އިޓަލީންވެސް ބޭނުންވަނީ މެދުއިރުމަތީގައި ސެލްޙަވެރި ވެއްޓެއް ގާއިމް ކުރުމަށެވެ.

އެންމެ ފުރަތަމަ ދުވަހުއްސުރެން ސްޕޭނުން ބުނަމުން ގެންދަނީ ޔަމަންގެ ހޫތީންނާއި ދެކޮޅަށް ޙަމަލާދިނުމަށް ޓަކައި އުފައްދާ ކޯލިޝަނަކާ ކައިރިވެސް ނުވާނެ ކަމަށެވެ. ސްޕޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ސަރުކާރުން ބުނެފައިވަނީ ހޫތީންނާ ދެކޮޅަށް އެއްވެސް ބަޔަކަށް ހިތްވަރު ދޭން ބޭނުން ނުވާކަމަށާއި އަދި އެމެރިކާއިން ގެންގުޅޭ މެދުއިރުމަތީގެ ސިޔާސަތަށް ސްޕޭނުން އެއްބަސް ނުވާނެ ކަމަށެވެ. ވޯޝިންގޓަނާއި މެޑްރިޑާ ދޭތެރޭ ފުށޫ އެރުންތަކެއް ހުރިކަން މިހާރު ވަނީ އާންމުވެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެތެރޭގައި ޕްރޮސްޕަރިޓީ ގާރޑިއަން މިޝަން އުފެއްދުމުގައި ސްޕޭނުންވެސް ބައިވެރިވާނެ ކަމަށް އެމެރިކާއިން ހާމަކުރުމުން ސްޕޭނުން ޖެހުނީ އެއީ ދޮގެއްކަން ދުނިޔެއަށް ހާމަކުރާށެވެ. ޔޫރަޕިއަން ޔޫނިއަންގެ އެޓްލާންޓާ އެންޓި ޕައިރެސީ މިޝަން ހޫތީންނަށް އަމާޒުކުރުމުގެ ބޭނުމުގައި އިންޑިއަން އޯޝަންވެސް ހިމެނުމަށް ޔޫރަޕްގެ އެހެން ސްޓޭޓްތަކުގެ ނަމުގައި ހުށައެޅުމުން އޭރު ޔޫރަޕިއަން ޔޫނިއަން ކައުންސިލް ރިޔާސަތުގެ ޙައިސިއްޔަތުން އެހުށައެޅުން ގަބޫލު ނުކުރެވޭނެކަމަށް ސްޕޭނުންވަނީ ނިންމާފައެވެ.

އެޓްލާންޓާ އެންޓި ޕައިރެސީ މިޝަންގައި ސްޕޭންގެ ހިއްސާ ވަރަށް ބޮޑެވެ. ސްޕޭންގެ ކޮމާންޑް ސެންޓަރ ހުންނަނީ އަންދަލޫސިއާގެ ރޯޓާ ނޭވަލް ބޭސް ގައެވެ.                   

އިސްރާއީލުން ފަލަސްތީނަށް އަށް ދެމުންގެންދާ ހަމަލާތައް ގަބޫލު ނުކުރެވޭނެ ކަމަށާއި އެއީ ހުރިހާ ގޮތަކުންވެސް އިންސާނިއްޔަތުގެ ސިފަނެތް އަނިޔާވެރި ހަމަލާތަކެއް ކަމަށް އެންމެ ފާޅުގައި އިސްރާއީލާ ދެކޮޅަށް ފާޑުކިޔަމުންގެންދާ ޔޫރަޕުގެ ލީޑަރަކީ ސްޕޭނުގެ ބޮޑުވަޒީރެވެ.ބައިނަލް އަގްވާމީ މުޖުތަމާ އެކުގައި ބައިވެރިވެގެން އެ ހަމަލާތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ގެންދަވަނީ ގޮވާލައްވަމުންނެވެ. 

އަނެއްކޮޅުން ޖަރުމަނުން ގެންދަނީ ފަރަންސޭސީންގެ ބާރުގެ ދަށުގައި ޙަރަކާތްތެރި ވަމުން ގެންދާ ޔޫރަޕިއަން ޔޫނިއަންގެ އެންޓި ޕައިރެސީ މިޝަން ހޫތީންނާއި ދެކޮޅަށް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޖަރުމަނުގެ ޚާރިޖީ ވަޒީރު ބުނެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުމުގެ އަސްލަކީ ހޫތީންގެ ޙަމަލާތައް ކަމަށެވެ.އަދި ހޫތީންގެ ޙަމަލާތައް ވަގުތުން ހުއްޓާލަން އޭނާ ވަނީ އިންޒާރު ދީފައެވެ.

