މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް, ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ މާޗުމަހުގެ 17 ވަނަ ދުވަަހުގައި އިންތިޚާބު ބޭއްވުމަށެވެ.
އެ ކޮމިޝަނުން މިރޭ ވަނީ ވޯޓާސް ލިސްޓް
އެ ކޮމިޝަނުގެ ވެބްސައިޓާއި ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނާނެހެން އާންމުކޮށްފައެވެ.
މީގެއިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކާއި ސިޓީ ކައުންސިލްތަކުގެ އަވަށްތަކުގެ އޮފީސްތަކުގައި ލިސްޓު އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އީސީގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ބުނެފައިވަނީ (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެ ކަމަށެވެ.
ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 21 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް.
ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިން.
އަދި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން.
މާލޭގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން.
ޝަކުވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ.
މި އިންތިޚާބުގައި ޖުމްލަ 284,327 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެތެރޭ ހިމެނެނީ 139,165 އަންހެނުންނާއި 145,162 ފިރިހެނުންނެވެ.