ބޮޑެތިމީހުންނަށް ބޮޑު އިންސާފު އެއީ ބޭއިންސާފެއް

Loading

Facebook
Twitter
WhatsApp

ޔުނައިޓެޑް ނޭޝަންސްގެ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އަޅުގަނޑުމެންގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަންމަނިކު ވިދާޅުވެފައި ވަނީ ވަރށް ބޮޑު ތެދުފުޅެކެވެ. ފެންނަމުން ދަނީ ބޮޑެތި މީހުންނަށް ބޮޑު އިންސާފު އަދި ކުދި މީހުންނަށް ކުޑަ އިންސާފެވެ. އެއީ ހުރިހާ ހަމަތަކުންބެލިނަމަވެސް ހަމަ ޔަގީނުންވެސް ބޭއިންސާފެވެ. ކިއުންތެރިންނަށް މިގެނެސްދެނީ އެ ބަސްފުޅުގެ ދިރިހުރި މިސާލެކެވެ.                                                          

2019 ވަނައަހަރު އީރާނުގެ ޚާރގް ޖަޒީރާއިން ވަގަށް ތެޔޮ ބަރުކޮށްގެން ސުއޭސް ރާޖަން އޭ ކިއުނު ތެޔޮ ޓޭންކަރެއް ފިލައިގެން ދިޔައެވެ. އެ ބޯޓުން 980،000 ފީފާ ގެ ސާފުނުކުރާތެޔޮ ވަގަށް ގެންދިޔަކަމަށް ވެއެވެ. އެބޯޓު ފިލައިގެންގޮސް ދެކުނު ޗައިނާ ސީ ގެ ތެރޭގައި ދުވަސްތަކެއް ވާންދެން އޮވެފާ ކުއްލިއަކަށް ދަތުރުފެށީ އެމެރިކާ ހިއުސްޓަނަށެވެ. ވަކި ހިސާބަކުން އެމެރިކާގެ ޖަސްޓިސް ޑިޕާރޓްމެންޓުން އަމުރުކުރީ އެ ތެޔޮ ޓޭންކަރުގައިހުރި ތެޔޮ އެހެން ބޯޓަކަށް ބަދަލުކުރުމަށެވެ.

އަމުރުގައިވާ ގޮތުގެމަތިން ތެޔޮ ޓްރާންސްފަރ ކުރުމަށްފަހު ސުއޭސް ރާޖަން ދިޔަތަނަކަށް ހިނގައްޖެއެވެ. ތެޔޮތައް ނެގި ބޯޓަށް އެންގީ އެ ނުވަ ލައްކަ އަށްޑިހަހާސް ފީފާ ތެޔޮ އެމެރިކާގެ ހިއުސްޓަނަށް ހުސްކުރުމަށެވެ. އަދި އީރާނުން ވަގަށް ތެޔޮ ބަރުކުރިކަމަށް ޓަކައި ސުއޭސް ރާޖަންގެ ވެރިފަރާތް 2.4 މިލިއަން ޑޮލަރުން ޖުރިމަނާކޮށް އެފައިސާ އެމެރިކާގެ ޖަސްޓިސް ޑިޕާރޓްމެންޓަށް ދެއްކުމަށެވެ. 

އަމިއްލައަށް ޝަރީއަށް ކޮށް ޙުކުމް ކުރުމަށްފަހު ޙުކުމް ތަންފީޒުކޮށް ނިމުނީއެވެ. އެ ބޯޓުގެ ވެރިފަރާތުން 2.4 މިލިއަން ޑޮލަރު އެމެރިކާއަށް ލިބި އީރާނުން ނުވަލައްކަ އަށްޑިހަހާސް ފީފާ ތެޔޮވެސް އެމެރިކާއަށް ހިލޭ ލިބުނީއެވެ. ސަޅި ހުކުމެއް ނޫންހެއްޔެވެ! 

މަޝްހޫރު ސަދޫމުގައިވެސް މިފެންވަރުގެ ޙުކުމެއް ނުކުރެވޭނެ އެވެ.ދުނިޔޭގެ އެންމެ ތަޙުޒީމުކަމަށް އެންމެނަށް ގަބޫލުކުރެވިގެން މިއުޅޭ ޑިމޮކްރެސީ އެމެރިކާއާއި އެމީހުންގެ ބައިވެރީންގެ ޢަދުލުއިންސާފުގެ ކުޑަމިންވަރެކެވެ.                                                           

ދުވަސްތައް ފާއިތުވެގެން ގޮސް މިދިޔަ ބުރާސްފަތި ދުވަހު އެއްކަލަ ތެޔޮ ޓޭންކަރު އެހެން ނަމެއްގައި އިރާގުން ތެޔޮ ބަރުކޮށްގެން ޚުރްމޯޒް ކަނޑު އޮޅިން ނިކުތުމާއި އެކު އީރާނުގެ ކޯޓު އަމުރެއްގެ ދަށުން ބޯޓު އީރާނުގެ ބާރުގެ ދަށަށް އެބޯޓް ވަނީ ގެނެސްފައެވެ.                                                         

ފާއިތުވެގެން މިދާ ދުވަސްތަކުގައި އީރާނުންވަނީ ޕާރޝިއަން ގަލްފުން އެމެރިކާއަށް ތެޔޮ ބަރުކޮށްގެން ދަތުރުކުރި ދެ ބޯޓެއް އީރާނުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ ތެރެއިން އެއްބޯޓު ބަރުކޮށްފައިއޮތީ އެމެރިކާގެ މަޝްހޫރު ޝެވްރޯން ކޯޕޮރޭޝަނަށެވެ.                                                       

ދެން މިހާރު މަންޒަރު ނިއުޅެމުންދާ ގޮތް ބަލައިލަމާ ހެއްޔެވެ!                                   

