ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒު ޙުސައިން ޝަމީމާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ސީޕީ ޝުޖާއު ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ އަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގަން ރާވާފައިވާ ޕްރޮގްރާމްތަކާބެހޭ މައުލޫމާތު ޕީޖީއާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ޕީޖީ ވަނީ އެޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގުމަށް ޕީޖީ އޮފީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މި ބައްދަލުވުމުގައި ވަނީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކުށްކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ.
މީގެ އިތުރުން މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގުމާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި ކުރިއަށްދާނެ ގޮތްތަކެއް ކަނޑައެޅުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މަޙްމޫދު ސަލީމާއި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަލީ ސަމީރާއި، ދެއިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.