ކިއުންތެރިންނަށް މިގެނެސްދެނީ ދުނިޔޭގައި ދެން ވެރިކަން ކުރާނެ ސުޕަރޕަވަރީ ކޮބައިތޯ ދެނެގަންނަންކުރި ދިރާސާތަކުގެ ބައެއް އުސް އަލިތަކެވެ.
އެފަދަ ދިރާސާތަކެއްގެ ތަފްސީލަށް ދިއުމަކީ އަޅުގަނޑުމެންގެ ހުދޫދުން ބޭރުވުން ކަމުގައިނޫނީ ނުވާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ގާބިލުކަން ތަންދޭ މިންވަރަކުން އަނެކުންނާ ހަމަޔަށް މަޢުލޫމާތު ގެނެސްނުދީ ދޫކޮށްލަން ޒަމީރު ތަނެއް ނުދެއެވެ.
ދިވެހީންގެތެރޭގައި ތިއްބެވި އުމުރުން ފަންސާހަކަށް އަހަރުން ދޮށީ ގިނަ ބޭފުޅުންނަށް ދުނިޔޭގެ ކަންތަކާއިމެދު ވިސްނާ ފިކުރުކުރައްވަން ފުރުސަތު ލިބި ވަޑައިގެންނެވި އިރު މުޅިދުނިޔެ އޮތީ ދެ ގައުމެއްގެ ބާރުގެ ދަށުގައޭ ބުނެވިދާނެއެވެ.
އެއްފަރާތުގައި އެމެރިކާއެވެ. އަނެއްފަރާތުގައި އޭރުގެ ޔޫއެސްއެސްއާރ އެވެ. މިހާރުގެ ނަމުން އެއީ ރަޝިޔާއެވެ. އެހެންނަމަވެސް އުމުރުން ސާޅީހަކަށް އަހަރުގެ ބޭފުޅުންނަށް ފެނިވަޑައިގެންފައި އޮންނާނީ މުޅި ދުނިޔެ އެންމެ ގައުމެއްގެ ބާރގެ ދަށުގައި އޮތް ޒަމާނެކެވެ. މިއަދުގެ ހަގީގަތަކީވެސް އެއީ ކަމުގައި ބުނެވިދާނެއެވެ. އެގައުމަކީ އެންމެންނަށްވެސް އެނގޭ ގޮތުގައި ސުޕަރ ޕަވަރއޭ މިކިޔާ އެމެރިކާއެވެ.
ރަޝިޔާ ރޫޅިގެން ދިޔައިރު ސިޔާސީ މައިދާނުގައި ދެކެވުނު ވާހަކަތަކާއި ކުރެވުނު ވަޢުދުތައް ވަރަށް އަވަހަށް އެމެރިކާއިން ހަނދާން ނައްތާލައިފިއެވެ. ލިބިފައިވާ ބާރު ޙިއްސާ ކުރުމަކީ ކުރަން ފަސޭހަ ކަމަކަށްވެސް ނުވީއެވެ. ކޮންމެއަކަސް ރަޝިޔާއަށް ލަނޑުދިނުމުން ރަޝިޔާއޮތީ އެމެރިކާދެކެ ރުޅިއައިސްފައެވެ.
މިކަން އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މިސަބަބަށްޓަކައި އެމެރިކާއިން ގަސްދުކުރީ ރަޝިޔާއަށް އެކިއެކި ނަމުގައި ދަތިކުރުމުގެ ފިޔަވަޅު އަޅައިގެންވިޔަސް އަލުން އުދުހި ނުގަނެވޭވަރަށް ރަޝިޔާގެ ފިޔަތައް ބިންދާލުމަށެވެ. އެކަން އެގޮތަށް ކޮށްނިންމާވެސް ލިއެވެ.
ޗައިނާއަކީ އޭރު އިގްތިސާދީގޮތުން ބާރަށް ކުރިއަރަމުން ދިޔަ ގައުމެކެވެ. އެމެރިކާއިން ބޭނުންވީ ޗައިނާ އެމެރިކާގެ ސަފަށް ގެންނާށެވެ. މިއަދުވެސް ޗައިނާގެ އެންމެބޮޑު ވިޔަފާރީގެ ބައިވެރިޔަކީ އެމެރިކާއެވެ. ކަންމިހެން އޮތްނަމަވެސް އެމެރިކާއަށް ލަފާކުރަންވެސް ނޭންގުނީ ޗައިނާއަކީ ދުވަހަކުވެސް އެމެރިކާނުންނަށް ނުވާނެ ކަމެވެ. މިއަދުވެސް ޗައިނާއަކީ ހަމަ ޗައިނާއެވެ.
ސަންދާނުގެ ކެމެރާ ތަޖްރިބާކާރުންގެ ދިރާސާއަށް އަމާޒުކޮށްލީމާ ފެންނަ މަންޒަރު ސިފަކޮށްދެވޭތޯ ދެން މަސައްކަތް ކުރާނަމެވެ.
ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް އަންނާނެ ކަމަށް ލަފާކުރެވޭ އެންމެ ބޮޑު ބަދަލަކީ ދުނިޔޭގެ ސުޕަރޕަވަރުގެ ގޮތުގައި މިލިޓްރީ އަދި އިގްތިސާދީ ބާރެއް އުފެދިގެން ދާނެކަމެވެ. އެހެންގޮތަކަށް ބުނާނަމަ އެމެރިކާގެ މިލިޓްރީ ބާރާއި ޗައިނާގެ އިގްތިސާދީ ބާރެވެ.

މިއިން އެއްވެސް ބާރަކުން މާޒީ އަލުން ރުޖޫޢަ ކުރުމުގެ ފުރުސަތު ލިބިދާނެއެކޭ ނުބުނެވޭނެއެވެ. މިލިޓްރީ ގޮތުން އެމެރިކާއާއި ފައިހަމަ ނުކުރެވުނަސް މުޅިދުނިޔެ އެމެރިކާގެ ބާރުގެ ދަށަށް ގެނައުމުގެ ފުރުސަތު ދެނެއް ނުލިބޭނެއެވެ. އަދި ޗައިނާއިން މުޅި ދުނިޔޭގެ އިގްތިސާދުގެ މޮނޮޕޮލީ ލިބިގަތުމުގެ ފުރުސަތުވެސް ނުދޭނެއެވެ. މިޙާލަތުގައި ދުނިޔޭގެ ސުޕަރޕަވަރަކަށް ވާނީ އެތައް ގައުމެއް ހެއްޔެވެ؟
މިސުވާލުގެ ޖަވާބު ކިތަންމެ ސާދާ އިބާރާތަކުން ދެވެން އޮތްނަމަވެސް އެ ޖަވާބު ހޯދުމާމެދު އާންމު ފަރުދުން ވިސްނަމުން ގެންދާކަމަކަށްވެސް ނުބެލެވެއެވެ.
އެކަމަކު އެ ސުވާލުގެ ޖަވާބަކީ މުޅި ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުން ގެންދާ ހުރިހާ އެންމެންނާ ސީދާގޮތުން ގުޅި ލާމެހިފައިވާ ޖަވާބެކެވެ. އެއިން ރެކެވޭނެ މަގެއް ނުވެސް ފެންނާނެއެވެ. އެހެނީ މިހާރުވެސް އޭގެ ޢަލާމާތްތައް ދުނިޔޭގެ ކޮންމެ ދިމާލަކުންވެސް ފެންނަމުން ދާތީއެވެ.
މީގެ ވަރަށް ހަރުދަނާ މިސާލެއް ފާހަގަ ކޮށްލާނަމެވެ. ރަޝިޔާއާއި ޔޫކްރެއިނާއިދެމެދު ހަނގުރާމަ ހިނގަމުދާތާ ދުވަސްތަކެއް ފާއިތުވެގެން ދަނީއެވެ. ގަބޫލުކުރަންޖެހޭ ޙަގީގަތަކީ ކުރިއަށް އޮތް ތަނުގައި ދުނިޔެ ތަޖްރިބާ ކުރަންޖެހޭނެ ބާރުގަދަ ސުޕަރޕަވަރުގެ ބައިވެރިވުން ނެތި އެމެރިކާއާއި ހުޅަނގުން ފޯރުކޮށްދެމުން ގެންދާ ބައިވަރު މިލިޓްރީ އަދި ފައިސާގެ އެހީތަކާއެކުގައި ވެސް ޔޫކްރެއިންގެ ލަޝްކަރުތަކަށް ރަޝިޔާ ސިފައިންގެ ކުރިމަތީގައި ދެތިން މަސްދުވަހުވެސް ފައިހަރުކޮށް ނުލެވޭނެއެވެ. އަދި ރައީސް ޒެލެންސްކީ މިހާރު ހުންނަވާނެ ޙާލުކޮޅެއްވެސް ބުނާކަށް ނޭގެއެވެ.
މިއިޝާރާތްކުރާ ބާރުގަދަ ސުޕަރޕަވަރަކީ ޑިޖިޓަލް ޓެކްނޯލޮޖީއެވެ. ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގާ ރަޝިޔާގެ ސައިބަރ ޙަމަލާތަކުގެ ފުރިހަމަ މަޢުލޫމާތު ސިކުންތުން ސިކުންތަށް ޔޫކްރެއިންގެ މިލިޓްރީ ޖެނެރަލުންނަށް ފޯރުކޮށްދޭ ފަދައިން އެމެރިކާގެ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޑޮނާލްޑް ޓްރަމްޕަށް ކުރިމަތިލެއްވުމާއި ނުލެއްވުން ފައިސަލާ ކުރާނީވެސް މި ބާރުގަދަ ޑިޖިޓަލް ޓެކްނޯލޮޖީއެވެ.
ތިމަތިމާމެންގެ އެކައުންޓްގައި ބޭންކަށް ޖަމާކޮށްފައި ފައިސާއަށް މާދަމާ އިރުއަރާއިރު ވާނެގޮތެއްވެސް ކަނޑައަޅާނީ ޑިޖިތަލް ޓެކްނޯލޮޖީންނެވެ. ދިވެހި ރާއްޖޭގެ ރަންބިސް އަޅާ ކުކުޅުގެ ބިސް ފީކުރަން ފުރުސަތުދޭނީތޯ ނުވަތަ ބިސް ތަޅާލާނީތޯވެސް ޙުކުމްކޮށް އެ ޙުކުމް ތަންފީޒުކުރުމުގެ ބާރުވެރިޔަކީ ހަމަ ޑިޖިޓަލް ޓެކްނޯލޮޖީއެވެ.
އެމީހުންނަށް ފައިސާ ލިބޭނަމަ ކިތަންމެ ބޮޑު ދޮގެއްވެސް އެއީ ތެދުކަމުގައި އިޝްތިހާރުކޮށް ދޭނެއެވެ. މިއީ ޑިޖިޓަލް ޓެކްނޯލޮޖީގެ ޙަގީގަތުން ކުޑަ މިންވަރެކެވެ.
އެހެން ގައުތަކެކޭ އެއްފަދައިން އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި ހިނގަމުންދާ ބައެއް ނޭދެވޭ ކަންކަމުގެ ޙިއްސާއެއްވެސް ޑިޖިޓަލް ޓެކްނޯލޮޖީ ނުވަތަ ސާދާ ބަހުންނަމަ ސޯޝަލް މީޑިއާގެ ބޮލުގައިވެސް އަޅުވަން ޖެހޭނެއެވެ. ބައެއްފަހަރު މިގައުމުގެ މަސްލަޙަތަށްވުރެން ބޮޑަށް ސޯޝަލް މީޑިއާގެ އަމިއްލަ ވިސްނުން އިޝްތިހާރުކުރަން މަސައްކަތް ކުރަމުން ގެންދާތަން އެބަ ފެންނާތީއެވެ.
މި ލިއުން ފަށަމުން ހާމަކޮށްފައިވާ ފަދައިން އެމެރިކާގެ ބާރުގެ ދަށަށް މުޅިދުނިޔޭގެ މިލިޓްރީބާރު ގެންދިއުމަށް ފުރުސަތު ނުލިބޭނެއެވެ. ހަމައެފަދައިން މުޅިދުނިޔޭގެ އިގްތިސާދު ޗައިނާގެ ބާރުގެ ދަށަކަށްވެސް ނުގެންދެވޭނޢވެސް މެއެވެ.
އެކަމަކު މިލިޓްރީއާއި އިގްތިސާދު އޮންނާނީ ޑިޖިޓަލް ޓެކްނޯލޮޖީގެ ބާރުގެ ދަށުގައެވެ. ހަނގުރާ ޢިއުލާން ކުރުމާއި ވިޔަފާރީގެ އެއްވެސް ގާއިމް ކުރުމަކީ ގައުމުތަކުންގެ ވެރިންގެ ބާރުގެ ދަށުން ބޭރުވެ ޑިޖިޓަލް ޓެކްނޯލޮޖީ ކުންފުނިތަކުން ކޮންޓްރޯލް ކުރާކަމަށް އިސާހިތަކު ވެ ނިމިގެން ދާތަން ފެންނާނެއެވެ.
ނިންމާލާނީ ކުޅުދުއްފުށީ މީހުންގެތެރޭގައި މަޝްހޫރު ޖުމުލައަކުންނެވެ. ދައްކަވަންހުރިތަނެއް ދައްކަވާފައި މެނުވީ ނުގެންދަވާނެއެވެ.
One Response
މިހާރުވެސް އަމުރުތައް އަންނަނީ ޑިޖިޓަލް ޓެކްނޯލޮޖީ ކުންފުނިތަކުންނެވެ. ގައުމުތަކުގެ ވެރިންނަކީ ހަމައެކަނި އެ އަމުރުތައް ހާމަކޮށްދޭން އޮންނަ އަނގައެކެވެ. ޑިޖިޓަލް ޓެކްނޯލޮޖީން އަންގާގޮތް ނޫންގޮތަކަށް އުޅެން ގަސްދުކޮށްފިނަމަ އިސާހިތަކު އެމީހަކު ފަޟީހަތް ކޮށްލާނެއެވެ. ތެދު ދޮގު އެއީ ޓެކްނޯލޮޖީ ދަންނަ އެއްޗެއް ނޫނެވެ. އަގުދިން ވަރަކުން އިޝްތިހާރު ކޮށްދޭނެއެވެ.