ޢުމުރުން 21 އަހަރުގެ އަދި ބަލިވެ އިނދެ ބަނޑަށް 5 މަހުގެ މުސްލިމް ބަލްގީސް ބާނޫ ރޭޕްކުރުމަށް ފަހު އޭނާގެ ޢާއިލާގެ ހުރިހާމީހުން މަރާލި މައްސަލާގައި އުމުރަށް ޖަލަށް ޙުކުމް ކޮށްފައިވާ 11 ކުށްވެރިން ދޫކޮށްލަން ގުޖުރާތު ސަރުކާރުން ކުރި އަމުރު އިންޑިއާގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ.
ދެހަފްތާގެ ތެރޭގައި އެމީހުން އަނބުރާ ޖަލަށް ލުމަށްވެސް އެ ޙުކުމްގައި ކަނޑައަޅާފައި ވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބީ. ވީ. ނާގަރަތުނާ އިއްވި މި ޙުކުމް އިންޑިއަން ވެބްސައިޓް ފޯރ ޖުޑިޝަލް އެފެއާރޒް ގައި އެ ޙުކުމް ރިޕޯރޓް ކޮށްފައިވަނީ ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތު ކުރެވިގެން ނުވާނެކަމަށާއި އިންސާފުގެ ކުރިމަތީގައި ދީނާއި މަޒްހަބް އަދި ނަސްލާއި ކުލައަށް ނުބެލޭނެ ކަމަށެވެ.
އޭގެ އިތުރުން އަންހެނަކަށް ވީތީ ސޮސައިޓީގައި އޭނާގެ ދަރަޖައަށް ބެލުމަކާނުލައި އިޙުތިރާމް ކުރަންވެސް ޖެހޭނެ ކަމަށެވެ. އަދިވެސް އެޙުކުމްގައި ފާހަގަ ކުރައްވާފައިވާ ގޮތުން ގުޖުރާތު ސަރުކާރުން އެމީހުން ދޫކޮށްލަން ނިންމާފައިވަނީ އޭގެތެރޭގައި ހިމެނޭ މީހަކު ލިއުމުން ހުށައެޅި ޙަގީގަތާ ޚިލާފު މަޢުލޫމާތު ތަކަކާއި އަދި އެ މައްސަލަ ބޮމްބޭ ހައިކޯޓުގައި ހިނގަމުންދިޔައިރު ހެކި ވަންހަނާ ކޮށްފައި ވަނިކޮށެވެ. އެމީހުން ދޫކޮށްލަން ގުޖުރާތު ސަރުކާރުން އަމުރުކޮށްފައިވަނީ މިދިޔަ އަހަރު އޯގަސްޓް މަހުގެ ތެރޭގައެވެ.
އެ އަމުރާގުޅިގެން އެމީހުން މިނިވަން ކުރުމުން މުޅިއިންޑިއާގައި ނުރުހުމުގެ ޝުއޫރުތައް ފާޅުކުރަމުން ގެންދިޔައެވެ. ސުޕްރީމްކޯޓުގެ ޙުކުމާދޭތެރޭ ސަރުކާރާ އިދިކޮޅު ފަރާތްތްތަކުން ގެންދަނީ މަރުޙަބާ ކިޔަމުންނެވެ.
އިންޑިއަން ލޯމޭކަރ ޕްރިޔަންކާ ޗަތުރވެޑީ ފާޅުކޮށްފައިވާ ޝުއޫރުތަކުގައި ހިތްވަރުގަދަ އަންހެން ކަނބަލުންނަށް ދިމާވާ ގޮންޖެހުން ތަކުގައި އިސްދަށަށް ނުޖަހާނެ ކަމަށާއި ހިތްވަރު ދިނުމުގެ ބަސްތައް ހިމަނާފައި ވެއެވެ.
އިދިކޮޅު ކޮންގްރެސްގެ ތަރުޖަމާނު ޕަވަން ޚޭރާ ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމުން ބީ. ޖޭ. ޕީ. އަކީ އަންހެނުންނަށް އިޙުތިރާމް ނުކުރާ ބައެއްކަން ސާފުވެގެން ހިނގައްޖެ ކަމަށެވެ.