ގަލްފް އޮފް އޮމާނުން ތެޔޮ ޓޭންކަރެއް އީރާނުގެ ބާރުގެ ދަށަށް ގެނެސްފިއެވެ. މިއީ މިއަދުގެ ފަލަ ސުރުޚީއެވެ.  

އެސޯޝިއޭޓެޑް ޕްރެސް ދުބާއި އިން ރިޕޯރޓްކޮށްފައިވާ ޚަބަރުގައިވަނީގަލްފް އޮފް އޮމާންގެ ތެރޭން ތެޔޮ ޓޭންކަރެއް އީރާނުގެ ބާރުގެ ދަށަށް ގެނެސްފިއެވެ. އީރާނުން ބުނެފައިވާ ގޮތުގައި އެ ތެޔޮ ޓޭންކަރަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާހެދި އެމެރިކާއާއި އެކު އުފެދިފައިވާ ދެބަސްވުން ތަކާއި އެކުގައިވެސް އީރާނުގެ ޚާރގް ޖަޒީރާއިން ވަގަށް ތެޔޮ ބަރުކޮށްގެން ފިލައިގެން ގޮސްފައިވާ އެއްކަލަ ސުއޭސް ރާޖަން އެވެ.

އީރާނުން ގެންދިޔައީ އެބޯޓަށް ފާރަލަމުންނެވެ. އެ ބޯޓުގެ ނަން މިހާރު އޮތީ ސެއިންޓް ނިކޮލާސް އަށް ބަދަލު ކޮށްފައެވެ. އީރާނުގެ ބާރުގެ ދަށަށް އެ ތެޔޮ ޓޭންކަރ ގެނައުމާއި ގުޅިގެން މެދުއިރުމަތީގެ ޙާލަތު މިހާރު ވަނީ ކުރިއަށްވުރެންވެސް ނުރައްކާ ވެފައެވެ. 

އެ ބޯޓު ހިފޭއްޓުމާއި ގުޅިގެން އެމެރިކާ ޚާރިޖިއްޔާގެ ތަރުޖަމާނުވެދާންތު ޕަޓޭލް ވަނީ އީރާނުގެ މި ޢަމަލު ކުށްވެރިކޮށް އެ ބޯޓާއި ފަޅުވެރިން ވަގުތުން ވަގުތަށް ދޫކޮށްލަން އަންގާފައެވެ. އީރާނުން ދީފައިވަނީ ބީރު ކަންފަތެކެވެ. އީރާނުގެ ޖަވާބަކީ ބޯޓް ގެންދަން އަންނާށެވެ!

ޔުނައިޓެޑް ނޭޝަންސްގައި ހުންނަވާ އީރާނުގެ މިޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ބޯޓު ހިފާއްޓާފައި ވަނީ އީރާނުގެ ކޯޓު އަމުރެއްގެ ދަށުންނެވެ. މިފަހަކަށް އައިސް ޔަމަނުން އަންނަނީ ސުއޭސްކެނަލް މަގުން ބާބުލް މަންދޫބުގެ ތެރެއިންލާފައި އިންޑިއަން އޯޝަނަށްދަތުރުކުރާ ބޯޓުފަހަރާއި އަދި ހަމައެމަގުން މެޑިޓެރޭނިއަން ކަނޑަށް ދަތުރުކުރާ ބޯޓުފަހަރަށް ސަލާމަތުން ދަތުރު ނުކުރެވޭނެ ކަމަށް ބުނެ ޙަމަލާ ދެމުންނެވެ.

އެގޮތަށް މެދުވެރިވެގެން އުޅޭ ސަބަބަކީ ފަލަސްތީނުގެ ޙަމާސް ނަސްލު ނައްތާލާންބުނެ އެމެރިކާގެ އެނހީގައި އިސްރާޢީލުން ފަށައިގެންއުޅޭ ހަނގުރަމައިގެ ސަބަބުންނެވެ. ޔަމަނުން ބުނަނީ އެ ރެޑްސީ އިން އިޒްރާޢީލަށް ވާގިވެރިވާ އެއްވެސް ބައެއްގެ ބޯޓެއް ދަތުރުކުރިޔަ ނޫދޭނޭކަމަށެވެ. 

ދުނިޔޭގެ ބާޒާރުގައި ދައުރުކުރާ ހަކަތައިގެ ވިހި އިން ސައްތަ ބޭރުކުރެވެނީ ޕާރޝިއަން ގަލްފުން ހޮރްމޯޒް ކަނޑުއޮޅި ހުރަސްކޮށްފައެވެ. އެނޫން އެހެން މަގެއް ނޯވެއެވެ. ބާބުލް މަންދޫބާއި ޚުރްމޯޒް ކަނޑުއޮޅި ބަންދުކުރުމަކީ ދުނިޔޭގެ އިގްތިސާދުގެ ނޭވާ ހާސްކޮށްލުންފަދަ ކަމެކެވެ.                          

Loading

One Response

  1. ސަޅި ހުކުމެއް. އީރާނުންވެސް ލައްކަ ހިތްވަރު އެބަ ކުރޭ. އެކަމަކު އަވަށްޓެރި މުނާފިގުންނާހެދި ބައެއްފަހަރު ލަނޑުވެސް އެބަ ލިބޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް