މާލެ ސަރަހައްދަށް މިއަދު ވެސް ސިއްހަތަށް ނުރަނގަޅު މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސްއިން ދައްކައިފިއެވެ.
ވައި ކޮލިޓީ ބެލުމަށް ހަދާފައިވާ އައިކިއު އެއާ ވިޝުއަލް އެޕުން ދައްކާ ގޮތުން މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން ހުރީ 168 ގައެވެ.
މިއީ ސިއްހަތަށް ނުރަނގަޅު ކަމަށް ބަލާ މިންވަރެވެ.
ވައިގެ ނުސާފު މިން މި މިންވަރުގައި ހުންނައިރު އާންމުކޮށް އެންމެންނަށް ވެސް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެ ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު ޚާއްސަކޮށް މެދުރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު ވަނީ 5 ކިލޯމީޓަަރަށް ދަށްވެފައެވެ.
ދުރު ފެންނަ މިންވަރު ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިނާއި ވިއްސާރަވުން މުހިންމު ދައުރެއް އަދާކުރެއެވެ.