ހަމަ މިމޭރުމުން ޑަޗް ބޮޑުވަޒީރުވެސް ވަނީ އެމެރިކާއާއި ބައިވެރިންގުޅިގެން އުފައްދާފައިވާ ޕްރޮސްޕަރިޓީ މިޝަނަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. މިގައުމުތަކަށް އިސްރާޢީލުގެ ފަނާކުރަނިވި ޙަމަލާތަކުގެ ނަންވެސް ގެންނާކަށް ނުކެރުނެވެ.    

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ޔަމަނާ ހަމަޔަށް މިހާރު ފެތުރިފައިވާ އަލިފާނޑު ގެ ދިލަހޫނު ދަނީ ހައްތާ ގަދަވަމުންނެވެ. މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ކުރިން އެއްދުލުން ވާހަކަ ދައްކަމުން ގެންދިޔަ ޔޫރަޕިއަން ޔުނިއަންގެ ފާރުތަކުގައިވެސް ރެނދުލައި އެ ރެނދުތައް ފުޅާވެ ފޭވަމުންދާތަން ފެންނަން ފަށައިފިއެވެ. 

އެގައުމުތަކުގެ މަގުތަކުގައިވެސް މިނިވަން ފަލަސްތީނަކަށް ސަޕޯޓްކުރާ ރައްޔަތުން ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. މިހާރު އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ އެ މައްސަލާގައި ޖަރުމަނާއި ފަރަންސޭސި ވިލާތުގެ ޚިޔާލު ތަފާތުވުމެވެ.

މި ޚިޔާލު ތަފާތުވުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ ރޭލުރޭލުދަނގަޑުން ކައްސާލާފާނެ ކަމަށް ޔޫރަޕުގެ އިސް ސިޔާސީ ބޭފުޅުން އިންޒާރު ދެއްވަންވެސް ފަށައިފިއެވެ. ޖަރުމަނުގެ ޗާންސެލަރާއި ފަރަންސޭސި ރައީސްގެ ޚިޔާލު ތަފާތުވުން އެތައް ކަމެއްގައި ފަޅާއަރައިފިއެވެ. 

ހަކަތައާއި ޗައިނާއިން އިލެކްޓްރިކް ކާރު ފަރަންސޭސި ވިލާތަށް އެތެރެކުރުމާއި ދިފާއީ ސިޔާސަތާއި އަދި ޔޫކްރެއިންވެސް ހިމެނޭ ގޮތުގައި އެތައް ކަމެކެވެ. ޔޫކްރެއިނަށް އެކަށީގެންވާ މިންވަރަށް ޔޫރަޕިއަން ޔޫނިއަނުން އެހީ ފޯރުކޮށް ނުދެވޭ ކަމަށްބުނެ ޖަރުމަނުގެ ޗާންސެލަރ ފަރަންސޭސި ރައީސަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ފޮނުވާލިއެވެ.

ބްރަސެލްސްއިން ސިޔާސީ ނިންމުން ނިންމުމުގައި ޖަރުމަނާއި ފަރަންސޭސީން ދެކޭގޮތަ ވަޒަންކުރަން ޖެހެއެވެ. ރެޑް ސީގައި ހޫތީންނަށް ހަމަލާދިނުމަށް ޖަރުމަނާއި ދަ ނެދަރލޭންޑްސް އިން ތާއީދު ކުރަމުން ގެންދާއީރު ފަރަންސޭސި ވިލާތައި އިޓަލީއާއި ސްޕޭނުން ގެންދަނީ ހޫތީންނަށް ޙަމަލާދިނުމަށް ދެކޮޅު ހަދަމުންނެވެ. 

ޚަބަރުތައް ބުނާގޮތުން ފަރަންސޭސި ވިލާތުން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެމެރިކާއާއި ނުބައްސާ މިނިވަން ޔޫރަޕިއަން ޖިއޯ ޕޮލިޓިކަލް ސްޓްރާޓީޖިއެއް ގާއިމް ކުރުމަށެވެ.                       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް