މާލޭގެ މޭޔަރު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގެ ވޯޓު ގުނަމުންދާއިރު އެންމެ ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްކަމަށް ނަތީޖާތަކުން ދައްކައިފިއެވެ.
މާލޭގެ މޭޔަރުކަމަށް ބޭފުޅަކު އިންތިޚާބުކުރަން ވޯޓުލުން ފެށީ ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހަވީރު 17:00 އާ ހަމައަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީމި އިންތިޚާބުގައި 54680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޓުލާފައިވަނީ 17000 އެއްހައި މީހުން ކަމަށެވެ.
ވޯޓު ގުނަން ފަށާފައިވާއިރު ބައެއް ޓީވީ ޗެނަލްތަކުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް އުޅުއްވަނީ 1500 އެއްހައި ވޯޓުގެ ތަފާތަކުން ކުރީގައެވެ.
އާޒިމްއަށް މިހާތަނަށް 3529 ވޯޓު ލިބިވަޑައިގެންފައިވާއިރު ސަރުކާރުގެ ކެންޑިޑޭޓް ޢާއިޝަތު އާޒިމާ ޝުކޫރަށް ލިބިވަޑައިގެންފައިވަނީ 2167 ވޯޓެވެ.
މިހާތަނަށް 15 ފޮށްޓެއްގެ ނަތީޖާ ނުލިބެއެވެ. ވޯޓު ފޮށިތައް ގުނައި ނިމެމުންދާ ވަރަކަށް އަދަދުތަކަށް ބަދަލު އަންނާނެއެވެ.
މޭޔަރު އިންތިޚާބުގައި އާޒިމްއާއި އާޒިމާގެ އިތުރުން އިތުރު ތިން ކެންޑިޑޭޓަކު ވެސް ވާދަކުރެއްވިއެވެ.