އައްޑޫސިޓީގައި އެންމެފަހުން ހުޅުވި ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓާލް ( އޭއީއެޗް) އިން އެއް ދުވަހެއްގެ ތެރޭ މައިބަދައިގެ ފަސް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.
މި އޮޕަރޭޝަންތަކުގެ މައުލޫމާތު ހާމަކޮށް އޭއީއެޗް އިން މިއަދު ކުރި ޓްވީޓެއްގައި ވާގޮތުން މި އޮޕަރޭޝަންތައް ކޮށްފައިވަނީ އައިޖީއެމްއެޗްގެ ކަށީގެ ޚާއްސަ ޑޮކްޓަރެއްކަމުގައިވާ ޑރ. ޔޫސުފް ޝާންގެ ބެއްލެވުމުގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.
އޭއީއެޗް އިން ހާމަކުރެވި ގޮތުގައި މި އޮޕަރޭޝަންތަކުގައި ފުވައްމުލައް ސިޓީ އަދި ގދ. ތިނަދޫން އެ ހޮސްޕިޓަލަށް ފޮނުވި ދެ ބަލި މީހުން ވެސް ހިމެނެ އެވެ. އަދި އޮޕަރޭޝަން ކުރި ހުރިހާ ފަރާތްތަކެއްގެ ހާލުވެސް ރަގަޅުކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
އަތޮޅުތެރޭ ކުރި ފުރަތަމަ ނާރުގެ އޮޕަރޭޝަންވެސް ކޮށްފައިވަނީ ވެސް އޭއީއެޗް ގައެވެ. އެ ހޮސްޕިޓަލުން މިހާރު އަންނަނީ ހުޅުބަދަލުކުރުމުގެ އޮޕަރޭޝަންތައް ފަށަންވެސް ތައްޔާރުވަމުންނެވެ.
އޭއީއެޗް އަކީ ސާކްސަމިޓަށް އައްޑޫގައި އިމާރާތްކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) 100 އެދުގެ ހޮސްޕިޓަލަށް ބަދަލުކޮށްގެން ހިންގާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލްގައި ޚިދުމަތް ދޭންފެށީ މި އަހަރުގެ ޖެނުއަރީމަހުއެވެ.