20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައި ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި ގޮތަށް ނިންމިކަން ހާމަކޮށްފައެވެ.
އީސީގެ ބަޔާނުގައިވާ ގޮތުން މާޗު 17 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބާއްވަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުން ހިމެނެއެވެ.
އެގޮތުން ތައުލީމާބެހޭ ވުޒާރާއިން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްތަކަށްވާތީ ސްކޫލުތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމުކުރުމަށްޓަކައި އެކަށީގެންވާ ތަންތަން ވެސް ނުލިބުން ހިމެނެއެވެ.
އަދި ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ކުރިމަތިވުން ހިމެނެއެވެ.