އަދި އެއީ އެކުށްވެރިން މިނިވަންކުރަން މަސައްކަތްކުރި މުޑުދާރު ކްރިމިނަލުންގެ މޫނުމަތީގައި ޖަހާލި ވަރުގަދަ ތަފާލެއް ކަމަށެވެ. އަދި މިއީ އިންޑިއާގައި ޢަދުލު އިންސާފުގެ ތެރެއަށް ސަރުކާރުން އަތްބާނަން ފުރުސަތު ނުލިބޭނެކަން އަންގައިދޭ ރަނގަޅު ފިލާވަޅެއްކަމަށެވެ.
ހިންދޫންގެ 11 މީހުންވެގެން ބަލްގީސް ބާނޫ ރޭޕްކޮށްފައިވަނީ 2002 މާރޗް 3 ވަނަ ދުވަހު ގުޖުރާތުގެ ދަހޯދު ޑިސްޓްރިކްޓްގައި އޭގެ ކުޑަދުވަސްކޮޅެއ ްކުރިން ސަބަރމަތީ އެކްސްޕްރެސްގައި ހިންދޫންގެ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ޖަމާޢަތަކަށް ނިސްބަތް ކުރެވުނު 59 މީހަކު މަރާލައި އެމީހުންގެ ކޯޗުގައި އަލިފާން ރޯކޮށްލި ޙާދިސާއާއި ގުޅިގެން ހިނގާދިޔަ ނުރައްކާތެރި ދެކޮޅުވެރި ތަޅާފޮޅުންގަނޑުގެ ތެރޭގައެވެ.
އެމީހުން ތުޙުމަތު ކޮށްފައި ވަނީ ސަބަރމަތީ އެކްސްޕްރެސްގައި އެ ގަތުލު އާންމު ހިންގާފައިވަނީ މުސްލިމުން ކަމަށެވެ. އެކަމަކު މިހާތަނަށްވެސް އެ ހާދިސާގެ ޙަގީގަތް ހޯދިފައެއް ނެތެވެ. މިޙާދިސާއާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެއްހާސް މީހުން މަރުވެދިޔަ ކަމަށާއި އޭގެތެރޭގައި ގިނައީ މުސްލިމުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް ނުރަސްމީ މަޢުލޫމާތު ތަކަށް ބަލާއިރު އެ ޙާދިސާގައި 2000 މީހުން މަރުވެ ދިޔަކަމަށް އަންދާޒ ާކުރެވިފައި ވެއެވެ. އެދުވަސްވަރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވީ މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯތަކުން އެގާރަ ކުށްވެރިން ޖަލުން މިނިވަން ކުރުމުން އެމީހުންނަށް މަރުޙަބާ ކިއުމަށްޓަކައި ޢާއިލާތަކުން ދިޔަކަމަށާއި އަދި ރަޙުމަތްލެއްވުން އެދި އެމީހުންގެ ފައިތިލަތަކުގައި ބޮސްދިން މަންޒަރު ފެނިފައިވެއެވެ.
އަދި އޭގެ ތެރެއިން އެކަކު މިދިޔަ މާރޗްމަހުގެ ތެރޭގައި ބީ. ޖޭ. ޕީ. ގެ 2 ލޯމޭކަރުންނާއެކު ސްޓޭޖަކުން ވެސް ވަނީ ފެނިފައެވެ.
ބަލްގީސްބާނޫ ސުޕްރީމް ކޯޓަށް ހުށައެޅި ޝަކުވާގައި އެދިފައިވަނީ އެމީހުން މިނިވަން ކުރި މައްސަލަ ގުޖުރާތުގެ ކޯޓަށް ފޮނުވުމުގެ ބަދަލުގައި ކުރިންވެސް އެ މައްސަލަ ބެލި ބޮމްބޭގެ ކޯޓަށް ފޮނުވާދި ނުމަށެވެ.
މި ހާދިސާއަށްފަހު ބާނޫ އާއި އެހެން 15 މީހުން ވަނީ އެމީހުން ދިރިއުޅުނު ހިސާބު ދޫކޮށް އެހެން ތަނަކަށް ގޮސްފައެވެ.