ގަތުލުއާންމުގެ ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދީފި

Loading

January 13, 2024
profile
Facebook
Twitter
WhatsApp

އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދީފިއެވެ.

އެގޮތުން، ރަތްކަނޑުން ދުއްވާ އުޅަނދުފަހަރަށް ޔަމަނުގެ ހޫތީ މުޖާހިދުން ދެމުންގެންދާ ހަމަލާތައް ނުހުއްޓައިފިނަމަ ރައްދުގައި ދޭ ހަމަލާތަކުގެ ޒިންމާ ޔަމަނުން ނަގަން ޖެހޭނެކަމަށްބުނެ އެމެރިކާގެ ސަރުކާރުން އިންޒާރުދިނުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ ބާރުތަކުން ޔަމަނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއްދީފިއެވެ. 

އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުމަށް ގޮވާލައި، އެކަމަށް ޝަރުތުކޮށް އިޒްރޭލުގެ އިޤްތިޞާދަށް އެންމެ ބޮޑު ގެއްލުންތަކެއް ދީފައިވަނީ ޔަމަނުންނެވެ. މިގޮތުން، ޔަމަނުގެ ހޫތީ މުޖާހިދުން އަންނަނީ ރަތްކަނޑުން ދަތުރުކުރާ އިޒްރޭލުގެ އުޅަނދުތަކާއި، އިޒްރޭލުގެ މަސްލަހަތު އޮންނަ ކޮންމެ އުޅަނދަކަށް ހަމަލާދެމުންނެވެ. އިސްރޭލު ލޮބީއިން ކޮންޓްރޯލްކުރާ ހުޅަނގުގެ ގިނަ ގައުމުތަކުން އަދިވެސް މި ގަތުލުއާންމާއި ދެކޮޅަށް އެއްވެސް ބަހެއް ބުނެފައިނުވާއިރު، އެމެރިކާއާއި އިނގިރޭސިވިލާތުން އަންނަނީ އެއްވެސް ޖެހިލުމެއްނެތި އިޒްރޭލުގެ އަމަލުތައް ދިފާއުކުރަމުންނެވެ.

ގިނަ އަރަބި ގައުމުތަކުންވެސް މިމައްސަލާގައި ބަސްބުނުމަށް ދެކޮޅު ހަދާފައިވާއިރު، އެމީހުން ތިބީ ކުރިއެކޭވެސް އެއްފަދައިން ވިޔަފާރި ކުރިއަށް ގެންދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދުނިޔޭގެ ވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ހަނގުރާމައިގެ ސަބަބުން އެމީހުންގެ ގައުމުތަކުގެ އިޤްތިޞާދަށް ކުރާނެ އަސަރެވެ. ބޮޑު އާބާދީއެއް ނައްތާލަމުންދާއިރު އެކަމަށް އެއްވެސް ފަރުވާލެއް ހަމްދަރުދީއެއް ނެތެވެ. ވީމާ، ދެކުނު އެފްރިކާފަދަ މުސްލިމްނޫން ގައުމަކުން ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ)ގައި އިޒްރޭލާއި ދެކޮޅަށް މައްސަލަޖެއްސުމުން ހައިރާނެއް ނުވެއެވެ. 

މުސްލިމް ބޮޑު އާބާދީއެއް އޮންނަ މުއްސަނދި 50 އަށްވުރެ ގިނަ ގައުމު ދުނިޔޭގައި އޮންނައިރު، އެގައުމުތަކުގެ މުއްސަނދިކަން އިޒްރޭލާއި ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް އެގައުމުތަކުން ވަނީ ނުކުޅެދިފައެވެ. 

ޔަމަނަކީ މުސްލިމް ގައުމުތަކުގެ ތެރެއިން އެންމެ ފަގީރު އެއްގައުމުކަމަށް ވުމާއެކުވެސް، އެގައުމުން އެގެންދަނީ ފުރާނަ އަތްމައްޗަށްލައިގެން ފަލަސްތީނުގެ ރައްޔިތުން ދިފާޢުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް